ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އަމަލުފުޅު ކުރައްވަމުން ގެންދަވާ ގޮތުން ދިވެހިރައްޔިތުން މިއަދު ރައްޔިތުންގެ މަޖިލީހަށް އިތުބާރު ނުކުރާ ކަމަށް މަޖިލީހުގެ ބައެއް މެންބަރުން މިއަދު ވިދާޅުވެއްޖެ އެވެ.
އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމަށް ކޮމެޓީން ހުށަހެޅި ރިޕޯޓްގެ ބަހުސްގެ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުން މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ވަޒީރުންގެ މައްޗަށް ނަގާ އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމުން ކޮރަޕްޝަނުގެ "ހާއްޔެއް"ހަދައިގެން ތިބި ބައެއް ކަމަށް ރައްޔިތުން ހަދާނެ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުންގެ މަޖިލީހާ މެދު ދިވެހިރައްޔިތުން މިހާރު އިތުބާރު ނުކުރާ ކަމަށާއި މަޖިލީހުގެ މެންބަރުންނާ ދިމާލަށް ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުގެ އިނގިލި ރައްޔިތުން ދިއްކުރަމުން ދަނީ މަޖިލީހުގެ މެންބަރުންގެ އަމަލުފުޅުތައް ހުންނަ ގޮތުން ކަމަށެވެ.
"ދިވެހި ރައްޔިތުން މި މަޖިލީހަށް މިހާރު އިތުބާރެއް ނުކުރޭ. އެއީ ކީއްވެތޯ. ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ސިޔާސީ ކޮންމެ ބޭފުޅަކު ބޭނުން ވަނީ ބާރު ހޯދަން. ބާރެއް ނުލިބޭނެ އަދާވާތްތެރިކަމާއި ރުޅިވެރިކަމަކުން ބާރެއް ރައްޔިތުންނެއް ނުދޭނެ. ރައްޔިތުން ބާރު ދޭނީ އަދި ﷲ ތައާލާ ރައްޔިތުންނަށް ބާރުދޭނީ އެމީހެއްގެ ތެދުވެރިކަމާއި އިހްލާސްތެރިކަމުން،" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ވިދާޅުވީ އިތުބާރު ނެތް ކަމުގެ ވޯޓް ސިއްރު ކުރުމުން ހައްގު ނޫން ގޮތުގައި ފައިސާ ހޯދުމުގެ ފުރުސަތު މަޖިލީހުގެ މެންބަރުންނަށް ތަނަވަސްވެގެންދާނެ ކަމަށާއި ރައީސުލްޖުމްހޫރިއްޔާ "ދުއްވާލުމަށް" އެފަދަ ކަމެއް މަޖިލީހުން ކޮށްގެން ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މަގާމުން ދުރުކޮށްފި ނަމަ ގައުމުގެ އިގްތިސާދު ހަލާކުވެ، ރައްޔިތުން ހަލާކުވެ، ގައުމު ނެތިގެން ވެސް ހިނގައިދާނެ ކަމަށެވެ.
މަޖިލީހުގެ މެންބަރުން ރިޝްވަތު ނަންގަވާ ކަމަށް ތުހުމަތު ކުރައްވައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަހުމަދު މަހުލޫފު ވެސް މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދެއްކެވި އެވެ. އޭނާ އެފަދަ ތުހުމަތުތަކެއް ކުރެއްވުމުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ވެސް ވަނީ މަހުލޫފަށް ފާޑު ވިދާާޅުވެއް ވާހަކަފުޅު ދައްކާފަ އެވެ.
ވޯޓް ސިއްރު ކުރުމަށް ކޮމެޓީން ހުށަހެޅި ރިޕޯޓަށް ސަރުކާރަށް ތާއިދު ކުރާ ގިނަ މެންބަރުން ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު މުހައްމަދު މުޖުތާޒު ވިދާޅުވީ މަޖިލީހުގެ ގަވާއިދަށް އިސްލާހު ހުށަހަޅަންޖެހޭނީ 142 ވަނަ މާއްދާގެ މަތިން ހުށަހަޅާ ގަރާރަކުން ކަމަށެވެ. އަދި އެއަށް ބަހުސްކޮށް މަޖިލީހުގެ ތަޅުމުން ފާސްކޮށްގެން ކޮމެޓީއަށް ފޮނުވައި، ދިރާސާކޮށް ނިންމުމަށް ފަހު އެ އިސްލާހު މަޖިލީހުގެ ތަޅުމަށް ހުށަހެޅިދާނެ ކަމަށެވެ. ނަމަވެސް ކޮމެޓީން ފާސްކޮށް މަޖިލީހުގެ ތަޅުމަށް ގެނެސްފައިވާ އިސްލާހަކީ މަޖިލީހުގެ ތަޅުމަށް ހުށަހެޅުމެއް ނެތި، ކޮމެޓީއަށް މެންބަރަކު ހުށަހަޅުއްވައިގެން ފާސްކޮށްގެން ގެނައި އިސްލާހެއް ކަމަށެވެ. ނަމަވެސް އެގޮތަށް އެކަން ނުކުރެވޭނެ ކަމަށް މުޖުތާޒު ވިދާޅުވި އެވެ.
ނަމަވެސް އެއަށް ރައްދު ދެއްވަމުން ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވީ ކޮމެޓީއަށް މެންބަރަކު އިސްލާހެއް ހުށަހެޅުމުން ކޮމެޓީން ފާސްކޮށްގެން ތަޅުމަށް ފޮނުވައި ފާސްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ރިޔާސަތުގެ ސަމާލު ކަމަށް ގެނެސްފައި ނުވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.
މަޖިލީހަށް ރައްޔިތުން މިހާރު އިތުބާރެއް ނުކުރޭ: މެންބަރުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ