ކަރަންޓު ބިލް އަގު ބޮޑުވެ، ހިންމަފުށީ ރައްޔިތުން ކަންބޮޑުވުން ފާޅުކޮށްފި

ވޭތުވެ ދިޔަ މަސްތަކުގައި ކަރަންޓް ބިލް އަގުބޮޑުވެފައިވާ ކަމަށް ބުނެ ކ. ހިންމަފުށީ ރައްޔިތުން ކަންބޮޑުވުން ފާޅު ކޮށްފި އެވެ. ހިންމަފުށީ ކައުންސިލްގެ ރައީސް ޝާން އިބްރާހިމް މިއަދު "ސަން" އަށް ވިދާޅުވީ، ކަރަންޓްގެ އަގަށް ގެނައި ބަދަލާ ގުޅިގެން ވޭތުވެ ދިޔަ މަސްތަކުގައި ކަރަންޓު ބިލް ވަރަށް ބޮޑުތަން ބޮޑުވެފައިވާ ކަމަށެވެ. "ކަރަންޓުގެ އަގަށް ގެނައި ބަދަލާ ގުޅިގެން ސްޓެލްކޯ އިން ހިންގަމުންދާ މި ފަސް ރަށުގެ ވަރަށް ބޮޑުތަން ކުރިއަށް ވުރެ ބޮޑުވެފައި ވަނީ. ބައެއް ގޭގޭގައި އެބަ ހުރި 7000 ރުފިޔާ، 9000 ރުފިޔާ. ވަރަށް ގިނައިން ޝަކުވާ އާދޭ ކައުންސިލަށް،" ކައުންސިލް ރައީސް ވިދާޅުވި އެވެ. ކަރަންޓު ބިލް ބޮޑުވެ، ހިންމަފުށީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަނީ --- ފޮޓޯ: ކިޔުންތެރިއެއް ޝާން ވިދާޅުވީ، ކަރަންޓު ބިލް ބޮޑުވާ މައްސަލައަށް އެ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް މެދުވެރިކޮށް ވެސް ހައްލު ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެހެންނަމަވެސް މަޝްވަރާ ކުރެވޭނެ އެއްވެސް ފުރުސަތެއް ނެތް ކަމަށް މެމްބަރު ވިދާޅުވެފައިވާ ކަމަށް ވެސް ކައުންސިލް ރައީސް ވިދާޅުވި އެވެ. "މަޝްވަރާ ކުރެވޭނެ އެއްވެސް ފުރުސަތެއް ނެތް ކަމަށް މެމްބަރު ވިދާޅުވަނީ. ފުރުސަތެއް ނުދެއްވައޭ. މިކަމާ މެބޭ މިނިސްޓަރަށް ދަންނަވައިގެންނޭ. ބައްދަލު ކުރާނެ ފުރުސަތެއް ނުދެއްވިއޭ ވިދާޅުވީ،" ކައުންސިލް ރައީސް ވިދާޅުވި އެވެ. ހިންމަފުށިން "ސަން" އާ ވާހަކަ ދެއްކި އެ ރަށު މެންގޯ ހުސައިން (ހުސައިންބެ) ބުނީ، ކަންބޮޑުުވުން ފާޅު ކުރާ މީހުންގެ ޑިމާންޑަކީ ކުރިން އޮތް އަގަށް ކަރަންޓު ބިލް ކުޑަ ކުރުން ކަމަށެވެ. ކަރަންޓު ބިލް ބޮޑުވެ، ހިންމަފުށީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަނީ --- ފޮޓޯ: ކިޔުންތެރިއެއް "މީހުންގެ ޑިމާންޑަކީ ކުރިން އޮތްވަރަށް ބިލް ބާއްވާށޭ. އެ ޑިމާންޑު ކުރަނީ، ހިންމަފުއްޓަކީ ރާއްޖޭގެ އެހެން ރަށްރަށާ އަޅައި ބަލާ އިރު މީހުން ދިރިއުޅޭ މާލެއާ އެންމެ ކައިރި ރަށަށް ވެފައި، އެތަނަށް ތެލުގެ ހަރަދު ގެނައުމަކީ ވެސް ކުޑަ އަގަކަށް ވެފައި،" މެންގޯ ހުސައިން ބުންޏެވެ. އޭނާ ބުނީ، ކަރަންޓު ބިލް ބޮޑު ވުމުގެ މައްސަލައަށް ހައްލެއް ލިބެންދެން ސިލްސިލާ ގޮތެއްގައި ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަން ނިންމާފައިވާ ކަމަށެވެ. އަދި މިއަދު ހަވީރު ވެސް އެ ކަންބޮޑުވުން ފާޅު ކުރާނެ ކަމަށް އޭނާ ބުންޏެވެ. ހިންމަފުށީގައި ކަރަންޓްގެ އަގަށް ގެނައި ބަދަލަކީ، އެ ރަށު ރައްޔިތަކު ބުނި ގޮތުގައި، ކުރިން ޔުނިޓެއްގެ ފެށޭ އަގުގެ ގޮތުގައި ނަގަމުން އައި 2.2 ރުފިޔާގެ ބަދަލުގައި ޔުނިޓެއްގެ ފެށޭ އަގު ތިން ރުފިޔާ އަށް ބަދަލު ކުރުމެވެ. އަދި އެ ގޮތުން ކަރަންޓް ބޭނުން ކުރާ މިންވަރު އިތުރުވާ ވަރަކަށް ޔުނިޓަކަށް 5.5 ރުފިޔާ ހަމައަށް ވެސް އެެ ރޭޓް ވަނީ މަތިކޮށްފަ އެވެ. ކުރިން ޔުނިޓަކަށް އެންމެ ބޮޑުކޮށް ނެގީ ޔުނިޓަކަށް 3.5 ރުފިޔާ އެވެ. އެކަމާ ގުޅޭ ގޮތުން ސްޓެލްކޯގެ އިންފޮމޭޝަން އޮފިސަރު އަބްދުއް ރައުފް ވިދާޅުވީ، ކަރަންޓު ބިލް ބޮޑުވުމާ ގުޅިގެން ހިންމަފުށީގައި ކަންބޮޑުވުން ފާޅުކުރަމުން އަންނަކަން ސްޓެލްކޯ އަށް އެނގޭ ކަމަށާއި ނަމަވެސް އެކަމަށް މިވަގުތު އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ. އާބާދީގައި ގާތްގަނޑަކަށް 1000 ހާ މީހުން ދިރިއުޅޭ ހިންމަފުއްޓަކީ ސިނާއީ މަސައްކަތް ކުރާ ބޮޑެތި ބިންތަކާއި ސަރުކާރުގެ އިމާރާތްތައް ހިމެނޭ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ