ސާކް މަޖިލިސްތަކުގެ ކޮންފަރެންސްގެ ނައިބަކަށް އަބްދުﷲ ޝާހިދު

ހަވަނަ ސާކް ސްޕީކާސް އެންޑް ޕާލަމަންޓޭރިއަންސް ކޮންފަރެންސްގެ ނައިބު ރައީސްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ހޮއްވަވައިފި އެވެ.
އެމަނިކުފާނު އެ މަޤާމަށް ހޮއްވެވީ މިމަހުގެ ހަތަރު ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ސާކު ޤައުމުގެ ތަކުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސުންނާއި މަޖިލިސް މެންބަރުންގެ މެދުގައި ކުރިއަށް ގެންދާ ކޮންފަރެންސްގަ އެވެ.
ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދުގައި ކުރިއަށްދާ މި ކޮންފަރެންސްގައި ރައީސް ކަމަށް ހޮއްވެވީ ޕާކިސްތާނުގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ޑރ. ފަހްމީދާ މިރުޒާ އެވެ.
ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އިފްތިތާހު ކޮށްދެއްވި މި ކޮންފަރެންސްގެ އިއްޔެ ބައްދަލުވުމުގައި މެންދުރުކުރީގެ ދެވަނަ ސެޝަންގެ ރިޔާސަތު ބަލަހައްޓާފައިވަނީވެސް އަބްދުﷲ ޝާހިދެވެ.
މިކޮންފަރެންސްގައި ތަޤުރީރު ކުރައްވަމުން ޝާހިދު ވިދާޅުވީ މި ކޮންފަރެންސް ކުރިއަށްދާ ދުވަސްވަރަކީ، މި ސަރަހައްދަށާއި އާންމުކޮށް މުޅި ދުނިޔެއަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާ ދުވަސްވަރެއް ކަމަށެވެ. އެގޮތުން މޫސުމަށް އަންނަމުންދާ ބަދަލުތަކާއި، ދުނިޔޭގެ އިޤްތިސާދަށް އަންނަމުންދާ ބަދަލުތަކާއި ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކުގެ މައްޗަށް ޝާހިދުގެ ތަޤުރީރުގައި އަލިއަޅުވައިލެއްވި އެވެ. އަދި މި ދުވަސްވަރަކީ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަމާއި، މަދަދު ފޯރުކޮށްދޭންވީ ދުވަސްވަރެއް ކަމުގައިވެސް ޝާހިދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ފުރިހަމަ ޤާނޫނުތަކެއް އަދި ގަވާއިދުތަކެއް ހެދުމަށް ޑިމޮކްރެޓިކް ވެއްޓެއް އެ ޤައުމަކަށް ހޯދުން މުހިއްމު ކަމަށެވެ.
"އޭގެ ސަބަބުން ސަރުކާރަށް އެޤައުމެއްގެ ރައްޔިތުންނަށް ފުރިހަމަ އެހީތެރިކަން ފޯރުކޮށްދެވޭނެ. މި ސަރަހައްދަށް އަދި މުޅި ދުނިޔެއަށް ބެލިކަމުގައިވިޔަސް ޑިމޮކްރަސީއަކީ އޭގެ ޒާތުގައި އަބަދުވެސް ފުރިހަމަ ވަމުންދާ އެއްޗެއް. އަދި ސިޔާސީ މާޙައުލަށް ނުވަތަ އިޤްތިޞާދަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން އެއަށް އަސަރު ކުރަމުންދާ އެއްޗެއް،" ޝާހިދު ވިދާޅުވި އެވެ.
މިކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ޕާކިސްތާނަށް ވަޑައިގެންނެވި ވަފްދުގައި ހިމެނިވަޑައިގަންނަވަނީ އެމްޑީޕީގެ ހިންނަވަރު ދާއިރާގެ މެންބަރު އިބްރާޙިމް މުޙަންމަދު ސާލިހާއި، ހުޅުހެންވޭރު ދާއިރާގެ މެންބަރު މޫސާމަނިކާއި، މަހިބަދޫ ދާއިރާގެ މެންބަރު ރުޤިއްޔާ މުޙައްމަދާއި، ޑީއާރްޕީގެ ފެލިދޫ ދާއިރާގެ މެންބަރު ޔޫސުފް ނައީމާއި އަދި ޕީޕީއެމްގެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ މަސީޙް މުޙަންމަދެވެ. މިދަތުރުގައި ރައްޔިތުންގެ މަޖިލީހުގެ އަމީން ޢާންމު އަޙްމަދު މުޙަންމަދު ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ