އުފަން ދުވަހާއި ދިމާކޮށް ރައީސް މައުމޫނު ރަސްމީ އެފްބީ އަދި ޓްވިޓަރ އެކައުންޓެއް ހުޅުވައިފި

ރައީސް މައުމޫނު އަބުދުލް ގައްޔޫމުގެ 75 ވަނަ އުފަންދުވަހާއި ދިމާކޮށް އެމަނިކުފާނަށް ނިސްބަތްވާ ފޭސްބުކް އެކައުންޓަކާއި ޓްވިޓަރ އެކައުންޓެއް ރަސްމީކޮށް ހުޅުވައިފިއެވެ.
ރައީސް މައުމޫނުގެ އޮފީހުން މައުލޫމާތުދޭ ގޮތުގައި މިއެކައުންޓްތަކުގެ ބޭނުމަކީ އެމަނިކުފާނުގެ ގައުމީ، ސިޔާސީ އަދި އިޖުތިމާއީ މަސައްކަތްޕުޅުތަކުގެ މައުލޫމާތާއި ބައެއް މުހިންމު ކަންކަމުގައި އެމަނިކުފާނުގެ ވިސްނުންފުޅު ރައްޔިތުންނާ ވަގުތުން ވަގުތަށް ހިއްސާކުރެއްވުމެވެ. މިދެ އެކައުންޓްގައި ބައެއް ފަހަރު ސީދާ އެމަނިކުފާނު ވެސް ޕޯސްޓް ކުރައްވަމުން ގެންދަވާނެ ކަމަށް އެމަނިކުފާނުގެ އޮފީހުން މައުލޫމާތުދެއެވެ.
އެމަނިކުފާނުގެ ރަސްމީ ފޭސްބުކް އެކައުންޓްގެ އެޑްރެހަކީ www.facebook.com/MAGayoom އެވެ. އަދި، ސްކްރީން ނަމެއްގެ ގޮތުގައި އޮންނާނީ Maumoon AbdulGayoom އެވެ. އެމަނިކުފާނުގެ ރަސްމީ ޓްވިޓަރ އެކައުންޓްގެ އެޑްރެހަކީ www.twitter.com/maumoonagayoom އެވެ. ސްކްރީން ނަމެއްގެ ގޮތުގައި އޮންނާނީ @maumoonagayoom އެވެ.
ރައީސް މައުމޫނުގެ އުމުރުފުޅުން 75 އަހަރުފުރިފައިވަނީ މިއަދުއެވެ. އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވީ 1937 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ.
އެމަނިކުފާނު ރާއްޖޭގެ ވެރިކަމައި ހަވާލުވެވަޑައިގެންނެވީ 1978 ނޮވެމްބަރު 11ގައެވެ. އޭގެ ފަހުން މެދުނުކެނޑި 30 އަހަރު ދުވަހު ރާއްޖޭގެ ރައީސްކަން ކުރައްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ