އިންތިހާބާ ގުޅޭ މައްސަލާގައި އިންސާފު ލިބޭނެ ކަމަށް ޝައްކެއް ނުކުރަން: ގާސިމް

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓު އޮޅުވާލާފައިވާ ކަމުގެ ތުހުމަތުގައި ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި އިންސާފު ލިބޭނެ ކަމަށް އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް އެ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާޙިމް މިރޭ ވިދާޅުވެއްޖެ އެވެ. ޖުމްހޫރީ ޕާޓީން ހުށަހަޅާފައިވާ މައްސަލަ ސުޕްރީމް ކޯޓަށް ނުބެލޭނެ ކަމަށާއި ފުރަތަމަ ބުރު ބާއްވާތާ 21 ދުވަހުގެ ތެރޭގައި ދެ ވަނަ ބުރު ނުބާއްވާނަމަ ސުޕްރީމް ކޯޓު ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށް ބުނާ އިރު، ގާސިމް ވިދާޅުވީ ރިޔާސީ އިންތިހާބުގައި ދިމާވާ މައްސަލަތައް ބެލުމުގެ ބާރު ސުޕްރީމް ކޯޓަށް ލިބޭ ކަމަށެވެ. އެގޮތުން 113 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އިންތިހާބުކުރުމުގައި ދިމާވާ ކަމަކާ މެދު ހިލާފު އުފެދިއްޖެ ނަމަ އެ މައްސަލައެއް ބަލަން ޖެހޭނީ ސުޕްރީމް ކޯޓުން ކަމަށާއި ގާނޫނު އަސާސީ މާނަކުރެވެނީ ވެސް ސުޕްރީމް ކޯޓަށް ކަމަށް ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑު އެއްވެސް ޝައްކެއް ނުކުރަން އިންސާފު ލިބިގެން ގޮސްދާނެ ކަމަކާ މެދު. އާދެ މިހެން މިދެންނެވީ ދިވެހިރާއްޖޭގެ ގާނޫނު އަސާސި ނެގެހެއްޓުމުގައި ދުސްތޫރީ ހަމަތަކާއި އަޅުގަނޑުމެންގެ ތެރޭގައި ހިނގަންވީ ކަންތައްތައް ހާމަކޮށްދިނުމުގައި ސުޕްރީމް ކޯޓުން ކުރައްވަންޖެހޭ ހުކުމެއް ކުރެއްވުމުގައި އެއްވެސް ގޮތަކަށް ފަސްޖެހިވަޑައި ނުގަންނަވާކަން [އެނގޭ]،" ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ގާސިމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުން ނިންމާ ނިންމުން ބަލައިގަންނާނީ ވެސް އެއްވެސް ޝައްކަކާ ނުލައި ކަމަށާއި އިންސާފު ކަމަށެވެ. ނަމަވެސް އިންސާފު ލިބޭނެ ކަމަށް ޝައްކުކުރައްވާ ބޭފުޅުން އަބަދުވެސް ތިބެންޖެހޭނީ ޝައްކުގެ މަތީގައި ކަމަށޤ ގާސިމް ވިދާޅުވި އެވެ. މިހާރު ގައުމު އޮތީ ވަރަށް ނިކަމެތި، ބިރުވެރި ހާލަތެއްގައި ކަމަށާއި އެހެންވެ ދެން ބާއްވާ އިންތިހާބަކީ ވެސް ސުލްހަވެރި އަމާން އިންތިހާބަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށާއި ޝައްކާއި ވަހުމްގެ ތެރެއިން އަންނަ ވެރިޔަކު ނޫނީ ރައްޔިތުން ބަލައިނުގަންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ