މައުމޫންގެ ދައުވަތަށް އުމަރު ވަޑައިނުގެންނެވީ ބިޒީވެގެން

ޕީޕީއެމްގެ ކޮންގްރެސްގައި ކުރިމަތިލައްވާފައިވާ ބޭފުޅުންނަށް ކުރީގެ ރައީސް މައުމޫން މިއަދު މެންދުރުފަހު ދެއްވި ފަރިއްކޮޅުގައި ބައިވެރިވެޑައިނުގެންނެވުނީ "ބިޒީ" ވެގެން ކަމަށް ރިޔާސީ ޕްރައިމަރީގައި  ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ނަސީރު ވިދާޅުވީ ފަރިއްކޮޅަށް ވަޑައިނުގެންނެވުނީ ޓީމު އުމަރުން ތާއިދު ކުރާ ފަރާތްތަކަށް ހާއްސަކޮށްގެން އާޓިފިޝަލް ބީޗުގައި މިރޭ ބާއްވާ ޖަލްސާ އިންތިޒާމު ކުރުމުގެ މަސައްކަތްތަކުގައި އުޅެން ޖެހުމުން ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވަ އެވެ.
ރާންބާ ރެސްޓޯރެންޓުގައި ޕީޕީއެމްގެ ގައުމީ ޖަލްސާގައި އިންތިހާބު ކުރެވޭ އެކިއެކި މަގާމްތަކަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ޝަރަފުގައި މައުމޫން ދެއްވި ފަރިއްކޮޅަށް ގިނައިން ގޮސްފައިވަނީ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާނެ ކަން އިއުލާންކުރައްވާފައިވާ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީން އާއި އޭނާއަށް ތާއީދުކޮށް އުފައްދާފައިވާ "ޓީމް ޔަގީން" ގެ ބޭފުޅުންނެވެ.
އެހެންނަމަވެސް އުމަރު ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ކައުންސިލްގެ ގޮނޑިތަކަށާއި ބައެއް އިތުރު ކޮމިޓީތަކަށް ކުރިމަތިލެއްވި ބައެއް ބޭފުޅުން ވަޑައިގެންނެވި އެވެ. ނަމަވެސް ޓީމު އުމަރުގައި ހަރަކާތްތެރިވާ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންފައެއް ނުވެ އެވެ.
ޕީޕީއެމްގެ އިންތިޚާބުތަކުގައި ވަކި ބޭފުޅަކަށް ތާއީދުނުކުރައްވާނެ ކަމަށް މައުމޫން މީގެ ކުރިން ވެސް ވިދާޅުވަމުން ގެންދެވި ވާހަކަފުޅު މިއަދު ވެސް ވަނީ ތަކުރާރުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ