އޮލިމްޕިކް ކޮމިޓީ އާއި އެފްއޭއެމްގެ ރައީސަކަށް އެކަކަށް ނުހުރެވޭނެ، އެކަން ބަލަން އަޅުގަނޑު ވާނީ އެދިފައި: އުމަރު
އޮލިމްޕިކް ކޮމިޓީގެ ރައީސަކަށް، އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ނުހުރެވޭނެ ކަމަށާއި އެކަން އެގޮތަށް ކުރުމަށް ގަވައިދުތައް ހުއްދަ ކުރޭތޯ ބަލަން ޖަމިއްޔާތަކާ ބެހޭ ރެޖިސްޓްރާއަށް ދަންނަވާފައިވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު އެހެން ވިދާޅުވިއިރު، އޮލިމްޕިކް ކޮމިޓީގެ ރައީސަކީ މުހައްމަދު ޝަވީދެވެ. އަދި މިރޭ ބާއްވާ އެފްއޭއެމްގެ އިންތިހާބުގައި ރައީސް ކަމަށް ވާދަކުރައްވާ ހަމައެކަނި ބޭފުޅަކީ ވެސް ޝަވީދެވެ. މިހާރު ވެސް އޭނާއަކީ އެފްއޭއެމްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެެއާމަނެވެ. "ހަވީރާ" ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އޮލިމްޕިކް ކޮމިޓީގެ ރައީސަކީ ހުރިހާ ކުޅިވަރުތަކުގެ ބެލެނިވެރިޔާ ކަމަށާއި ފުޓުބޯޅައަކީ އޭގެ ތެރެއިން އެއް ކުޅިވަރު ކަމަށެވެ. "އެހެންވީމާ އޮލިމްޕިކް ކޮމިޓީގެ ވެސް ޗެއާމަން، އެފްއޭއެމްގެ ޗެއާމަންކަން [އެކަކަށް] ނުކުރެވޭނެ. ދުނިޔޭގެ އެއްވެސް ގައުމެއްގައި ނުހުންނާނެ އޮލިމްޕިކް ކޮމިޓީގެ ޗެއާމަނާއި އެފްއޭއެމްގެ ޗެއާމަން އެއީ އެކަކަށް ވެފައި. މިގައުމުގައި އެހެންވެއްޖިއްޔާ މިއީ ދުނިޔޭގެ ފުރަތަމަ ގައުމު އެކަން އެގޮތަށް ހިނގާ،" މިނިސްޓަރު ވިދާޅުވި އެވެ. "އެއީ ސުޕްރީމް ކޯޓުގެ އިސް ފަނޑިޔާރާއި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރާ އެކަކަށް ވުން ފަދަ ކަމެއް، ކުޅިވަރުގެ ސްޓްކަްޗާއަށް ބަލާއިރު. އެކަން ނުކުރެވޭނެ." އެހެން ނަމަވެސް ކުވެއިތުގެ އޮލިމްޕިކް ކޮމިޓީގެ ރައީސަކަށާއި ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސްކަމުގެ މަގާމު މީގެ ކުރިން އެއް ބޭފުޅަކު ފުރުއްވި އެވެ. ކްލަބް ޖަމިއްޔާތައް ހިންގަނީ ހޯމް މިނިސްޓްރީގެ ދަށުންނެވެ. އޮލިމްޕިކް ކޮމިޓީގެ ރައީސަކަށް، އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ހުރެވެވިދާނެތޯ ބަލައި ދިނުމަށް އުމަރު އެދިވަޑައިގެންނެވިއިރު، އެފްއޭއެމްގެ އިންތިހާބު ބޭއްވުމާ މެދު ހޯމް މިނިސްޓްރީ އާއި ޔޫތް މިނިސްޓްރީ އަދި އެފްއޭއެމްގެ މެދުގައި ވަނީ ހިޔާލު ތަފާތުވެފަ އެވެ. ހިޔާލު ތަފާތުވެގެން އުޅެނީ އެފްއޭއެމްގެ އަސާސީ ގަވައިދަށް ގެނައި އިސްލާހުތައް ޖަމިއްޔާތަކުގެ ރެޖިސްޓްރާ އަށް ހުށަހަޅައި ފާސްކޮށްފައި ނުވާތީ އެވެ. ހޯމް މިނިސްޓްރީން ދެކޭ ގޮތުގައި އެހެންވެ އެފްއޭއެމްގެ އަސާސީ ގަވައިދަށް އަމަލު ނުކުރެވޭނެ އެވެ. އެ ގަވައިދުގެ ދަށުން އިންތިހާބު ބާއްވަން ނުފެންނަ ކަމަށް ވެސް ބަންޑާރަ ނައިބު މިއަދު ވަނީ ލަފާދެއްވައިފަ އެވެ. އެގޮތަށް ބަންޑާރަ ނައިބު ލަފާދެއްވީ އެފްއޭއެމްގެ އިންތިހާބާ މެދު ޔޫތު މިނިސްޓްރީން ލަފަޔަކަށް އެދުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ