ޑޯގް ސްކޮޑް ގާއިމުކުރަނީ އިސްލާމިކް މިނިސްޓްރީގެ އިރުޝާދާއެކު: އުމަރު

ދިވެހި ފުލުހުންގެ ފައުޖުގައި އަލަށް ހިމަނާ ޑޯގް ސްކޮޑް ގާއިމުކުރާނީ ދީނީ ގޮތުން އެފަދަ ސްކޮޑެއް ގާއިމުކުރުމުގައި ކަނޑައަޅާފައިވާ މިންގަނޑުތަކަށް ފެތޭ ގޮތަށް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ވިދާޅުވީ ޑޯގް ސްކޮޑް ގާއިމުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އިސްލާމިކް މިނިސްޓްރީގެ ލަފަ އާއި އިރުޝާދުގެ ދަށުންކަމަށާއި، އެކަމަށް ބޭނުންވާ ދީނީ ލަފާ ލިޔުމުން ހޯދާފައިވާކަމަށެވެ. ޑޯގް ސްކޮޑް ރުކުރުވާ ތަންތަނާއި، ތަމްރީނުކުރުމަށް ހަމަޖައްސާ މަރުކަޒުގައި ހުރިހާ ކަމެއް ގާއިމުކުރާނީ ވެސް އެ މިނިސްޓްރީގެ ލަފައާ އެއްގޮތަށް ކަމަށް ވެސް ވިދާޅުވި އެވެ.
ފުލުހުން ކުރިއަށް ގެންދާ ބޮޑެތި އޮޕަރޭޝަންތަކުގައި ކުއްތާ ބޭނުންކުރުމަށް ހަމަޖައްސާފައިވާއިރު، ފުރަތަމަ ދުވަސްކޮޅު ކޮންމެވެސް ވަރެއްގެ މައްސަލަތަކެއް ކުރިމަތިވާނެކަމަށް ގަބޫލު ކުރައްވާކަމަށް އިޝާރާތް ކުރައްވާ އުމަރު ވިދާޅުވީ ޑޯގު ސްކޮޑް ގާއިމުކުރާއިރަށް ފުލުހުންގެ ތެރޭގައި ހަދަން ޖެހޭ ގަވާއިދު ވެސް މިހާރު ހަދާފައިވާކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އެފަދަ ކުދި ކުދި މައްސަލަތައް ފުރަތަމަ ކޮޅު ހިނގާ. އަދި ކަމާނުބެހޭ މީހެއްގެ ފަހަތުން ކުއްތާއެއް ދިއުމަކީ ވަރަށް ނާދިރުކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެ ގެންނަ ކުއްތާ ސްކޮޑުގައި ހިމެނެނީ، ބޯޓު ފަހަރުގެ ކޮންޓެއިނަރުތަކާއި، ފަލްކާ ތެރެއަށް ބާލައިގެން ވަސް ބެލޭ ކަހަލަ ސައިޒު ކުދި ކުއްތާއާއި، ބޮޑެތި ރެއިޑުތައް ފުލުހުން ހިންގާއިރު ބޭނުންކުރާނެ ބޮޑެތި ކުއްތާގެ އިތުރުން، އަދި އެކިއެކި ބަނދަރުތަކުގައި ބޭނުންކުރާނެ އެކި ސައިޒުތަކުގެ ކުއްތާ އެވެ.
ހޯމް މިނިސްޓަރު ވިދާޅުވީ ގޮތުގައި އަންނަ އަހަރުގެ ޖެނުއަރީ މަސް ނިންމެންވާއިރު ރާއްޖޭގައި ކުއްތާ ސްކޮޑެއް އޮންނާނެ އެވެ. އަދި މިފަހަރު މިކަން ކުރާނީ ދެމެހެއްޓެނެެވި ގޮތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ