ތަށި ނުލިބުނަސް ގައުމީ ޓީމަށް 500،000ރ. ދޭނަން: ގާސިމް
ކުރިއަށް އޮތް އޭއެފްސީ ޗެލެންޖް ކަޕްގެ ތަށި ގައުމީ ޓީމަށް ނުލިބުނަސް، ޓީމަށް 500،000ރ. ދެއްވާނެ ކަމަށް ޖޭޕީގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވި އެވެ. ޗެލެންޖް ކަޕްގެ ސެމީ ފައިނަލް މެޗެއްގެ ޝަރަފްވެރި މެހެމާނަކަށް ހަމަޖައްސާފައިވާ ގާސިމް އަށް އެ މެޗަށް ދައުވަތު އެރުވުމަށް މިއަދު ގާސިމްގެ ގެގޮޅު މާފަންނު ވިލާގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ރާއްޖޭގެ ގައުމީ ޓީމަށް މުބާރާތުގެ ޗެމްޕިއަންކަން ނުލިބުނަސް، 500،000ރ. ގެ ފައިސާގެ އިނާމެއް ދޭނެ ކަމަށެވެ. "އަޅުގަނޑު އެދެނީ ގައުމީ ޓީމަށް މި މުބާރާތުގެ އެއްވަނަ ލިބުން. ގައުމީ ޓީމަށް މުބާރާތުގެ އެއްވަނަ ނުލިބުނަސް، އަޅުގަނޑު ގައުމީ ޓީމަށް 500،000ރ. ދޭނަން،" ގާސިމް ވިދާޅުވި އެވެ. "ގައުމީ ޓީމަށް ކާމިޔާބު ލިބުމަށް އަޅުގަނޑު މާތްﷲގެ ހަޒްރަތަށް ދުއާކުރަން." މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް އިލްހާމް އަހުމަދު ވިދާޅުވީ ގާސިމް ގައުމީ ޓީމަށް ފައިސާގެ އިނާމެއް ހުށަހެޅުމަކީ ޓީމަށް ލިބޭނެ އިތުރު ހިތްވަރެއް ކަމަށެވެ. އަދި ގާސިމް އަށް އިލްހާމް ވަނީ ޝުކުރުއަދާކުރައްވައިފަ އެވެ. ގައުމީ ޓީމުގެ މެނޭޖަރު އަހުމަދު މަހުލޫފް (މަހޭ) ވެސް ބުނީ މިއީ ގައުމީ ޓީމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ. ޗެލެންޖް ކަޕްގެ ސެމީ ފައިނަލް އެއް މެޗުގެ ޝަރަފުވެރި މެހެމާނަކަށް ހަމަޖައްސާފައިވާ ގާސިމް އަށް އެފްއޭއެމް އިން ވަނީ މިއަދު ރަސްމީކޮށް ދައުވަތު ހަވާލުކޮށްފަ އެވެ. އެފްއޭއެމްގެ ފަރާތުން މި ދައުވަތު ހަވާލުކޮށްދެއްވީ އެފްއޭއެމްގެ ރައީސް އިލްހާމެވެ. އަދި ޗެލެންޖް ކަޕްގައި ރާއްޖޭގެ ގައުމީ ޓީމުން ބޭނުންކުރާ ޖޯޒީ ވެސް ވަނީ ގާސިމް އަށް އަރުވައިފަ އެވެ. ގާސިމް އަށް ޖޯޒީ ހަވާލުކޮށްދެއްވީ ގައުމީ ޓީމުގެ މެނޭޖަރު މަހޭ އެވެ. އެފްއޭއެމް އިން ހަމަޖައްސާފައިވަނީ އޭއެފްސީ ޗެލެންޖް ކަޕުގެ ގްރޫޕް ސްޓޭޖުގައި ރާއްޖެ ކުޅޭ ތިން މެޗު، ރާއްޖޭގެ ކުރީގެ ތިން ރައީސުން ޝަރަފުވެރިކޮށްދެއްވާ ގޮތަށެވެ. އަދި ފައިނަލް މެޗު ޝަރަފްވެރިކޮށްދެއްވުމަށް އެފްއޭއެމް އިން ހަމަޖައްސާފައިވަނީ މިހާރުގެ ރައީސް އަބްދުﷲ ޔާމީނާއި އޭއެފްސީގެ ރައީސެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ