ގައުމުގައި ހަމަޖެހިލައިގެން އުޅެވޭނެ ފަދަ ސުލްހަވެރި ވެއްޓެއް ގާއިމް ކޮށްދެވޭނެ އެއްބަޔަކީ ޝަރުއީ ދާއިރާގައި ތިއްބެވި ބޭފުޅުން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ވިލާ ކޮލެޖުގައި ބޭއްވުނު އެ ކޮލެޖުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްވަމުން ގާސިމް ވިދާޅުވީ ގައުމުގެ މަސްލަހަތު ހިފަހައްޓާ ގައުމުގައި ހަމަޖެހިލައިގެން އުޅެވޭނެ ފަދަ ސުލްހަވެރި ވެއްޓެއް ގާއިމް ކޮށްދެވޭނެ އެއްބަޔަކީ އަދުލު އިންސާފު ގާއިމު ކުރުމުގެ ދާއިރާގައި އުޅުއްވާ ބޭފުޅުން ކަމަށެވެ.
ނަމަވެސް އެ ކަންތައްތަށް ހާސިލުކުރެވޭނީ އެ ދާއިރާގައި ތިއްބެވި ބޭފުޅުން އަމިއްލަ ކަންކަމަށް ވުރެ ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށް ގާސިމް ވިދާޅުވި އެވެ.
މިދުވަސްވަރަކީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވާ ދުވަސްވަރެއް ކަމަށާއި މިއަދު ޝަރުއީ ދާއިރާ އިން ދަސްވެނިވި ދަރިވަރުންނަކީ އެކަމަށް ހައްލު ހޯދައިދީ ޝަރުއީ ދާއިރާއަށް ކުރިމަތިވެފައިވާ ހުސްކަން ފިލުވައިދޭނެ ދަރިވަރުންތަކެއް ކަމަށް އުއްމީދުކުރައްވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
މިއަދު ދަސްވެނިވި ދަރިވަރުން ނިކުންނަނީ އަދުލު އިންސާފު ބޭނުންވެފައި ތިބި މުޖުތަމައަކަށް ކަމަށްވާތީ ތިމާގެ އަމިއްލަ މަސްލަހަތު އެއްފަރާތްކޮށް އަދުލު އިންސާފު ގާއިމްވެގެންދާ ގޮތަށް މަސައްކަތް ކޮށްދެއްވުމަށް ވެސް އެދިވަޑައިގެންނެވި އެވެ.
ގާސިމް ވިދާޅުވީ ދިވެހި ކުދިންނަށް ތައުލީމީ ގިނަ ފުރުސަތުތަކެއް ހޯދައިދީ ގައުމަށް ބޭނުންވާ މީހުން ބިނާކުރުމަކީ އޭނާގެ ހަމައެކަނި މަގްސަދު ކަމަށާއި އެމަސައްކަތުގައި ކުރިއަށް ވަޑައިގަތުމަށް ނިންމަވާފައިވާ ކަމަށެވެ.
މިއަދު ޕްރީ ސްކޫލް ތައުލީމު ނެތް ރަށްރަށުގައި ވެސް މާސްޓާސް ފެންވަރަށް ކިޔަވައިދޭން ފެށިފައިވާ ކަމަށާއި ވިލާ ކޮލެޖުގެ ކެމްޕަހެއް އަވަށްޓެރި ސްރީލަންކާގައި ހުޅުވި، ބައިނަލްއަގްވާމީ މަސްރަހަށް ވެސް މިހާރު ވިލާ ކޮލެޖު ހުޅުވެމުންދާކަން ގާސިމް ވަނީ ފާހަގަކުރައްވާފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވިލާ ކޮލެޖުން މި އަހަރު ހިންގި މާސްޓާސް އޮފް ޝަރީއާ ކޯހާއި ބެޗްލާ އޮފް ޝަރީއާ ކޯހާއި ބެޗްލާ އޮފް އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން ކޯހުގައި ބައިވެރިވެ އެ ކޯސްތައް ފުރިހަމަކުރި 71 ދަރިވަރަކަށް ސެޓްފިކެޓް ހަވާލުކޮށްފައިވެ އެވެ.
ސުލްހަވެރި ވެއްޓެއް ގާއިމް ކޮށްދެވޭނެ ބަޔަކީ ޝަރުއީ ދާއިރާގައި ތިއްބެވި ބޭފުޅުން – ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ