ޔާމީންގެ އެކައުންޓްތައް ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި

ހިޔާނާތާއި ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ފްރީޒް ކޮށްފައިވާ އެކައުންޓްތައް ދޫކޮށްލުމަށް ހައި ކޯޓުން ނެރުނު އަމުރު ބާތިލް ކުރުމަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި އެ މައްސަލަ ދައުލަތުގެ ފަރާތުން ޕްރޮސެކިއުޓާ ޖެނެރަލް ސުޕްރީމް ކޯޓަށް އިސްތިއުނާފް ކޮށްފައިވަނީ ހޯމަ ދުވަހުގެ ވަގުތެއްގައެވެ.
ނަމަވެސް ދައުލަތުގެ ކަމާބެހޭ އެއްވެސް އިދާރާއަކުން އެކަމާގުޅޭ ރަސްމީ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެއެވެ.
ޔާމިންގެ އިސްލާމިކް ބޭންކްގައި ހުޅުވާފައިވާ 8 އެކައުންޓެއް ފްރީޒް ކުރުމަށް ކުރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލްކޮށްފައި ވަނީ އާދިއްތަ ދުވަހުއެވެ.
ޔާމީނުގެ އެކައުންޓްތަކުގައި ހުރި 100 މިލިޔަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ނެރެފައި އޮތް އަމުރު ހައިކޯޓުން ބާތިލްކޮށް، އެ އެކައުންޓްތައް ދޫކޮށްލަން އަމުރުކޮށްފައިވާއިރު އެފަދަ އިތުރު އަމުރެއް ވެސް އޮތްކަން ވަނީ ހާމަވެފައެވެ.
ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާއެގޮތުން މިހާރު އޮތް އެ އަމުރަކީ ކްރިމިނަލް ކޯޓުން އެންމެ ފުރަތަމަ ނެރުނު އަމުރު މިމަހު 12 ވަނަ ދުވަހަށް ހަމަވާތީ ފުލުުހުން ހޯދި ދެ ވަނަ އަމުރެއް ކަމަށް ވަނީ އެނގިފައެވެ. އަދި ކޯޓުން ބާތިލުކޮށްފައި ވަނީ ފުރަތަމަ ނެރުނު އަމުރެވެ.
އޭގެ އިތުރުން އެ އެކައުންޓް ފްރީޒްކުރުމަށް ފުރަތަމަ ނެރުނު އަމުރު، ޔާމީންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރި ކްރިމިނަލް ކޯޓުގެ އަމުރަކީ ޖިނާއީ އިޖުރާއާތުގެ ގާނޫނާއި ގާނޫނުއަސާސީއާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ބުނެއެވެ. އަދި އެ އަމުރު ބާތިލްކޮށް، ހައިކޯޓުން ނެރުނު އަމުރުގައި އެކައުންޓްތައް ފްރީޒްކުރުމަށް އަމުރުކޮށްފައި ވަނީ ޖިނާއީ އިޖުރާއާތުގެ ޤާނޫނުގެ 72 ވަނަ މާއްދާ އާއި 73 ވަނަ މާއްދާގައި ކަންކުރުމަށް ކަނޑައަޅާފައިވާ ތަރުތީބާ ހިލާފަށް ކަމަށް ވެސް ވަނީ ބުނެފައެވެ.
ފުލުހުން އެކަމާ ގުޅިގެން އިތުރު ތަފްސީލު ހާމަކޮށްފައިނުވާއިރު ފުލުހުން ވަނީ އެ އެކައުންޓްތައް ފްރީޒްކުރުމަށް ޑިސެމްބަރު މަހު ނެރުނު އަމުރު ހައިކޯޓުން ބާތިލުކުރުމާ ގުޅިގެން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށް ބުނެފައެވެ.
އެ މައްސަލައިގައި ތަހުގީގައްޓަކައި ރައީސް ޔާމީންގެ ނަމުގައި ހުރި އެކައުންޓްތަކުގައި މިހާރު ހުރި ޔޫއެސް ޑޮލަރާއި، ދިވެހި ފައިސާ ހިމެނޭ ގޮތުން، ދިވެހި ފައިސާ އިން ޖުމްލަ 100 މިލިޔަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއްގެ ފައިސާ ވަނީ ފްރީޒް ކޮށްފައެވެ.
ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ މޯލްޑިވްސް މާރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭކަމަށް ބެލެވޭ ގިނަ ޢަދަދެއްގެ ފައިސާ ރައީސް ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އާއި ގުޅިގެން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ