ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ގޮނޑިއަށް މެމްބަރަކު އިންތިހާބުކުރުމަށް މާދަމާ ބޭއްވުމަށް ހަމަޖައްސާފައިވާ ބައި އިލެކްޝަންގެ ފޯރިގަދަ ކެމްޕޭންއަކަށް ފަހު ޕީޕީއެމްއާއި އެމްޑީޕީން ނިންމާލައިފި އެވެ.
ރ. އުނގޫފާރު ދާއިރާގެ ގޮޑިއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި އިލެކްޝަންގައި ޕީޕީއެމްގެ ފަރާތުން ވާދަކުރައްވަނީ އިބްރާހީމް އަމީން އެވެ. އެމްޑީޕީގެ ފަރާތުން ވާދަކުރައްވަނީ ޑރ. އަހުމަދު އަޝްރަފެވެ. މިދެބޭފުޅުންނަށް ކެމްޕެއިންކޮށްދިނުން ނިމިފައިވަނީ މިއަދު އިރުއޮއްސި 6 ޖެހިއިރު އެވެ.
ބައި އިލެކްޝަންގައި އަމިއްލަ ގޮތުން ކުރިމަތިލާފައިވާ ކެނޑިޑޭޓް ނާޖިހު ޖިނާހު މިބައި އިލެކްޝަންގައި ވާދަނުކުރާ ގޮތަށް އިއްޔެ ވަނީ އިއުލާންކުރައްވާފައެވެ. ނާޖިހު ވިދާޅުވެފައިވަނީ ބައި އިލެކްޝަންގައި ވާދަނުކުރުމަށް ނިންމާފައިވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް އޮވެގެންނެއް ނޫން ކަމަށާއި އެ ދާއިރާގެ ގޮނޑިއަށް ކުރިމަތިނުލާ ގޮތަށް ނިންމީ މިވަގުތަށް އެންމެ ރަނގަޅީ ޕާޓީ ލައިނުން ކުރިއަށް ދިއުން ކަމުގައިވާތީ ކަމަށެވެ.
އޭނާގެ ނަން ވޯޓް ކަރުދާސްކޮޅުގައި އޮތް ނަމަވެސް އޭނާ އަށް ވޯޓް ދިނުމުގެ ބަދަލުގައި އެވޯޓް ޕީޕީއެމްގެ ފަރާތުން ކުރިމަތިލާ ޑރ. އަފްރާޝީމް އަލީގެ ކޮއްކޮ އިބްރާހިމް އަމީން އަށް ދިނުމަށް އެދޭ ކަމަށް ވެސް ނާޖިހު ޖިނާހު އިއްޔެ ވިދާޅުވި އެވެ.
ޕީޕީއެމްއިން އުނގޫފާރު ދާއިރާ އަށް ކުރިމަތިލައްވާފައިވާ އިބްރާހީމް އަމީނަށް ތާއީދު ހޯއްދެވުމަށް މި ދާއިރާގައި ހިމެނޭ މާކުރަތާއި ހުޅުދުއްފާރު އަދި އުނގޫފާރުގައި ހަރަކާތްތަކެއް ހިންގާފައިވާއިރު އެ ޕާޓީގެ އިސް ވެރިން ވަނީ މިއަދުގެ އެންމެ ފަހުގެ ހަރަކާތެއްގެ ގޮތުން ތިން ރަށުގައި ހިނގާލުންތަކެއް ބާއްވާފައެވެ.
މި ގޮތުން އުނގޫފާރުގައި މިއަދު ބޭއްވި ފަހު ހިނގާލުމުގައި އިސްކޮށް ހުންނެވީ ޕީޕީއެމްގެ އިންތިގާލީ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އާއި އެ ޕާޓީގެ ޕާލަމަންޓަރީ ގްރޫޕްގެ ލީޑަރު އަދި މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ޕީޕީއެމްގެ ޕާލަމަންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި ޕީޕީއެމްގެ އިސް ބައެއް ބޭފުޅުންނެވެ. މި ހިނގާލުމުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވެ އެވެ.
ރ.މާކުރަތުގައި ވެސް ޕީޕީއެމްއިން މިއަދު ހަވީރު ވަނީ ހިނގާލުމެއް ބާއްވާފައެވެ. މިހިނގާލުމުގައި އިސްކޮށް ތިއްބެވީ ވިލިމާފަންނު ދާއިރާގެ މެމްބަރު އަހުމަދު ނިހާން އާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް އާއި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމް އެވެ.
އެމްޑީޕީން ވެސް ވަނީ އެ ޕާޓީގެ ކެންޑިޑޭޓް ޑރ. އަހުމަދު އަޝްރަފަށް ތާއީދު ހޯދުމަށް ހިނގާލުމެއް އުނގޫފާރުގައި އާއި މާކުރަތުގައި ބާއްވާފައިވެ އެވެ. އުނގޫފާރުގައި ބޭއްވި ހިނގާލުމުގައި ބައިވެރިވެފައިވަނީ އެމްޑީޕީގެ އިސް ބޭފުޅުންގެ ތެރެއިން ދިއްދޫ ދާއިރާގެ މެމްބަރު އަހުމަދު ސަމީރާއި އިހަވަންދޫ ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ އާއި މަޑަވެލި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އެވެ.
މާކުރަތުގައި ބޭއްވި ހިނގާލުމުގައި ބައިވެރިވެފައިވަނީ ކުރީގެ ރައީސް ނަޝީދާއި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކާއި ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދުގެ އިތުރުން އެމްޑީޕީ މަޖިލިސް މެމްބަރުންނެވެ. މި ހިނގާލުމުގައި ވެސް ގިނަ ބަޔަކު ބައިވެރިވި އެވެ.
އުނގޫފާރު ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިން ޕީޕީއެމްއާއި އެމްޑީޕީން ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ