މާވަހަރާ ބެހޭ ގަވާއިދަށް ގާނޫނީ ބާރު ލިބިފައިވާ ކަމެއް އެނގޭކަށް ނެތް: ގާޒީ
''ރަށްރަށުންނާއި ކަނޑުކަނޑުން ހޮވާ މާވަހަރާ މެދު އަމަލުކުރާނޭ ގޮތުގެ'' ގަވާއިދަކީ އެއްވެސް ގާނޫނެއްގެ ދަށުން ބާރު ލިބިގެން ހަދާފައިވާ ގަވާއިދެއް ކަން އެނގެން ނެތް ކަމަށް ސިވިލް ކޯޓުގެ ޝަރީއަތެއްގައި ގާޒީ މިއަދު ވިދާޅުވެއްޖެ އެވެ. ގާޒީ އަލީ ނަސީރު މިހެން ވިދާޅުވީ، ކަންނެލި ދޯންޏަކުން މިދިޔަ މަހު ހުވަދޫ ކަނޑުން ހޮވި 20 ކިލޯއަށް ވުރެ ބަރު މާވަހަރެއް ބެހުމުގެ މައްސަލައިގަ އެ ދޯނީގެ ކެޔޮޅާ ދެކޮޅަށް އޮޑިވެރިޔާ ކުރާ ދައުވާގެ ޝަރީއަތުގަ އެވެ. ދައުވާކުރާ ފަރާތުން އެދިފައިވަނީ ކަނޑުން ހޮވާ މާވަހަރާ މެދު އަމަލުކުރަންވީ ގޮތުގެ ގަވާއިދުގެ ދަށުން މާވަހަރުން އޮޑިވެރިޔާއަށް ލިބެންވާ ބައި ނަގައިދިނުމަށެވެ. ގާޒީ ވިދާޅުވީ އާންމު ގަވާއިދުތަކާ ބެހޭ ގާނޫނުން ވެސް އެ ގަވާއިދަށް ބާރުދީފައިވާ ކަން އެނގެން ނެތް ކަމަށެވެ. އަދި އެ ގަވާއިދަކީ ގާނޫނީ ބާރު ލިިބިފައިވާ ގަވާއިދެއް ކަން ފިނޭންސް މިނިސްޓްރީ އަށް ގުޅައިގެން ވެސް ސާފުވެފައި ނުވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އެ މައްސަލާގައި އޮޑިވެރިޔާ އެދިފައިވާ ވަގުތީ އަމުރާ މެދު މިއަދު ގޮތެއް ނިންމެން ނެތް ކަމަށް ވެސް މިއަދުގެ ޝަރީއަތުގައި ގާޒީ ވަނީ ވިދާޅުވެފަ އެވެ. މާވަހަރު ފެނުނު ''ނަސްރު'' ދޯނީގެ އޮޑިވެރިޔާ ގ. ޑްރީމް އޮފް ގާޑަން، މުހައްމަދު އަނިލް ވަގުތީ އަމުރު ނެރެދޭން ޝަރީއަތުގައި އެދިފައިވަނީ މައްސަލަ ވަކިގޮތަކަށް ނިމެންދެން އެ މާވަހަރު ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށެވެ. ވަގުތީ އަމުރާ މެދު މިއަދު ގޮތެއް ނިންމާނެ ކަމަށް ކޯޓުން ކުރިން އޮތީ ބުނެފަ އެވެ. ނަމަވެސް މިއަދުގެ އަޑުއެހުން ފެއްޓެވުމަށްފަހު ގާޒީ ވިދާޅުވީ ނެރެދޭން އެދިފައިވަނީ އެފަދަ އަމުރެއް ނެރެފި ނަމަ އޭގެ ސަބަބުން ފިނޭންސް މިނިސްޓްރީގެ މައްޗަށް ކަންތައްތަކެއް ކުރުން ލާޒިމްވާ ފަދަ އަމުރެއް ކަމަށެވެ. އެފަދަ އަމުރެއް ނެރޭއިރު ފިނޭންސް މިނިސްޓްރީގެ ބަހެއް ނެތި ގޮތެއް ނިންމުމަކީ ރަނގަޅު ގޮތެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި މިއަދު ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދަން އެ ފަރާތް ހާޒިރުކުރަން ބެލިއިރު ސަރުކާރުގެ ރަސްމީ ގަޑި ނިމިފައިވާތީ އެ ފަރާތް މިއަދު ހާޒިރުކުރެވިފައި ނުވާ ކަމަށާއި ނަމަވެސް މާދަމާގެ ކޮންމެވެސް ގަޑިއެއްގައި އިތުރު އަޑުއެހުމެއް ބާއްވައި ފިނޭންސްގެ ބަހެއް ހޯއްދަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ