ސަރުކާރުން ހިންގާ ސްކޫލުތަކުގައި ޕްރީ ސްކޫލް ދަރިވަރުންނަށް ކިޔަވައިދޭ ޓީޗަރުން ވެސް ޑިޕްލޮމާ ފެންވަރަށް ގެންދިއުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވް ޝެރީނާ އަބްދުއްސަމަދު ވީނިއުސްއަށް ވިދާޅުވީ ސްކޫލްތަކުގައި ކިޔަވައިދޭ ހުރިހާ ޓީޗަރުންނަކީ ވެސް އެންމެ ދަށްވެގެން ޑިޕްލޮމާ ފެންވަރުގެ ޓީޗަރަކަށް ހެދުމަށް ސަރުކާރުން ކުރި މަސައްކަތް ވަރަށް ކާމިޔާބު ކަމަށެވެ. ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނުއިރު އެއްވެސް ސްކޫލެއްގައި އެއަށްވުރެ ދަށް ފެންވަރުގެ ޓީޗަރަކު ނުހުންނާނެ ކަމަށް ޝެރީނާ ވިދާޅުވިއެވެ.
ޝެރީނާ ވިދާޅުވީ އެ އަމާޒަށް ވާސިލްވެވިފައި ވީނަމަވެސް ސަރުކާރުގެ ސްކޫލްތަކުގައި ޕްރީ ސްކޫލް ގްރޭޑްތައް މިއަހަރު ފެށުމާ ގުޅިގެން އެ ގްރޭޑްތަކުގައި ކިޔަވައިދޭ ޓީޗަރުން ވެސް އެ ފެންވަރަށް ގެންދަން ޖެހޭ ކަމަށެވެ. އަދި އެކަމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް ވިދާޅުވިއެވެ.
"އަދި އެބޭފުޅުން ތިއްބެވީ ޑިޕްލޮމާ ފެންވަރަކު ނޫން. އެކަމަކު ގިނަ ބޭފުޅުންނަކީ ޕްރީ ސްކޫލުގެ ތަމްރީނާއި ތަޖުރިބާ ހުރި ބޭފުޅުން. ޑިޕްލޮމާ ފެންވަރަށް ދިއުމަށް ވަކި މުއްދަތެއް އެބޭފުޅުންނަށް ވެސް ދެވޭނެ. އެކަމުގެ މަސައްކަތްތައް މިހާރުވެސް ވަނީ ފެށިފައި" ޝެރީނާ ވިދާޅުވިއެވެ.
ޝެރީނާ ވިދާޅުވީ ޓީޗަރުންގެ ފެންވަރު މަތިކުރުމުގެ މަސައްކަތަކީ ވަރަށް ބޮޑަށް ޕްލޭން ކުރެވިގެން ކުރެވޭ ކަމެއް ކަމަށެވެ. އެހެންކަމުން މިހާރު ތިބި ޕްރީ ސްކޫލް ޓީޗަރުންނަށް ވެސް އެންމެ ފުރަތަމަ ތަމްރީނުގެ ވީހާވެސް ގިނަ ފުރުސަތުތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ. ޑިޕްލޮމާ ފެންވަރަށް ދިއުމަށް އެ ޓީޗަރުންނަށް ވަކި މުއްދަތެއް ކަނޑައަޅާނީ އޭގެ ފަހުން ކަމަށް ވެސް ވިދާޅުވިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ 184 ސްކޫލެއްގައި މިއަހަރު ޕްރީ ސްކޫލް ފަށާފައިވާ ކަމަށެވެ. އަދި އެ ސްކޫލްތަކަށް ޕްރީ ސްކޫލް ޓީޗަރުން ނަގާފައިވަނީ ކޮންޓްރެކްޓް އުސޫލުން ކަމަށެވެ. އެލްކޭޖީ އާއި ޔޫކޭޖީ ހިމެނޭ ގޮތަށް ގާތްގަނޑަކަށް 9،000 ދަރިވަރުން މިއަހަރު ޕްރީ ސްކޫލްގައި ކިޔަވަމުންދާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
ދިރާސީ އާ އަހަރާއެކު ތައުލީމީ ދާއިރާއިން ފެންނަ އެންމެ ބޮޑު އެއް ބަދަލަކީ ޕްރީ ސްކޫލް ތައުލީމަކީ ވެސް ރަސްމީ ތައުލީމުގެ ބައެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސުމާ ގުޅިގެން މާލެ ސިޓީއާއި އައްޑޫ ސިޓީ ފިޔަވައި އެހެން ރަށްރަށުގައި ސަރުކާރުން ހިންގާ ސްކޫލްތަކުގައި ޕްރީ ސްކޫލް ވެސް ފަށައިގަތުމެވެ. މިގޮތުން އަތޮޅުތަކުގެ ޕްރީ ސްކޫލް ގްރޭޑްތައް ސަރުކާރު ސްކޫލުތަކުގެ ދަށަށް ބަދަލުކޮށް ކިޔަވައިދިނުން ފަށައިގަތުމަށް 25 މިލިއަނެއްހާ ރުފިޔާ ޚަރަދުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.
ޕްރީ ސްކޫލް ޓީޗަރުން ވެސް ޑިޕްލޮމާ ފެންވަރަށް ބަދަލުކުރާނެ: އެޑިއުކޭޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ