އަޅުގަނޑުގެ ވެރިކަމެއްގައި ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް ކުރާނަން: ގާސިމް

ގދ. ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލްކޮށް ބޮޑެތި ބޯޓް ފަހަރު ޖެއްސޭވަރަށް ތަރައްގީކުރާނެކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރިޔާސީ އިންތިހާބަށް ތާއިދު ހޯދުމަށް ހުވަދު އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުގައި މިރޭ ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމު ވިދާޅުވީ ދުނިޔޭގެ ވެސް އެންމެ ބޮޑު އަތޮޅަކީ ހުވަދު އަތޮޅު ކަމަށާއި އެހެންކަމުން އެ އަތޮޅަށް ބޮޑު ތަރައްގީއެއް ގެނެސްދޭނެކަމަށެވެ.
"އަޅުގަނޑުގެ ވެރިކަމެއްގައި ކާޑެއްދޫ އެއާޕޯޓް އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދާނަން. އަދި ބޮޑެތި ބޯޓް ފަހަރު ޖެއްސޭވަރަށް އެއާޕޯޓް ތަރައްގީކުރާނަން. ހުވަދު އަތޮޅު ތަރައްގީކޮށް ހަދާނަން. މިއީ ކުރާނެކަމެއް،" ގާސިމު ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ހުވަދު އަތޮޅުގައި ރިސޯޓް ތަރައްގީކުރާނެކަމަށާއި ހުވަދު އަތޮޅުގެ ތަރައްގީ ތުބުމުގެ އެންމެ ކުރިއަށް ޖައްސާލާނެކަމަށެވެ.
ދަތުރުފަތުރުގެ ނިޒާމަށް ފާޑު ވިދާޅުވަމުން ގާސިމު ވިދާޅުވީ ކައުންސިލްތައް މެދުވެރިކޮށް ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރާނެކަމަށެވެ. އެމްޑީޕީ ސަރުކާރަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ ފެރީގެ ނިޒާމް ތައާރަފްކޮށްފައި ވަނީ އެކަން ކުރާނެ އުސޫލެއް ވެސް ނޭނގި ތިބެ ކަމަށެވެ.
" ނަތީޖާއެއްގެ ގޮތުން ފެރީގެ ނިޒާމް މިހާރު ފެއިލުވެފައި. އެހެންކަމުން ޖުމްހޫރީ ޕާޓީގެ ވެރިކަމެއްގައި ދުވަހުން ދުވަހަށް ރަށަށް އާދެވޭނެ ގޮތަށް އެކުލަވާލެވޭ ހަރުދަނާ ފެރީގެ ނިޒާމެއް ގާއިމް ކުރާނަން. އެކަން ކުރެވޭނެ އެތަޖުރިބާއާއި ގާބިލްކަން އެބަހުރި،" ގާސިމް ވިދާޅުވިއެވެ.
ތިނަދޫގައި މިރޭ ބޭއްވި ޖަލްސާގައި ގާސިމުވަނީ ހުވަދު އަތޮޅު ތަރައްގީއަށާއި ތިނަދޫ ތަރައްގީއަށް ކުރަން ހުރި ކަންތައްތަކެއް ވިދާޅުވެ ވައުދުތަކެއް ވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ