މަސްވެރިކަމަށް ހާއްސަކޮށްގެން ބަންނަމުންދާ އޮޑި ދޯނި ފަހަރުގައި އެޅުމަށް އެތެރެކުރެވޭ އިންޖީނުގެ ޑިއުޓީ މައާފްކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝަފީއު ވިދާޅުވެއްޖެއެވެ.
ދިޓީވީން މިރޭ ގެނެސްދިން "ޚަބަރުތެރެއިން" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ އޭނާ މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު މަސްވެރިން ސަރުކާރުގައި އެދެމުންދިޔަ ކަންތައްތަކުގެ ތެރޭގައި މަސް އޮޑި ފަހަރުގައި އެޅުމަށް އެތެރެކުރެވޭ އިންޖީނުގެ ޑިއުޓީ މައާފްކޮށްދިނުމަށް އަބަދުވެސް އެދެމުންދާ ކަމަށާ، އެކަމުގައި ލުޔެއް ދޭން ނިންމީ ކެބިނެޓްގެ އެކޮނޮމިކް ކޮމިޓީގައި މަޝްވަރާ ކުރެއްވުމަށްފަހުގައި ކަމަށެވެ.
މަސްވެރިންނަށް ލުއި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދނުމަށް ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަކުރައްވާ މިނިސްޓަރު ޝަފީއު ވިދާޅުވީ 2006 ވަނަ އަހަރާއި ހަމައަށް މަސް އޮޑި ފަހަރުގައި އެޅުމަށް އެތެރެކުރެވޭ އިންޖީނުގެ ޑިއުޓީ މައާފްކޮށްދީފައިވާ ކަމަށެވެ. އަދި އޭގެ ފަހުން އެކަން ހުއްޓުމާއި ގުޅިގެން މަސްވެރިންނަށް ބޮޑެތި ދަތިތަކެއް ދިމާވެގެން ގޮސްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޝަފީއު ވިދާޅުވީ މަސްވެރިކަމަށް ހާއްސަކޮށްގެން ބަންނަމުންދާ އޮޑި ދޯނި ފަހަރުގައި އެޅުމަށް އެތެރެކުރެވޭ އިންޖީނުގެ ޑިއުޓީ މައާފްކުރަމުންދަނީ ފިޝަރީޒް މިނިސްޓްރީން ރައީސް އަރިހުގައި އެކަން ކޮށްދެއްވުމަށް އެދިވަޑައިގަތުމުން ރައީސްއަށް ޤާނޫނީ ގޮތުން ލިބިވަޑައިގަންނަވާ އިހްތިޔާރުގެ ތެރެއިން ކަމަށެވެ.
ޑިއުޓީ މައާފުކޮށްދިނުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައަޅާ އެކުލަވާލާފައިވާ ޤަވައިދު މާދަމާގެ ވަގުތެއްގައި ގެޒެޓް ކުރައްވާނެ ކަމަށްވެސް މިނިސްޓަރު މިރޭ ވިދާޅުވިއެވެ.
މަސް ދޯންޏެއްގައި އަޅާ އިންޖީނެއް ގަންނަން ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށާ، ނަމަވެސް ޑިއުޓީ މައާފުކޮށްދިނުމުން އެއަގުން 20 ޕަސަންޓް އުނިވެގެންދާނެ ކަމަށްވެސް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.
މަސް އޮޑި ފަހަރުގައި އެޅުމަށް އެތެރެކުރެވޭ އިންޖީނުގެ ޑިއުޓީ މައާފްކޮށްދިނުމަށް ސަރުކާރުން ނިންމާފައިވާއިރު، މަސްވެރިކަން ކުރާ އުޅަނދު ފަހަރު ބަނުމަށް ލޯނު ނެގުމަށްފަހު ތަފާތު ސަބަބުތައް މެދުވެރިވެގެން ލޯނު ދެއްކޭނެ ގޮތެއް ހަމަޖެހިފައި ނެތް ފަރާތްތަކަށް އެކަމުގައި ހައްލެއް ހޯދާދިނުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށްވެސް މިނިސްޓަރު ޝަފީއު ވަނީ ވިދާޅުވެފައެވެ.
މަސްދޯނި ފަހަރުގައި އަޅާ އިންޖީނުގެ ޑިއުޓީ އަލުން މައާފްކުރަން ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ