ހޫދުގެ މައްޗަށް ފަސް ދައުވާއެއް, އުމުރު ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ

މިއަހަރުގެ ޖަނަވަރީ މަހު ފުލުހުން ވިލިމާލޭގައި ހިންގި ޓެރަރިޒަމްގެ އޮޕަރޭޝަންގައި ހައްޔަރުކުރި ވ. ދެލްވައްތަ، ހޫދު މުޙައްމަދު ޒާހިރުގެ މައްޗަށް ފަސް ދައުވާއެއް އުފުލައިފިއެވެ. އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން އޮންނަ ހޫދު ހައްޔަރު ކުރީ އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި)އާއި ދިވެހި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން މިއަދު ބުނީ, ހޫދުގެ މައްޗަށް ތުހުމަތުކުރެވެނީ ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި، އެކި އެކައުންޓްތަކުން އައިއެސް ޖަމާއަތަށް ތާއީދުކޮށް، އެ ޖަމާއަތުގެ ލިޔެކިއުންތަކާއި ފޮޓޯއާއި ވީޑިއޯ އިންޓަނެޓް މެދުވެރިކޮށް ފަތުރައި ޝާއިއުކޮށް، ޓެރަރިޒަމްގެ އަމަލެއް ރާވައި ހިންގައިފާނެކަމުގެ އިންޒާރުދެމުންދާ ކަމަށެވެ. ހޫދުގެ މައްޗަށް އުފުލާފައިވާ ފަސް ދައުވާ: 1. އިންޓަނެޓް މެދުވެރިކޮށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ކުށުގެ ދައުވާ އެ ދައުވާ ހޫދުގެ މައްޗަށް ކޮށްފައިވަނީ, އޭނާގެ ފޯނުން ސޯޝަލް މީޑިއާގެ އެކި އެކައުންޓުތައް ބޭނުންކޮށްގެން ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދީ، މީހުންނަށް އަނިޔާދިނުމަށާއި، މީހުން މެރުމަށާއި، ތަންތަނަށް ގެއްލުންދީ އުދުވާނީ ހަމަލާތައް ދިނުމަށް ގޮވާލައި، އައިއެސް ޖަމާއަތުން ދުނިޔޭގައި ހިންގާ ލާއިންސާނީ އަމަލުތަކާއި، ހަމަލާތަކާއި، އެމީހުންގެ ޕްރޮޕެގެންޑާ ފެތުރުމަށް އެކިއެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ގިނަ ލިޔުންތަކާއި، ފޮޓޯތަކާއި، ވީޑިއޯ އިސްލާމިކް ސްޓޭޓް ޖަމާއަތާ ގުޅުންހުރި އޮންލައިން ޕްލެޓްފޯމްތަކުގައި ހިއްސާކޮށް، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރުދީފައިވާތީ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އެ ދައުވާ ހޫދުގެ މައްޗަށް ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް ކުރާނެއެވެ. 2. އިންޓަނެޓް މެދުވެރިކޮށް ޓެރަރިސްޓް ޖަމާއަތެއްގެ ލިޔެކިއުންތައް ފެތުރުން އައިއެސް ޖަމާއަތަށް ނިސްބަތްވާ އެކި މަޖައްލާތަކާއި ލިޔުންތަކާއި، ޓެރަރިޒަމްގެ އަމަލުތައް ކުރުމަށް ހިތްވަރުދީ އެ ޖަމާއަތުން ނެރެފައިވާ ފަތުވާތަކާއި ލިޔުންތައް އިންޓަނެޓްގެ އެކި ޕްލެޓްފޯމްތަކުގައި, ހޫދު ފަތުރާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފައެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން ވެސް 10 އަހަރާއި 15 އަހަރާ ދެމެދުގެ ޖަލު ހުކުމެއް އަތުވެދާނެއެވެ. 3. ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށްވުން އެ ދައުވާ ހޫދުގެ މައްޗަށް އުފުލާފައިވަނީ އޭނާ މަސައްކަތްކޮށްފައި ވަނީ އައިއެސް ޖަމާއަތުގެ ހަބަރު ފަތުރާ މީޑިއާ އޮޕަރޭޓްކުރާ މެންބަރެއްގެ ގޮތުގައި ވުމުން ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. އެ ދައުވާ ހޫދުގެ މައްޗަށް ސާބިތުވެއްޖެ ނަމަ 10 އަހަރާއި 15 އަހަރާ ދެމެދު ޖަލު ހުކުމެއް ކުރާނެއެވެ. 4. ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުން ހޫދުގެ މައްޗަށް ވަނީ އައިއެސް ޖަމާއަތަށް ތާއީދުކުރާ ކަމަށް ވެސް ތުހުމަތުކޮށްފައެވެ. އެ ކުށުގެ އަދަބަކީ ތިން އަހަރާއި ފަސް އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. 5. ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަން ދޭހަވާފަދަ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ގެންގުޅުން އައިއެސް ޖަމާއަތާއި، އެ ޖަމާއަތުގެ އެކި ވިލާޔަތްތަކަށް ތާއީދުކުރާކަން ދޭހަވާފަދަ ލިޔުންތަކާއި، ފޮޓޯއާއި، ވީޑިއޯ ގެންގުޅޭ ކަމަށް ހޫދުގެ މައްޗަށް ވަނީ ތުހުމަތުކޮށްފައެވެ. އެކުށުގެ އަދަބަކީ އެއް އަހަރާއި ތިން އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ޕީޖީ އޮފީހުން ބުނީ ހޫދު މުޙައްމަދު ޒާހިރާ ގުޅޭ މައުލޫމާތު ދިވެހިރާއްޖެއާ ހިއްސާކޮށްފައިވަނީ ބޭރުގެ އިންޓެލިޖެންސް އޭޖެންސީތަކުން ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގަށް ބޭރުގެ އެކި ގައުމުތަކުގެ އިންޓެލިޖެންސް އޭޖެންސީތަކާއި، ތަހުގީގީ އިދާރާތަކުގެ އެހީތެރިކަން ލިބިފައިވާ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފައެވެ. ހޫދުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ އެންމެ ކުޑަ އަދަބެއްގެ ގޮތުން ވެސް 34 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ