ކޯޓު އަމުރަށް ތަބާނުވެ، ހަވީރު ނޫސް ހުއްޓާލުމުން ކަންބޮޑުވޭ: ފާރޫގު، ރަޝީދު މޫސާ

ސިވިލް ކޯޓުގެ އަމުރަށް ތަބާނުވެ، ހަވީރު އޮންލައިނާއި ހަވީރު ޕްރިންޓު ނޫސް ހުއްޓާލުމުން އެކަމާ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށް ހަވީރު ނޫހުގެ ދެ ހިއްސާދާރުން ކަމުގައިވާ ހ. މީރުބަހާރުއާގޭ އިބްރާހީމް ރަޝީދު މޫސާ އާއި ގ. ކޮއްގިރި އަބްދުﷲ ފާރޫގު ހަސަން ވިދާޅުވެއްޖެ އެވެ. ފާރޫގު މިއަދު ސަން އަށް ވިދާޅުވީ، އެ ދެ ބޭފުޅުން ހަވީރު ނޫސް ހުއްޓުވާލަން އުޅޭ ކަމަށް ބައެއް ފަރާތްތަކުން ފަތުރާ ވާހަކަތަކަކީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ. އޭނާ ވިދާޅުވީ، ސިވިލް ކޯޓުން އަމުރުކޮށްފައި ވަނީ ހައިކޯޓުގެ ހުކުމްގައިވާ ގޮތުގެ މަތިން އެ ދެ ބޭފުޅުންގެ ބައިވެރިވުމާ އެކު ހަވީރު ނޫސް ހިންގުމަށް ކަމަށެވެ. ނަމަވެސް ސިވިލް ކޯޓުގެ ހުކުމަށް ތަބާނުވެ ހ. ނީލްވިލާ ޑރ. މުހައްމަދު ޒާހިރު ހުސައިން ހަވީރު އޮންލައިނާއި ހަވީރު ޕްރިންޓު ނޫސް ހުއްޓާލާފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށް ފާރޫގު ވިދާޅުވި އެވެ. "އަޅުގަނޑުމެން ފެންދީ ހެއްދި ގަހެއް ބުރިކޮށްލަން އަޅުގަނޑުމެން ބޭނުންވާނެތޯ. ސިވިލް ކޯޓުން ނެރުއްވާފައިވާ އަމުރުގައި އެ ވަނީ އަޅުގަނޑު [ފާރޫގު] އާއި އިބްރާހީމް ރަޝީދު މޫސާގެ ބައިވެރިވުމާ އެކު ހަވީރު ނޫސް ހިންގާށޭ. ނަމަވެސް ސިވިލް ކޯޓުގެ އަމުރަށް ތަބާނުވެ އިދާރީގޮތުން ހަވީރު ނޫސް ހިންގާ ފަރާތުން އެވަނީ ނޫސް ހިންގުން ހުއްޓާލާފައި. އެކަމާ އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވެ ހިތާމަކުރަން،" ފާރޫގު ވިދާޅުވި އެވެ. ފާރޫގު ވިދާޅުވީ، ހަވީރު ނޫހުގެ ކޮންމެ ހިއްސާދާރެއްގެ އަތުގައި އޮންނަނީ 25 ޕަސެންޓު ހިއްސާ ކަމަށެވެ. އެގޮތުން އޭނަ އާއި އިބްރާހީމް ރަޝީދު މޫސާ އަދި ހ. ޓައިމްލެސް މުހައްމަދު ނައީމްގެ ހިއްސާއެއްކޮށްލުމުން 75 ޕަސެންޓު ހިއްސާ އޮންނާނެ ކަމަށް ފާރޫގު ވިދާޅުވި އެވެ. ނައީމްގެ ހައްގުތައް ހޯދުމަށް ކުރަން ޖެހޭ އެންމެހައި މަސައްކަތްތަކެއް ކުރުމަށް އޭނާ އިބްރާހީމް ރަޝީދު މޫސާއާ ހަވާލުކުރައްވާފައިވާ ކަމަށް ވެސް ފާރޫގު ވިދާޅުވި އެވެ. އެންމެ މިނެޓަކަށް ވެސް ހަވީރު އޮންލައިނާއި ހަވީރު ޕްރިންޓު ނޫސް ހުއްޓިފައި އޮންނާކަށް ބޭނުންނުވާ ކަމަށާއި ސިވިލް ކޯޓުގެ އަމުރަށް ތަބާވެ ހަވީރު ނޫސް ހިންގުމުގެ ކަންތައް ކުރިއަށްގެންދިޔުމަށް ޒާހިރު ހުސައިނަށް އިލްތިމާސް ކުރައްވާ ކަމަށް ފާރޫގު ވިދާޅުވި އެވެ. ފާރޫގު ވިދާޅުވީ އެ ދެ ބޭފުޅުން އެންމެ ފުރަތަމަ ސިވިލް ކޯޓަށް މައްސަލަ ހުށަހެޅީ ހަވީރު ނޫސް ވިއްކާލަން އުޅޭ ކަމުގެ އަޑުތަކެއް ފެތުރެމުން ދިޔުމުން އެއީ އެބޭފުޅުންގެ ހައްގުތަކެއް އެކުލެވިގެންވާ ކަމެއް ކަމުގައި ވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ