އިތުބާރު ނެތްކަމުގެ މައްސަލާގައިގެ ލަފާ ހޯދަން ސުޕްރީމް ކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހަށް ހުށަހެޅޭ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި، އިތުބާރު ނެތްކަމަށް މަޖިލީހުން ފާސްކޮށްފިނަމަ، އެ ބޭފުޅެއްގެ މަގާމު އެ ހިސާބުން ގެއްލުނީ ކަމަށާއި ސުޕްރީމް ކޯޓުގެ ދައުރެއް އެކަމުގައި ނޯންނަގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދަށް އާންމު ކޮމެޓީން ގެނެސްފައިވާ އިސްލާހާއި ގުޅޭގޮތުން ސްޕްރީމް ކޯޓްގެ ލަފަޔަކަށް އެދި އެކޯޓަށް ހުށަހަޅައިފިއެވެ.
މިމައްސަލާގައި ސްޕްރީމް ކޯޓްގެ ލަފަޔަކަށްއެދި ހުށަހަޅާފައިވާއިރު މަޖިލީހުގެ ގަވާއިދަށް އާންމު ކޮމެޓީން ގެނެސްފައިވާ އިސްލާހަށް ވޯޓަށް އެހުމުގެ ކުރިން ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުމަށް އިއްޔެވަނީ މަޖިލީހުން ނިންމާފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި އާންމު ކޮމެޓީގެ އެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުން، އެ ރިޕޯޓަށް ބަހުސް ކުރެއްވި އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ވިދާޅުވީ، ސުޕްރީމް ކޯޓުން ކަނޑައެޅިގެން ވަކިގޮތަކަށް އަމަލު ކުރުމަށް ހުކުމުގައި ބުނެފައިވަނިކޮށް، އެއާ ހިލާފަށް މަޖިލީހުގެ ގަވާއިދު ބަދަލުކުރެވޭނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި، އެ އުސޫލު ރަނގަޅަށް ކިޔާލަން ވެސް ފުރުސަތު ނުލިބޭ ކަމަށެވެ. އަދި އަވަސް އަރުވާލައިގެން އެ އިސްލާހަށް ވޯޓަށް އެހުމުގެ ކުރިން ސިޔާސީ ޕާޓީތަކުގެ ލީޑަރުން މަޝްވަރާ ކޮށްލުން ރަނގަޅު ކަމަށް ވެސް އެމްޑީޕީގެ މެމްބަރުން ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް އެގޮތަށް ހުށަހެޅުމުންވުމާއި ގުޅިގެން މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވީ މިއަދުގެ މަޖިލީހުގެ ޖަލްސާގެ ހުސްވަގުތު ކޮޅުގައި ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާ މަޝްވަރާ ކޮށްލައްވާނެ ކަމަށެވެ.
އިއްޔެގެ ޖަލްސާގައި މަޖިލީހުގެ ރައީސް ގާސިމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނާއެކު މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ލީޑަރުން ނިންމާފައިވަނީ އެކަމުގައި ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދުމަށެވެ.
ގާސިމް ވިދާޅުވީ ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެގޮތަށް ނިންމެވުމުން، މިއަދުގެ ޖަލްސާގައި އެ އިސްލާހަށް ވޯޓަށް ނާހާނެ ކަމަށެވެ. އަދި އެކަމުގައި ސުޕްރީމް ކޯޓުގެ ލަފަޔަކަށް އެދިލައްވާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.
އިތުބާރު ނެތްކަމުގެ މައްސަލަތަކުގެ އަމަލުކުރާނެ އުސޫލެއް މަޖިލީހުގެ ގަވާއިދަށް އިތުރުކޮށްފައި މިވަނީ ސަރުކާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދުދީދީގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން މަޖިލީހަށް ހުށަހަޅާފައިވާތީ، އެމައްސަލައަށް ގޮތެއް ނިންމުމުގެ ކުރިން އެއުސޫލު މަޖިލީހުގެ ގަވައިދުގެ ހިމަނަންޖެހޭތީ އެވެ.
މަޖިލީހުގެ ގަވާއިދަށް އެ އުސޫލު އިތުރުކުރަން ޖެހުނީ 2017 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހު ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުމަކާ ގުޅިގެންނެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައި މަޖިލީހުން ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތަކަކީ އެކަށީގެންވާ ސަބަބުތަކެއް އޮވެގެން ނަގާ ވޯޓަކަށް ވާންޖެހޭނެ ކަމަށާއި އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރިޔަސް އެކަމުގައި ފަހުގެ ނިންމުން ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް އެ ހުކުމްގައިވެއެވެ.
އިމްޕީޗްމަންޓާ ބެހޭ ގޮތުން އެހުކުމްގައި ހުރި ބައިތައް މަޖިލިހުގެ ގަވައިދަށް އިތުރު ކުރަން މިދިޔަ އަހަރު ވެސް މަޖިލިހުގައި މަސައްކަތް ކުރި އެވެ. އޭރު އެމަސައްކަތް މަޑުޖައްސާލާފައިއޮތީ، މަޖިލީހުގެ ޖަލްސާތައް ވެސް އެކަށީގެންވާ ގޮތެއްގައި ކުރިއަށް ނުގެންދެވި، އޭރު އިދިކޮޅުން ހުށަހަޅަން އުޅުނު ވަޒީރުންގެ އިތުބާރު ނެތްކަމުގެ މައްސަލަތައްވެސް މަޑުޖައްސާލާފައި އޮތުމުންނެވެ.
މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އާންމު ކޮމެޓީއަށް ހުށަހަޅުއްވައި، އެ ކޮމެޓީން މިމަހުގެ 13 ވަނަ ދުވަހު ފާސްކުރި އިސްލާހުގައި ބުނެފައި ވަނީ ވަޒީރުންނާއި ފަނޑިޔާރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ މައްޗަށް އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރުމުން، އޭނާގެ މަގާމު އެ ހިނދުން ފެށިގެން ވަކިވީ ކަމަށެވެ.
ކޮމެޓީގައި ބަހުސް ކުރެއްވީ އެމްޑީޕީ މެމްބަރުން ބުނަމުންދިޔައީ ސުޕްރީމް ކޯޓުގެ ހުކުމެއްގައި ވަކިގޮތަށް ބަޔާންކޮށްފައިވަނިކޮށް، އެ ނޫން ގޮތަކަށް އުސޫލެއް ކަނޑައެޅުމަކީ ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑުން ކަމަށާއި، އަވަސް އަރުވާލައިގެން، އުސޫލެއް ކަނޑަޅަން މަސައްކަތް ކުރާއިރު، ރަނގަޅަށް ކިޔާލާ، ދިރާސާކޮށްލުމާއި ގާނޫނީ ލަފާ ހޯދުން މުހިއްމު ކަމަށެވެ.
ނަމަވެސް އިދިކޮޅު ޕީޕީއެމާއި ޖޭޕީގެ މެމްބަރުން ބުނަމުންދިޔައީ އިތުބާރު ނެތްކަމުގެ މައްސަލާގައި ހިތްހަމަ ނުޖެހުމެއް ހުރިނަމަ ސުޕްރީމް ކޯޓަށް އެމައްސަލަ ހުށަހަޅައިގެން ކުރިއަށް ދިޔުމަށް މިގަވާއިދު ހުރަސް ނާޅާކަމަށެވެ.
އެ އުސޫލް ކޮމެޓީން ފާސްކުރީ އިދިކޮޅު ޕީޕީއެމާއި ސަރުކާރު ކޯލިޝަން ޖޭޕީގެ މެމްބަރުން ގުޅިގެން ނެވެ. އެ އުސޫލާ ދެކޮޅު ހެއްދެވީ އެކޮމެޓީގައި ހިމެނޭ އެމްޑީޕީގެ ތިން މެމްބަރުން ނެވެ.
މަޖިލީހުގެ ގަވާއިދަށް ހުށަހެޅި އެ އިސްލާހަށް އަމަލު ކުރަން ފަށާނީ، މަޖިލީހުގެ ތަޅުމުން އެ އިސްލާހު ފާސްކުރުމުންނެވެ.
އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި އަމަލު ކުރާނެ އުސޫލް، މަޖިލީހުގެ ގަވާއިދުގައި ކަނޑައެޅުމަށް ކޮމެޓީން ފާސްކޮށްފައިވާއިރު، 14 މެމްބަރުންގެ ސޮޔާއެކު އިދކޮޅު ޕީޕީއެމުން ވަނީ މިދިއަ މަހުގެ 25 ވަނަ ދުވަހު މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާފަ އެވެ.
އެ އިސްލާހުގައި ބުނެފައިވާ ގޮތުން، އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅުމުން މަޖިލީހުގެ ތަޅުމަށް އެ މައްސަލައެއް އިއްވުމަށްފަހު، ހަތް މެމްބަރުންގެ ވަގުތީ ކޮމެޓީއަކަށް އެ މައްސަލަ ފޮނުވަންވާނެ ކަމަށެވެ. އެ ކޮމެޓީ އެކުލަވާލަންޖެހޭނީ ކޮންމެ ސިޔާސީ ޕާޓީއަކުން މަދުވެގެން އެއް މެމްބަރަކާއި އަމިއްލަ އެއް މެމްބަރެއްގެ މައްޗަށް ކަމަށެވެ. ކޮމެޓީއަށް އެ މައްސަލައެއް ފޮނުވަންވާނީ ބަހުސް ކުރުމަކާ ނުލައި ކަމަށް އިސްލާހުގައިވެއެވެ.
އެ އުސޫލުގައިވާ ގޮތުން އިތުބާރު ނެތް މައްސަލައިގެ ދިފާއުގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު އެބޭފުޅަކަށް ނުވަތަ ގާނޫނީ ވަކީލުން ބޭނުންވެއްޖެ ނަމަ އެ ފުރުސަތު ދޭން ޖެހެ އެވެ. އަދި ވަގުތީ ކޮމެޓީއަށް މައްސަލަ ފޮނުވާތާ 10 ދުވަސް ތެރޭގައި އެ މައްސަލައެއް ނިންމައި، މެމްބަރުންނަށް ބަހުސް ކުރުމަށް ފުރުސަތު ދިނުމަށް މަޖިލިހުގެ ތަޅުމަށް ފޮނުވަން ޖެހެ އެވެ. އަދި މަޖިލިހުގެ ތަޅުމުގައި ވަޒީރަކަށް ނުވަތަ އޭނާގެ ވަކީލަކަށް ޖަވާބުދާރީވާން ފުރުސަތު ދޭން ޖެހެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން ވަޒީރެއް ނުވަތަ މިނިވަން މުއައްސަސާއެއްގެ ބޭފުޅެއްގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހުން ފާސްވާނީ މަޖިލީހުގެ އަޣްލަބިއްޔަތުން ނެވެ. އަދި ފަނޑިޔާރެއްގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލަ ފާސްވާނީ މަޖިލީހުގެ ތިން ބައިކުޅަ ދެބައި މެމްބަރުންގެ އަޣުލަބިއްޔަތުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ