ވެންޓިލޭޓަރު ހޯދާ ގޮތާ ގުޅޭގޮތުން މިނިސްޓަރު އަމީންއާ ސުވާލުކުރަނީ

ކޮވިޑް-19އާ ގުޅިގެން ރާއްޖެއަށް ބޭނުންވާ މިންވަރަށް ވެންޓިލޭޓަރު ގެންނަން ނިންމާފައިވާތީ އެކަމާ ގުޅިގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަހުމަދު ހައިތަމް ވަނީ މިނިސްޓަރު އަމީނާ ސުވާލު ކުރެއްވުމަށް އެމަނިކުފާނު މަޖިލީހަށް ހާޒިރުކޮށްދެއްވުމަށް އެދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިޓީއެއް ފޮނުއްވާފައެވެ.
އޭނާ އިއްޔެ ހުށަހަޅުއްވާފައިވަނީ ވެންޓިލޭޓަރު ހޯދުމުގެ މަސައްކަތް ކުރިއަށް ދޭތޯ އާއި އެކަން ކުރިއަށް ގެންދާ ގޮތަކީ ކޮބައިތޯ ބެލުމަށާއި އެކަން ކުރިއަށް ގެންދަނީ ބިޑު ކޮށްގެންތޯ އާއި އަދި ބިޑަށް ކުރިމަތިލީ ކިތައް ފަރާތުންތޯ ވެސް ސާފުކުރުމަށެވެ.
އޭގެ އިތުރުން ބިޑް ކާމިޔާބުކުރި ފަރާތާއި ރާއްޖެ ގެންނަންޖެހޭ މުއްދަތާއި ރާއްޖެއަށް އެތަކެތި ލިބޭނެ ކަމަށް ލަފާކުރޭ ދުވަހާއި އެކަމާގުޅޭ އެންމެ ފަހުގެ މައުލޫމާތުތަކާ ބެހޭގޮތުން އަމީނާ ސުވާލުކުރަން އޭނާ ހުށަހަޅުއްވާފައިވެއެވެ.
ރާއްޖޭގައި މިވަގުތު ހުރީ 97 ވެންޓިލޭޓަރެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ 200 ވެންޓިލޭޓަރުގެ ސެޓަޕެއް ގާއިމް ކުރުމެވެ.
ސަރުކާރުން މީގެ ކުރިން ވަނީ، ކޮވިޑް-19އާ ގުޅިގެން ރާއްޖެ އަށް 70 ވެންޓިލޭޓަރު ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފައެވެ. އަދި ވެންޓިލޭޓަރު ލިބުން ލަސްވަނީ މިހާރު މުޅި ދުނިޔޭގައި ދަތުރުފަތުރު ކުރުމުގައި ހުރި ދަތިތަކެއްގެ ސަބަބުން ކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.
ކޮވިޑް-19 އަށް ރާއްޖެއިން 19 މީހަކު ޕޮޒިޓިވް ވެފައިވާއިރު ހަ މީހަކު ފިޔަވައި ދެން ތިބި އެންމެން ވަނީ އެބަލިން ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުންދާ މީހުންގެ ތެރޭގައި ހިމެނެނީ އިނގިރޭސި ވިލާތުން ރާއްޖެ އައި ހަތަރު ދިވެއްސަކާއި ރާއްޖެއިން ފުރި ފަހުން ބައްޔަށް ޕޮޒިޓިވްވިކަން އެނގުނު އިޓަލީގެ ދެ މީހެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ