ގާޒީ ބާރީ އާއި ބައްދަލުކުރެއްވިކަން ސާބިތުކޮށްދީފިނަމަ އިސްތިއުފާ ދޭނަން - މުހުތާޒް

ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް އާއި ރޭ ބައްދަލުކުރެއްވިކަން ސާބިތުކޮށްދީފި ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫހެއް ކަމަށްވާ "އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި މުހުތާޒް ވިދާޅުވީ ކެފޭ ލަޔާލީއަށް ވަޑައިގަތީ އާއިލާގެ ދެ ކުއްޖަކާ އެކު ކަމަށާއި އެވަގުތު އެ ކެފޭގައި ގާޒީ ބާރީ އިންނެވި ނަމަވެސް އޭނާ އިންނެވީ ވަކިން މޭޒެއްގައި ކަމަށެވެ. އަދި ރޭ ގާޒީ ބާރީ އާއި އެތަނުން ބައްދަލުކޮށްފައި ނުވާނެ ކަމަށް ވެސް މުހުތާޒް ވިދާޅުވިއެވެ.
ގާޒީ ބާރީ ކެފޭގައި އިންނެވި ހަބަރު ލިބުމާއި ގުޅިގެން އެތަނަށް ނޫސްވެރިން އައި ކަމަށާއި އެ މީހުން ގާޒީ ބާރީ ވީޑިއޯކުރަން ފެށުމުން އެ ކެފޭގެ ވެރިޔާ އައިސް ނޫސްވެރިންގެ އަތުން ކެމެރާ އަތުލި ކަމަށް ވެސް މުހުތާޒް ވިދާޅުވިއެވެ.
ގާޒީ ބާރީއަކީ ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު ބަންދުކުރި މައްސަލައިގައި ދައުވާލިބޭ ހުރިހާ ބޭފުޅުންގެ މައްސަލަ ބަލާ ބެންޗުގައި އިންނަވާ އެއް ފަނޑިޔާރެވެ. އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ މައްސަލަ ބަލާ ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރަކީ ވެސް ގާޒީ ބާރީއެވެ.
ރެސްޓޯރަންޓެއްގެ ވެރިފަރާތުގެ ހުއްދަ ނުހޯދައި އެތަނުން ވީޑިއޯ ކުރަމުންދިޔަ މައްސަލައެއްގައި ރާއްޖެ ޓީވީގެ ހަތަރު ނޫސްވެރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައިރު، ރާއްޖެ ޓީވީ އިން ބުނީ ނޫސްވެރިން ހައްޔަރުކުރީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާ ބައްލަވާ ފަނޑިޔާރުންގެ ބެންޗްގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުއާއި ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ރެސްޓޯރެންޓެއްގައި “ސިއްރު” ބައްދަލުވުމެއްގައި ތިއްބަވަނިކޮށް ކެމެރާ ކުރުމުން ކަމަށެވެ.
ރާއްޖެ ޓީވީ އިން އިތުރަށް ބުނީ ރާއްޖެ ޓީވީގެ ނޫސްވެރިން ވީޑިއޯ ކުރަން ތިއްބާ ގްރޫޕަކުން އައިސް ހުރަސް އެޅި ކަމަށާއި މަންޒަރު ދުށް މީހުން ބުނީ އެ މީހުން މަސައްކަތްކުރީ ވީޑީއޯ ފުހެލުމަށް ކަމަށެވެ. އަދި ކެމެރާ އަތުލުމަށް ބާރީ އަމުރުކުރައްވަމުން ގެންދެވި ކަމަށް ވެސް މަންޒަރު ދުށް މީހަކާއި ހަވާލާދީ ރާއްޖެ ޓީވީ އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ