އުމަރު ނަސީރު ޕީޕީއެމުން ވަކިކުރަން ނިންމިކަން ރަސްމީކޮށް އަންގައިފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ފުރަތަމަ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ނާކާމިޔާބުވެވަޑައިގެންނެވި އުމަރު ނަސީރު ޕީޕީއެމުން ވަކިކުރަން އެޕާޓީގެ ސުލޫކީ ކޮމިޓީން ނިންމާފައިވާކަން އުމަރަށް ލިއުމުން މިއަދު އަންގައިފި އެވެ.
ޕީޕީއެމްގެ ކައުންސިލް މެންބަރު އެމްވީޔޫތަށް މައުލޫމާތުދެއްވަމުން ވިދާޅުވީ އުމަރު ވަކިކުރެއްވިކަން އުމަރަށް އަންގާފައިވަނީ މިއަދު 2 ޖަހާއިރު ޕާޓީގެ ސެކެޓްރީ ޖެނަރަލް ކަމުން އިސްތިއުފާ ދެއްވުމަށް ނިންމާފައިވާ ޔުމްނާ މައުމޫން ސޮއިކުރައްވާފައިވާ ސިޓީއެއްގައި ކަމަށެވެ.
ޔުމްނާ މައުމޫންގެ ސިޓީގައި ވިދާޅުވެފައިވަނީ ސުލޫކީ ކޮމިޓީން މައްސަލަ ނިންމާފައިވަނީ އުމަރު ޕާޓީން ވަކިކުރުމަށް ކަމަށާއި ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުގެ މަތިން އިސްތިއުނާފަށް ހުށަހެޅުއްވުމަށް އުމަރަށް 15 ދުވަހުގެ މުދައްތެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ.
ޕީޕީއެމްއިން ވަކިކުރި މައްސަލައިގައި އުމަރުގެ ފަރާތުން މާދަމާ ޝަރީއަތަށް މައްސަލަ ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމުގެ މައުލޫމާތުލިބިފައިވެ އެވެ. މީގެކުރިން އުމަރު ނަސީރުގެ ސަޕޯޓަރެއް ވަނީ ޕީޕީއެމްގެ ޕްރައިމަރީ ސައްހަތޯ ބެލުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހަޅާފައެވެ.
އުމަރު ނަސީރާއި ގުޅޭ ގޮތުން އެކޮމިޓީއަށް ހުށަހެޅުނު މައްސަލަގައި އުމަރު ނަސީރު އަސާސީ ގަވައިދާއި ހިލާފުވެފައިވާތީ އޭނާ 7 ދުވަސް ތެރޭގައި އެނބުރި އަސާސީ ގަވައިދުގެ ތެރެއަށްއައުމަށް މުހުލަތު ދިން އިރު އެ ގޮތަށް ނިންމާފައި ވަނީ މި މަހުގެ 15 ގަ އެވެ.
އުމަރާއި ދެކޮޅަށް ސުލޫކީ ކޮމިޓީން 7 ދުވަހުގެ މުހުލަތެއް ދީފައިމިވަނީ ޕީޕީއެމްގެ ޕްރައިމަރީގެ ނަތީޖާ އޮޅުވާލާފައިވާ ކަމަށް ވިދާޅުވެފައިވާތީ އާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އުމަރު ވާހަކަ ދެއްކެވުމާއި ގުޅިގެން އުމަރު ޕަބްލިކްގައި މައާފަށް އެދިވަޑައިގަތުމަށް ޕީޕީއެމްގެ ކައުންސިލުން އެންގި އެންގުމާއި އެއްގޮތަށް އުމަރު އަމަލު ނުކުރެއްވުމުންނެވެ.
އުމަރު ނަސީރު މީގެ ކުރިން ވިދާޅުވެފައިވަނީ މައާފަށް އެދެން ޖެހޭ ސަބަބެއް ނެތް ކަމަށާއި ކަމެއް ހިނގައިދިޔަ ގޮތް ހާމަކުރުން އެއީ މައާފަށް އެދެން ޖެހޭ ކަމެއް ނޫން ކަމަށެވެ. ޕީޕީއެމް އުފެއްދީ އޭނާއާއި ރައީސް މައުމޫން ކަމަށްވާތީ ޕީޕީއެމުން އޭނާ ވަކިކޮށްފިނަމަ އެޕާޓީއަށް ބިންހެލުމެއް އައިސް ޕާޓީ ފުނޑުފުނޑުވެގެންދާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ