އިޒްރޭލު ޑޮކްޓަރުންގެ ޓީމުން އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފި

އައިޖީއެމްއެޗުގައި އައި ކޭމްޕެއް ބާއްވަން މިދިޔަ ބުރާސްފަތި ދުވަހު ރާއްޖެ ޒިޔާރަތްކުރި އިޒްރޭލުގެ "އައި ފްރޮމް ޒިއޮން"ގެ ޑޮކްޓަރުންގެ ޓީމަށް ކުރިމަތިވި ހުރަސްތައް ގިރާކުރުމަށް ފަހު، އަދި އެތައް ބަޔަކު އެ ޑޮކްޓަރުންނާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުން ދަނިކޮށް އެ މީހުން ރެ އިން ފެށިގެން ބަލި މީހުން ބަލަން ފަށައިފި އެވެ.
އިޒްރޭލުގެ ހަތަރު ޑޮކްޓަރުންނާއި ތިން ނަރުހުންގެ އިތުރުން ޓެކްނީޝަނަކު ވެސް ހިމެނޭ ޓީމުން ލޮލުގެ ބަލިތަކަށް ފަރުވާދޭން ފަށާފައި ވަނީ އިޒްރޭލުގެ ރަސްމީ އިދާރާތަކުން ތައްގަނޑު ޖަހާފައި، އެ ޑޮކްޓަރުންގެ ވަނަވަރު މެޑިކަލް ކައުންސިލަށް ހުށަހެޅުމުންނެވެ.
ކައުންސިލްގެ މީޑިއާ ކޯޑިނޭޓަރު މުހަންމަދު އިޔާސް ވިދާޅުވީ، ހަތަރު ޑޮކްޓަރުންނަށް ހުއްދަދީފައި ވަނީ ކައުންސިލްގެ މިންގަނޑުތަކަށް ފެތޭ ލިއުންތައް ހުށަހެޅުމުން ކަމަށެވެ.
"އިއްޔެ އިން ފެށިގެން އެ މީހުންނަށް ފަރުވާދެއްވޭނެ. އެ މީހުންނަކީ ސްޕެޝަލިސްޓް ބައެއް. ނަމަވެސް ހުއްދަ ދިނުމުގައި ކައުންސިލުގެ އުސޫލްތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކަން ކަށަވަރުކުރަން ޖެހޭ،" އިޔާސް ވިދާޅުވި އެވެ.
އައިޖީއެމްއެޗުގައި ފަރުވާ ދެއްވަމުން ގެންދަވާ ޓީމާ ބެހޭގޮތުން އެ ހޮސްޕިޓަލުގެ ބަހެއް މިއަދު ވެސް ލިބޭގޮތެއް ވަނީ ނުވެފަ އެވެ.
ނަމަވެސް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) ހިންގެވުމާ ހަވާލުވެ ހުންނެވި ސްޓޭޓް މިނިސްޓަ ފޯ ހައުސިން އަބްދުﷲ ޝާހިދު ވިދާޅުވީ އެ ޓީމުން ރޭ ހިދުމަތް ފެށި ނަމަވެސް އޮޕަރޭޝަންތައް ނުކުރާ ކަމަށާއި ނަމަވެސް މިއަދުގެ ވަގުތެއްގައި އޮޕަރޭޝަންތައް ވެސް ކުރަން ފަށާނެ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެހެން ގައުމުތަކުގައި ވެސް އައި ކޭމްތައް ބާއްވާފައިވާ އެ ޓީމު އިޒްރޭލުގެ ސަރުކާރާއި ދިވެހި ސަރުކާރު ގުޅިގެން ރާއްޖެ ގެނައީ ހިދުމަތަށް އެދިފައި ތިބި މީހުންނަށް ފަރުވާ ދިނުމަށެވެ. ބޭރު ގައުމުތަކަށް ގޮސް ބޭސް ފަރުވާކުރުމަށް ކުޅަދާނަވެގެން ނުވާ ފަރާތްތަކަށް ލިބުނު މުހިންމު ފުރުސަތެއްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ.
"މި ކޭމްޕަކީ [އިޒްރޭލުގެ] ރެޑްކްރޮސް ޖަމާއަތުން އަޅުގަނޑުމެންނަށް މަގުފަހިކޮށްދިން ކަމެއް. އަޅުގަނޑުމެން އަތުން ރަމްޒީ އެއްޗެއް ދިއަ ނަމަވެސް ކޭމްޕްގެ 95 ޕަސެންޓް ހަރަދު ބަލަހައްޓަނީ އެ ޓީމުން. އަޅުގަނޑުމެން މި ބަލަނީ 300 އާ ގާތްކުރާ އަދަދަކަށް ފަރުވާދެވޭނެ ކަމަށް،" ޝާހިދު ވިދާޅުވި އެވެ.
ލޮލުގެ އޮޕަރޭޝަންތައް ކުރުމަށް މޮބައިލް ތިއޭޓަރު ވެސް ހިފައިގެން އައި ޓީމުގެ ޑޮކްޓަރުންނަކީ އިޒްރޭލުގެ އަމިއްލަ ބޮޑެތި ހޮސްޕިޓަލްތަކާއި މެޑިކަލް ކޮލެޖެއްގެ ބޭފުޅުންތަކެއްކަން ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. އެ ކޭމްޕް ކުރިއަށް ގެންދާ ގޮތް ބައްލަވާލެއްވުމަށް އިޒްރޭލުގެ ފޮރިން މިނިސްޓްރީގެ ބޭފުޅަކު ވެސް ވަޑައިގެންނެވި އެވެ. އިޒްރޭލުގެ ޑޮކްޓަރުންނާ ދެކޮޅަށް އާއްމުންގެ ބަޔަކު ޝަކުވާކުރި ނަމަވެސް "ހިދުމަތަށް އެދިފައި ތިބި މީހުން އަދަދު ގިނަ" ކަމަށް އޭނާ ވިދާޅުވި އެވެ.
"ޝަކުވާ އަޔަސް ފަރުވާ އަށް އެދިފައި ތިބި މީހުންގެ އަދަދު އަޅުގަނޑުމެންނަށް އެބަފެނޭ. އަޅުގަނޑުގެ ސުވާލަކީ އެ މީހުން މިތަނަށް އައިމަ ކޮބާތޯ މައްސަލައަކީ؟،" ޝާހިދު ވިދާޅުވި އެވެ.
އިޒްރޭލުގެ ޑޮކްޓަރުންނާ ދެކޮޅަށް ބަޔަކު ނުރުހުން ފާޅުކުރަމުން ދަނިކޮށް، އައިޖީއެމްއެޗުގައި ފަރުވާދޭން އެ މީހުންނަށް ހުއްދަ ލިބުން ލަސްވެގެން ދިޔައީ ދެކޮޅު ހަދާ ފަރާތްތަކަށް ނުރުހުން ފާޅުކުރަން ލިބުނު އިތުރު ހިތްވަރަކަށެވެ. އިޒްރޭލުގެ ޑޮކްޓަރުން ރާއްޖެ އިން ފޮނުވާލުމަށް ގޮވާލައި ހުކުރު ދުވަހާއި ރޭ ވެސް ބައެއް މީހުން ވަނީ ނުރުހުންފާޅުކޮށްފަ އެވެ. ހުކުރު ދުވަހު ސުނާމީ ބިނާކައިރި އަށް އެއްވި މީހުން ވަނީ އިޒްރޭލުގެ ދިދަތަކެއް ވެސް އަންދާލާފަ އެވެ. އިޒްރޭލުގެ ޑޮކްޓަރުންގެ ޓީމު އައިޖީއެމްއެޗުގައި ބަލަން ފެށުމުން މިއަދު ހެނދުނު ހޮސްޕިޓަލް ދޮރުމަތީގައި ވެސް ފަސް ވަރަކަށް މީހުން އަޑުގަދަކުރި މަންޒަރު ވެސް ފެނިގެންދިޔަ އެވެ.
އިޒްރޭލު މީހުންނަކީ މުސްލިމުން ކަތިލަމުންދާ ބައެއް ކަމަށާއި އެ މީހުންގެ ގައުމުގެ ޑޮކްޓަރުންނާއި ދުރުހެލިވުމަށް އަދާލަތު ޕާޓީން ވެސް ވަނީ ގޮވާލައިފަ އެވެ. އިޒްރޭލު މީހުންނާ ދެކޮޅަށް އަދާލަތުން ނެރުނު ބަޔާނުގައި ވަނީ "އިޒްރޭލުގެ ސިފައިން ޝަހީދުކޮށްލާފައިވާ ފަލަސްތީނުގެ އެތައް ބައެއްގެ އެކި ގުނަވަންތައް އެ މީހުންގެ ޑޮކްޓަރުން ވަގަށް ނަގާ ވާހަކައަކީ ތޯތޯ ވާހަކައެއް ނޫން" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ