އިސްރާއީލް ސިފައިން ފަލަސްތީނުގެ 6 ޒުވާނުން ފާހަނާއަށް ވެއްދުމަށް ފަހު ޝަހީދު ކޮށްލައިފި

އިސްރާއީލް ސިފައިން، ޣައްޒާގައި ފަލަސްތީނުގެ 6 ޒުވާނުން ފާހަނާއެއްގެ ތެރެއަށް ވެއްދުމަށް ފަހު ޝަހީދު ކޮށްލައިފި އެވެ.
އަލްޖަޒީރާ ނިއުސްއިން ރިޕޯޓު ކުރާ ގޮތުން، މި ހާދިސާ ހިނގި ކަން، މަންޒަރު ދުށް ފަރާތަކުން ވަނީ އެ މީޑިޔާއާ ހިއްސާ ކޮށްފަ އެވެ.
"އެއީ ހަމަ ސީދާ ޤަތުލުޢާންމެއް. އެ ޒުވާނުންތައް މިހުރި ގޭގެ ފާހަނާތެރެއަށް ވައްދާފައި މަރާލީ. ބަޑީގެ ވަޒަންތައް ފާރަށް އަރާފައި ހުރި ތަން ވެސް ފެންނާނެ." މަންޒަރު ދުށް މީހާ އަލްޖަޒީރާއަށް ކިޔައިދިނެވެ.
ޚާން ޔޫނިސްގައި މި ހާދިސާ ހިނގާފައި ވަނީ، މީގެ ދުވަސްކޮޅެއް ކުރިންނެވެ. އިސްރާއީލް ސިފައިން، ފާހަނާއަކަށް ވައްދާފައި ޝަހީދު ކޮށްލި ޒުވާނުންގެ ހަށިގަނޑުތައް އެ ފާހަނާ ތެރޭގައި ހުރި ތަން އަލްޖަޒީރާގެ ނޫސްވެރިންނަށް ފެނިފައިވާ އިރު، އެ ހަށިގަނޑުތައް ހުރީ ގިނަދުވަސް ވެގެން ހަލާކު ވެފަ އެވެ.
މިއަދު ޚާން ޔޫނިސް އަދި ޝަޖިއްޔާ އަވަށަށް ގިނަ ބަޔަކު ވަނީ އަނބުރާ ގޮސް، އެތަނުގައި ޝަހީދުވެފައިވާ މީހުންގެ ހަށިތައް ނަގަމުންނެވެ. އަދި ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުން އުވާލުމާ އެކު، އެތަންތަނަށް އަނެއްކާވެސް ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމުގެ ޔަޤީންކަން އޮތުމާ އެކު، އެ އަވަށްތަކަށް ދާ މީހުން ދަނީ އަވަހަށް އެތަނުން ނިކުންނަމުންނެވެ.
އިސްރާއީލުން ޣައްޒާގައި ހިންގާ ލާއިންސާނީ ޖަރީމާތަކުގެ ތެރޭގައި، އިސްރާއީލުގެ ސިފައިންގެ މީހެއް ގެއްލިފައިވާތީ، ފަލަސްތީނުގައި ހަމާސްއިން އެމީހާ "ރަހީނު" ކުރީ ކަމަށް ބުނެ، އިސްރާއީލާ އެމެރިކާއިން ދަނީ ހަމާސްއާ ދިމާލަށް އިނގިލި ދިއްކުރަމުންނެވެ.
އެހެން ނަމަވެސް، ހަމާސްއިން މިއަދު ބުނެފައި ވަނީ، ހަމާސްއިން މިފަދަ ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ.
އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާގައި ވެސް، މިއަދުގެ އިރު އެރީއްސުރެ މިހާރާ ހަމައަށް 47 އަށް ވުރެ ގިނަ މީހުން ޣައްޒާއިން ވަނީ ޝަހީދުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ