2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އުމަރު ވިދާޅުވެއްޖެ
ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަނުކުރައްވާނެ ކަމަށާއި، ނަމަވެސް 2023 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ. ވީޓީވީ ގެ "ހަމީދުގެ މެހެމާންސަރާ" ޕްރަގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ކުރިއަށް އޮތް އިންތިހާބު ރައީސް އަބްދުﷲ ޔާމީނަށް ކާމިޔާބުކޮށްދިނުމަށް ވެދެއްވެން އޮތް ކޮންމެ އެހީތެރިކަމެއް ވެދެއްވާނެ ކަމަށެވެ. އުމަރު ވިދާޅުވީ، ރާއްޖޭގެ ރައީސްކަން ކުރެއްވުމަކީ ކުރައްވާ އުންމީދެއް ކަމަށާއި، ނަމަވެސް ރައީސް ޔާމީނުގެ ދެ ދައުރު ފުރިހަމަ ކުރެއްވުމަށް ފުރުސަތު ދެއްވާނެ ކަމަށެވެ. "އަޅުގަނޑު ރައީސްކަމަށް ކުރިމަތިލާން ގަސްދުކޮށްގެން މި ހުރީ 2023 ވަނަ އަހަރު ރައީސް ޔާމީންގެ ދެ ދައުރު ފުރިހަމަވުމާ އެކު. އޭގެ ފަހުން އަންނަ ދައުރަކަށް އިރާދަކުރެއްވިއްޔާ ކުރިމަތިލާނަން،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ، ދިވެހި ރައްޔިތުން އެ ފުރުސަތު ދެއްވައިފި ނަމަ ރާއްޖެ އަކީ އިސްލާމީ ވަހުދަތު ހިފަހައްޓާ ގައުމެއްގެ ގޮތުގައި ބައްޓަން ކުރައްވާނެ ކަމަށެވެ. އުމަރު ވަނީ 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރައްވާފަ އެވެ. 2008 ގެ އިންތިހާބާ ގުޅިގެން އުމަރު ވިދާޅުވީ، ކުރިމަތިލެއްވި އިރުވެސް އިންތިހާބު ކާމިޔާބު ނުވާނެކަން އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ (އައިޑީޕީ) ގެ ނަމުގައި ޕާޓީއެއް އުފައްދަވައި އެ ޕާޓީގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވީ ގައުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމުގެ ގޮތުން ކަމަށް އުމަރު ވިދާޅުވި އެވެ. "އައިޑިޕީ އަކީ ޕާޓީއަކަށް ވުރެ ބޮޑަށް މެސެޖެއް،" އުމަރު ވިދާޅުވި އެވެ. މީގެ ކުރިން ރައީސް ޔާމީނަށް ފާޑުވިދާޅުވި އުމަރު، މިހާރު ސަރުކާރާ ގުޅިގެން ކާމިޔާބު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާތީ ބައެއް ފަރާތްތަކުގެ ފާޑުކިޔުން އުމަރަށް އަންނަނީ އަމާޒުވަމުންނެވެ. "އަޅުގަނޑާ ރައީސް ޔާމީން އާ ހިޔާލު ތަފާތުވުން ހުރި ކެބިނެޓަށް އައްޔަން ކުރި އިރުވެސް. އެކަމަކު އެއީ އަޅުގަނޑު ދައުލަތަށް ގައުމަށް ހިދުމަތް ނުކުރަން ޖެހޭ ސަބަބެއް ނޫން،" އުމަރު ވިދާޅުވި އެވެ. އުމަރު ވިދާޅުވީ، ރައީސް ޔާމީންއާ އެކު މަސައްކަތް ކުރަމުން ދަނީ ވަރަށް އިހުލާސްތެރިކަމާ އެކުގައި ކަމަށާއި، ކުރިން ވަކާލާތު ކުރެއްވި ގިނަ ކަންތައްތަކެއް މި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. އުމަރަކީ ރާއްޖޭގައި މަރަށް މަރު ހިފުމަށް ގޮވާލާއި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެއް ބޭފުޅެވެ. 2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް އުމަރު ވަނީ ރައީސްކަން ލިބިއްޖެނަމަ މަރަށް މަރު ހިފާނެ ކަމަށް ވިދާޅުވެފަ އެވެ. ރައީސް ޔާމީނުގެ ސަރުކާރުން، އުމަރުގެ ވަޒީރު ކަމުގެ ދަށުން މިހާރު ވަނީ ރާއްޖޭގައި މަރަށް މަރު ހިފަން ފާސްކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ