ގިނަ ޕާޓީތަކެއް ހިމެނޭ ގޮތަށް ފުރަތަމަ ފަހަރަށް ބާއްވާ އިންތިހާބުގައި ވޯޓު ލުމުގެ ހައްގު ލިބިފައިވާ 208،252 މީހުން އެބަތިބި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިންތިހާބުގެ އެންމެ ފަހުގެ ތައްޔާރީތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ދަރުބާރުގޭގެ ފަންސަވީހުގައި އިއްޔެ ބޭއްވި ނިއުސް ކޮންފަރެންސެއްގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ޝާހިދު (ސާބެ) ވިދާޅުވީ އެ އަދަދަކީ އަންނަ ބުދަ ދުވަހަށް 18 އަހަރު ފުރޭ މީހުން ވެސް ހިމަނައިގެން އެކުލަވާލައިފައިވާ ލިސްޓުގެ އަދަދު ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިހާބަށް ފަހު، ނަތީޖާ އިއުލާންކުރާނީ ވޯޓުލީ ސައްހަ އަދަދަށް ބަލައިގެންނެވެ. ކެންޑިޑޭޓަކަށް ވޯޓު ލިބޭ ނިސްބަތް ކަނޑައަޅާނީ ވެސް ސައްހަ ވޯޓަށް ބަލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓު، އިންތިހާބުތަކާ ބެހޭ އާއްމު ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، ދިވެހި ސަރުކާރުގެ ގެޒެޓުގައި މިހާރު ވަނީ ޝާއިއުކޮށްފަ އެވެ. އެ ރަޖިސްޓްރީ އިލެކްޝަންސް ކޮމިޝަނުންނާއި ކޮމިޝަންގެ ވެބްސައިޓުން ބެލެން ހުންނާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އާއްމުކޮށްފައިވާ އެ ލިސްޓުގައި ރަޖިސްޓްރީ ހިމަނައިފައިވާ މައުލޫމާތަކާ ގުޅޭ ގޮތުން ނުވަތަ އެ ރަޖިސްޓްރީ ސައްހަ ކުރުމަށް ގެންނަންޖެހޭ ބަދަލަކާ ގުޅިގެން ރަޖިސްޓްރީ ސައްހަ ކުރުމަށް ޝަކުވާއެއް އޮތް ނަމަ މާދަމާ ހަވީރު ހައެއްޖެހުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ލިއުމަކުން ހުށަހަޅަންޖެހޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
މީގެ އިތުރުން އިލެޝަންސް ކޮމިޝަނުގެ ރައީސް މުހަންމަދު އިބްރާހީމް ވިދާޅުވީ އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓްރޭޝަންގެ މައްސަލަތައް ހައްލުކޮށްދީ އިންތިހާބާ ބެހޭ ގޮތުން 24 ގަޑިއިރު އާއްމުންނަށް މައުލޫމާތު ސާފުކޮށްދޭ ގޮތަށް މިހާރު ވަނީ ހަމަޖައްސައިފި އެވެ.
އޭނާ ވިދާޅުވީ ރައްޔިތުން ހުށަހަޅާ މައްސަލަތައް ހައްލުކޮށްދިނުމަށް މިހާރު ވަނީ ފޯނު ލައިނެއްގެ ހިދުމަތް ދޭން ފަށައިފަ އެވެ. އެގޮތުން 1414 ނަމްބަރުން 24 ގަޑިއިރު އާއްމުންނަށް ހިދުމަތް ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. ހަމަ އެހެންމެ 30500 ނަމްބަރަށް އާއްމުންނަށް ޝަކުވާތައް ހުށަހެޅޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މިހާރު ވަނީ އިންތިހާބުގެ އޮފިޝަލުންނާއި އިދާރީ ގޮތުން ބޭނުންވާ ތަކެތި އަތޮޅުތަކަށް ފޮނުވައިފަ އެވެ. މީގެ އިތުރުން ވެސް އަތޮޅުތަކަށް ފޮނުވަންޖެހޭ ވޯޓު ކަރުދާހާއި އެ މަރުކަޒަކަށް ވޯޓުލާ މީހުންގެ ލިސްޓް ހަތް ވަނަ ދުވަހުގެ ނިޔަލަށް އެ ތަންތަނަށް ފޯރުކޮށްދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބު: ވޯޓުލުމުގެ ޝަރުތު ހަމަވާ މީހުންގެ އަދަދަކީ 208،252: އިލެކްޝަންސް ކޮމިޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ