ގުރުއާން މުބާރާތްތަކުން ވަނަތައް ހޯދާ ފަރާތްތަކަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް އަންގައިފި

އެކި ރަސްމިއްޔާތުތަކުގަޔާއި، ޖަލްސާތަކުގަޔާއި، ބައްދަލުވުންތަކުގައި، ކީރިތި ޤުރްއާން ކިޔެވުމަށް ކުދިންނާއި މީހުން ހަމަޖައްސަވާއިރު، ޤައުމީ ފެންވަރުގައި ބާއްވާ ޤުރްއާން މުބާރާތްތަކުން މަތީ ވަނަތައް ހޯދާ ފަރާތްތަކަށް އިސްކަން ދެއްވައިގެން، އެފަދަ ފުރްޞަތުތައް ދެއްވަމުން ގެންދެވުމަށް ސަރުކާރުގެ އިދާރާތަކަށާއި ސަރުކާރު ޙިއްޞާވާ ކުންފުނިތަކަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަންގަވައިފިއެވެ.
މިކަން އަންގަވާފައިވަނީ، އެ އޮފީހުން މިއަދު ނެރުއްވި ދެންނެވުމެއްގައެވެ.
މިދިޔަ ހޮނިހިރު ދުވަހުގެރޭ ބޭއްވެވި ކީރިތި ޤުރްއާން ކިޔެވުމުގެ 28 ވަނަ ޤައުމީ މުބާރާތުގެ އިނާމު ދެއްވުމުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަމުން، ސަރުކާރުންނާއި އެނޫން ފަރާތްތަކުން ބާއްވަވާ އެކިއެކި ޖަލްސާތަކުގައި، ޤައުމީ ފެންވަރުގައި ބާއްވާ ޤުރްއާން މުބާރާތްތަކުން މަތީވަނަ ހޯދާ ފަރާތްތަކަށް ޤުރްއާން ކިޔެވުމުގެ ފުރްޞަތު ހޯއްދަވައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
އަދި ރާއްޖޭގެ ރޭޑިއޯ ސްޓޭޝަންތަކާއި ޓީ.ވީ ސްޓޭޝަންތަކުންވެސް އެކުދިންނަށާއި މީހުންނަށް، އެ ފުރްޞަތު ހޯއްދަވައިދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އެދިވަޑައިގެންފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުރިއަށް އޮތީ ބަރަކާތްތެރި ރަމަޟާން މަސް ކަމަށްވުމާއެކު، އެކުދިންނަށާއި މީހުންނަށް ޤުރްއާން ކިޔެވުމުގެ ފުރްޞަތު، އެކި ޕްރޮގްރާމްތަކުން ލިބޭގޮތަށް މަސައްކަތް ކޮށްދެއްވުމަށް މީޑިއާގެ ދާއިރާގައި ޙަރަކާތްތެރިވެވަޑައިގަންނަވާ ހުރިހާ ފަރާތްތަކަކަށާއި، ކަމާބެހޭ އިދާރާތަކަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ