މިއަދު މުޅި ރާއްޖެއަށް މޫސުން ގޯސްވެ ކަނޑުތައްވެސް ގަދަވާނެ

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.
މެޓް އޮފީހުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މިއަދު ވިއްސާރަކުރާނެއެވެ. އެހެން ނަމަވެސް މޫސުން އެންމެ ގޯސް ވާނީ އުތުރާއި މެދުރާއްޖެތެރެއަށް ކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
ވައިޖެހޭނެ ކަމަށް ލަފާކުރެވެނީ އާންމު ގޮތެއްގައި 10 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނެއްގައެވެ. ވިލާގަނޑުގައި 20 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ.
ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެއެވެ. ވިލާގަނޑުގައި ކަނޑުތައް އިތުރަށް ގަދަވުން އެކަށީގެންވެއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މޫސުން ގޯސްވުމުގެ ސަބަބުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ފެންބޮޑުވުމުގެ ސަބަބުން ދިމާވެދޭނެ ގެއްލުމުން ރައްކާތެރިވުމަށް ދުރާލާ ފިޔަވަޅު އަޅައިގެން ތިބުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސްކުރައްވައެވެ.
މޫސުން ގޯސް މި ފަދަ ދުވަސްވަރުގައި ކަނޑުމަތީގައި ހިނގާ ހިތާމަވެރި ހާދިސާތަކަށް ސަމާލުވުމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަބަދު ވެސް އިލަތިމާސްކުރެއެވެ. އަދި ދަތުރުކުރުމުގައި އެލާޓްތަކަށް ސަމާލުވުމަށް ވެސް ކެނޑިނޭޅި އިލްތިމާސްކުރެއެވެ.
މޫސުން ގޯސްވެގެން އިއްޔެގެ ވަގުތުތަކުގައި އެލާޓްތައް ނެރެފައިވީ ނަމަވެސް، މިއަދުގެ މިހާތަނަށް އެއްވެސް އެލާޓެއް ނެރެފައެއް ނުވެއެވެ. އެހެންނަމަވެސް އަންގާރަ ދުވަހާއި ހަމައަށް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގެ ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށާއި، އަންގާރަ ދުވަހުން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ.
މި ދުވަސްވަރަކީ އީދު ޗުއްޓީއާ ދިމާކޮށް ގިނަ ބަޔަކު އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ ދުވަސްވަރެއް ކަމުން، ދަތުރުތައް ރޭވުމުގެ ކުރިން މެޓް އޮފީހަށް ގުޅައި މޫސުމާ ބެހޭ އެންމެ ފަހުގެ ތަފުސީލު ހޯދުން އެދެވިގެންވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ