ވައްކަމާއި ކޮރަޕްޝަނަށް އެނބުރި ދާކަށް ރައްޔިތުން ބޭނުމެއް ނުވޭ: ރައީސް

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ވައްކަމާއި ކޮރަޕްޝަނަށް ރައްޔިތުން އެނބުރި ދާން ބޭނުން ނުވާކަން ހާމަކޮށްދީފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެެވެ.
މަޖިލިސް އިންތިހާބުގެ ބޮޑު މެޖޯރިޓީއެއް އެމްޑީޕީން ހޯދިއިރު، މިރޭ އެމްޑީޕީން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން މިއަދު ނިންމި ނިންމުމަކީ ރިޔާސީ އިންތިހާބުގެ ނިންމުމާ އެކު ރައްޔިތުން ތިބިކަން ހާމަވާ ކަމެއް ކަމަށާއި އަދި ވައްކަމާއި ކޮރަޕްޝަނަށް އެނބުރި ދާން ބޭނުން ނުވާކަން ރައްޔިތުން މިއަދު އަނެއްކާވެސް ދައްކުވައިދީފައިވާ ކަމަށެވެ.
"މާލޭގެ މަގުތަކުގަ އާއި އަދި އެހެނިހެން ރަށްތަކުގެ މަގުތަކުގައި ގޮތް ނޭނގޭ ގޮތަށް މީހުން މަރަމުން ގެންދިޔަ ގެންދިޔުން ތި ބޭފުޅުން ބަލައެއް ނުގަތް. އަދި އެ ކަންތައްތައް ބަލާ އެކަން ކުރި ބަޔަކު އިންސާފުގެ މަގަށް ގެނައުމަށްޓަކާ މި ސަރުކާރުން ކުރަމުންގެންދާ ކަންތައްތައް މިއަދު އަނެއްކާވެސް ތި ބޭފުޅުން ތި ވިދާޅުވީ އާ އެނކޭ" ރައީސް ވިދާޅުވިއެވެ.
އަދި މިއަދު މަޖިލީހަށް ހޮވުނު މެމްބަރުންގެ މަސައްކަތްތަކަށް ފާރަވެރިވެ އަދި އެ ފަރާތްތަށް ޒިންމާދާރު ކުރުވުމުގެ ޒިންމާ ނޫސްވެރިންގެ ބޮލުގައި އެޅިފައިވާކަން ހާމަކުރައްވަމުން ރައީސް ސޯލިހު ވަނީ އެ ބޭފުޅުން އެއްވެސް މިންވަރަކަށް ފައިސާ އަށް ހިޔާނާތްތެރިވެއްޖެނަމަ ހާމަކުރެއްވުމަށް ވެސް ގޮވާލައްވާފައެވެ.
"އަޅުގަނޑުމެން މިތިބީ ފިޔަވަޅު އަޅަން ތައްޔާރަށް. މި ސަރުކާރުގައި ވައްކަމަށް ޖާގައެއް ނޯންނާނެ" ރައީސް ވިދާޅުވިއެވެ.
މިވަގުތު ސާފުކުރެވިފައިވާ ނަތީޖާތަކަށް ބަލާއިރު މަޖިލީހުގެ 87 ގޮނޑީގެ ތެރެއިން އެމްޑީޕީން ވަނީ 62 ގޮނޑި ކާމިޔާބުކޮށްފައެވެ. މިއީ މަޖިލިސް އިންތިހާބެއްގައި މިހާތަނަށް އެއް ޕާޓީއަކުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރި ފަހަރުވެސް މެއެވެ.
މީގެއިތުރުން މިއީ މަޖިލިސް އިންތިހާބެއްގައި އެމްޑީޕީ އަށް މެޖޯރިޓީ ލިބުނު ފުރަތަމަ ފަހަރުވެސް މެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ