އެމްޑީޕީން 50 ގައުމު ހަމަކޮށްގެން އަޔަސް ފަހަތަކަށް ނުޖެހޭނެ: އުމަރު
އެމްޑީޕީ އަކީ "ދޮގު ފެކްޓަރީއެއް" ކަމަށާއި ސަރުކާރާ ދެކޮޅަށް 50 ގައުމު ހަމަކޮށްގެން އަޔަސް އެ ޕާޓީގެ ކުރިމަތީގައި އެންމެ އިއްޗިއެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު، ބުރާސްފަތިދުވަހުގެ ރޭ ވިދާޅުވެއްޖެ އެވެ. ދިޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ އެމްޑީޕީން ހަދާނީ މުޅިން ވެސް ދޮގު ކަމަށާއި އެހެންވެ އެ ޕާޓީން ކުރާ ކަމަކުން ކަންބޮޑުވެ، ސަރުކާރުން އެންމެ ތަންކޮޅެއް ވެސް ފަހަތަށް ނާޅާނެ ކަމަށެވެ. "އެމްޑީޕީގެ އަތަށް މި ގައުމު ދޭނެ އެއްވެސް ގޮތެއް ނޯންނާނެ. [ދުނިޔެ އިން] 50 ގައުމު ހަމަކޮށްގެން އަޔަސް އެމީހުންގެ ކުރިމަތީގައި އެންމެ އިއްޗިއެއް ވެސް ނުދޭނަން،" އުމަރު ވިދާޅުވި އެވެ. "މި ސަރުކާރު އޮތީ ވަރަށް ވަރުގަދަ ބިންގަލެއްގެ މަތީގައި. ލާހިކެއް ނޫން ގުޑުވާލާކަށް." އުމަރު ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަންނުކުރާނެ ކަމަށް ސަރުކާރުން ދައްކާ ވާހަކަ ތަކުރާރުކުރައްވައިފަ އެވެ. މޭ 1 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާ: ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ ތަންތަނުގައި ރޯކުރަން ރާވާފައި އޮތް ކަމަށް-- ހަވީރި ފޮޓޯ: މުހައްމަދު ޝަރުހާން "ނަޝީދު މިނިވަނެއް ނުކުރާނަން. ދޫކޮށެއް ނުލާނަން މި ސަރުކާރަކުންނެއް. ރިޕީޓްކޮށް މި ބުނަނީ،" އުމަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި މޭ 1 ގެ މުޒާހަރާގައި ރާވާފައި އޮތީ ތަންތަނުގައި ރޯކުރާށެވެ. އެކަމަކު ފުލުހުންނާއި ސިފައިން ވަރުގަދަކަމުން އެކަން ނުވީ ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އަނިޔާކުރުން ކަމަށް ވިޔަސް، ތަންތަނުގައި ހުޅު ޖެހުން ކަމަށް ވިޔަސް އަދި ގާނޫނާ ހިލާފުވާން ކަމަށް ވިޔަސް އެމްޑީޕީ އުޅޭނީ ކުރީގަ އެވެ. "އެމްޑީޕީއަކަށް ނޯންނާނެ އެއްވެސް ކަމަކާ ވާހަކަ ދެއްކުމުގެ ހައްގެއް،" އުމަރު ވިދާޅުވި އެވެ. "އެމްޑީޕީ އަށް އޮޅުވާލެވޭނީ އެހެން މީހުންނަށް [ބޭރު މީހުންނަށް]. ދިވެހިންނަކަށް އޮޅުވައެއް ނުލެވޭނެ." އެމްޑީޕީ އަށް ނިސްބަތްކުރައްވާ އުމަރު އެގޮތަށް ވާހަކަ ދެއްކެވުމުގެ އިތުރުން މޭ 1 ގެ މުޒާހަރާގައި ފުލުހުން އަމަލްކުރި ގޮތް ވެސް ވަނީ ދިފާއުކުރައްވައިފަ އެވެ. އެގޮތުން އޭނާ ވިދާޅުވީ ދިވެހި ފުލުހުންނަކީ ހަމަޖެހުން ގާއިމްކޮށްދިނުމުގައި މި ސަރަހައްދުގައި ވެސް "އެންމެ ޕްރޮފެޝަނަލް" ޕޮލިސް ފޯސް ކަމަށެވެ. ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމުގައި ދިވެހި ފުލުހުން "10 އަހަރު ވެއްޖެ އެ މަސައްކަތުގައި އުޅޭތާ. އެހެންވެ ވަރަށް ތަޖުރިބާކާރު ބަައެއް އެއީ،" އުމަރު ވިދާޅުވި އެވެ. "އެހެން ގައުމުތަކުގައި ޓީވީން ފެންނަނީ ފުލުހުން އަނިޔާކުރާ މަންޒަރު. މި ގައުމުގައި ފެނުނީ ފުލުހުންނަށް އަނިޔާކުރާ މަންޒަރު." އުމަރު އެގޮތަށް ވިދާޅުވީ މޭ 1 ގެ މުޒާހަރާގެ ބައެއް ބައިވެރިން ފުލުހަކަށް އަނިޔާކުރާ މަންޒަރު ފެންނަ ވީޑިއޯ އަށް ނިސްބަތްކުރައްވައިފަ އެވެ. އެކަމަކު މުޒާހަރާ ކޮންޓްރޯލްކުރުމުގައި ފުލުހުންގެ ފަރާތުން އާންމުންނަށް ވެސް އަނިޔާވި އެވެ. އަދި އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި އެ މުޒާހަރާގައި ހައްޔަރުކުރި ބައެއް މީހުންނަށް ފުލުހުން ވަނީ ސީދާ އަނިޔާކޮށްފަ އެވެ. ފުލުހުން އެ ވާހަކަތައް ދޮގުކުރެ އެވެ. ހައްޔަރުކުރި މީހަކަށް އަނިޔާއެއް ވެފައިވާ ނަމަ އެއީ ހައްޔަރުކުރުމުގެ ތެރޭގައި ވީ އަނިޔާއެއް ކަމަށް ފުލުހުން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ