ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސްއެޅިކަމަށް ބުނެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު މައްސަލާގައި އޭނާގެ ފަރާތުން އުފުލި އިޖްރާއީ ނުކުތާއާ ގުޅިގެން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އަލީ ވަހީދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށް ވަގުތީ އަމުރަކަށް އެދިފިއެވެ.
ހައިކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި އަލީ ވަހީދުގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވިދާޅުވީ އެދައުވާ ޕީޖީ އޮފީހުން ގެންގޮސްފައިވާ ސަބަބު ބަޔާންކޮށްފައިނުވާ ކަމަށާއި މިމައްސަލައަކީ ސިޔާސީ މައްސަލައެއްގޮތުގައި ފާހަގަ ކުރެވޭކަމަށެވެ. އަދި މައްސަލަ އަނބުރާ ގެންދިއުމަށްފަހު އޭގެ ދެއަހަރުފަހުން މައްސަލަ އަލުން ކޯޓަށް ވެއްދުމަކީ ގަބޫލުކުރެވޭނެ ކަމެއްނޫންކަމަށާއި ކްރިމިނަލް ކޯޓުގެ އެނިންމުމާއި އެއްގޮތަށް ޕީޖީއަށް މައްސަލައެއް އަނބުރާ ގެންދިއުމަށްފަހު އަލުން ހަމަ އެމައްސަލައިގެ ދައުވާ އޮތްގޮތަށް ކުރެވޭގޮތަށް އޮތުމަކީ ރައްޔިތުން ބިރުވެރި ކަމެއްގެ ތެރެއަށް ވެއްޓިދާނެ ކަމެއްކަމަށެވެ.
ރައްދު ދެއްވަމުން ޕީޖީ އޮފީހުގެ ގާނޫނީ ވަކީލު ވިދާޅުވީ މައްސަލައެއް އަނބުރާ ގެންދިއުމަށްފަހު އަނެއްކާ ހަމަ އެމައްސަލަ ޕީޖީއަށް ހުށަހެޅޭ ހާލަތްތަކެއް އެބަހުރިކަމަށެވެ. އަދި އަލީ ވަހީދާއި މަހުލޫފުގެ މައްސަލަ އަނބުރާ ގެންގޮސްފައިވާ ސަބަބު ވަރަށް ސާފުކޮށް ކްރިމިނަލް ކޯޓުގެ އިޖުރާއީ ނުކުތާ ނިންމި ގޮތުގެ ރިޕޯޓުގައި އެބައޮތް ކަމަށާއި އެމައްސަލަ ޕީޖީން ގެންގޮސްފައިވަނީ 2010 ފެބްރުއަރީ 01 ވަނަ ދުވަހު އޭރުގެ ސަރުކާރަށް ތާއީދުކުރާ ބަޔަކު ސިވިލް ސާރވިސް ކޮމިޝަން ތެރެއަށްވަދެ އަޑުގަދަކޮށް ހަމަނުޖެހުން ހިންގި މައްސަލަ ފުލުހުން ތަހުގީގުކޮށް ޕީޖީއަށް ފޮނުވާފައި ނުވާއިރު އޭރުއޮތް ސަރުކާރާ ދެކޮޅުބަޔަކު ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅުގައިރީ ހިންގި ހަމަ ނުޖެހުންތަކާއި ގުޅިގެން އަލީ ވަހީދު އާއި މަހުލޫފްގެ މައްސަލަ ފުލުހުން ތަހުގީގު ކޮށް ފޮނުވާފައިވާތީ ކަމަށެވެ.
ހުސްނުއްސުއޫދު އިތުރަށް ވިދާޅުވީ އަލީ ވަހީދާއި މަހުލޫފުގެ މައްޗަށް ދައުވާކުރާ މައްސަލާގައި ހަމައެކަނި އެދެމީހުންގެ މައްޗަށް ދައުވާ ކުރާތީ ވެސް ސުވާލު އުފެދޭކަމަށެވެ.
"އެވިދާޅުވާ އެއްވުމުގައި މީޑިއާތަކުން ރިޕޯޓްކޮށްފައި އެބަހުރި އުމަރު ނަސީރު، އަލީ އާރިފް މެންފަދަ ބޭފުޅުންވެސް އެމުޒާހަރާގައި ބައިވެރިވި، އަދި އުމަރު ނަސީރު ރައީސުލްޖުމްހޫރިއްޔާ ހުންނަވާ ގޭ ކޮޅުގެ ގޭޓަށް އެރި ވާހަކަވެސް މީޑިއާތަކުން ރިޕޯޓުކޮށްފައި އެބަހުރި، އެކަމަކު އަދުވާ ކުރަނީ އެންމެ ދެމީހުންނަށް،" ހުސްނުއްސުއޫދު ވިދާޅިވިއެވެ.
އަލީ ވަހީދު ހުށަހެޅުއްވި އިޖުރާއީ ނުކުތާ އިސްތިއުނާފްކޮށް ވަގުތީ އަމުރަކަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ