ހޮނިހިރު ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ބ.އަތޮޅުކެންދޫ ދާއިރާގައި ބެހެއްޓި ވޯޓް ފޮއްޓެއް ބާތިލްކޮށް، އަލުން އެފޮއްޓަށް ވޯޓުލުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަނުގައި އެދިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ ޝަކުވާގެ ގޮތުގައި އެމްޑީޕީން އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާއަކީ ކެންދޫ ވޯޓުލާ މަރުކަޒުގައި ބެހެއްޓި ވޯޓު ފޮށި ނަމްބަރު F03.03.1، ވޯޓު ފޮއްޓާ ގުޅޭ ޝަކުވާތަކެކެވެ،
އެމްޑީޕީން ހުށަހެޅި ޝަކުވާތަކުގައި ތެރޭގައި ހިމެނެނީ، ގަޑިއަކު އެއްފަހަރު ވޯޓު ލަމުންދާ މީހުންގެ ތަފްސީލް ހާމަކުރަން އޮންނަ އުސޫލުގެ ދަށުން މެންދުރު 14:00 ގައި ވޯޓް ފޮއްޓަށް ވޯޓްލި ކަމަށް އިއުލާން ކުރީ 377 މީހުން ކަމަށެވެ. ނަމަވެސް އޭރު ކިޔު ނަމްބަރު 377 ވޯޓުލާފައި ނުވާކަމަށާއި ވޯޓުލާފައިވާ މީހުންގެ ކިޔޫ ނަމްބަރަށްވުރެ އިތުރަށް އެ ވޯޓް ފޮއްޓަށް ވޯޓުލާފައިވާކަން އެވަގުތު އެ ވޯޓު ފޮއްޓާ ހަވާލުވެހުރި ވެރިޔާގެ ސަމާލުކަމަށް ގެނައި ނަމަވެސް ވޯޓުލުން ކުރިއަށް ގެންދިއުން ހިމެނޭ ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީން ބުނާ ގޮތުގައި ވޯޓު ފޮށި ކައިރީ އޮންނަ ޝީޓާއި ވޯޓާސް ލިސްޓާއި އިނގިލީގައި ފާހަގަޖަހާފައި މާކުކުރާ ލިސްޓާއި ކިޔު ނަމްބަރު ދޫކުރި ލިސްޓާއި އެއްޝީޓް އަނެއް ޝީޓް ދިމައެއް ނުވެއެވެ.
ވޯޓްލާފައިވާ ކަމަށް ބުނެ މާކުކޮށްފައިވާ ލިސްޓްގައި ވޯޓްލާން ގޮސްފައިނުވާ މީހުންގެ ނަމާ ދިމާލުގައި މާކު ކޮށްފައި ހުރުމާއި 18:00 ގައި، ވޯޓުލުން ބަންދުކުރިފަހުން ވޯޓްލާ މަރުކަޒުގެ އޮފިޝަލެއް 18:03ގައި ވޯޓުލާފައި ވުމާއި، ވޯޓު ކަރުދާސްކޮޅުތަކުގެ ކައުންޓާ ފޮއިލްކޮޅުތަކާއި ބާކީ ހުރި ވޯޓު ކަރުދާސްތައް ދައްކާފައިނުވާ ކަމަށްވެސް އެމްޑީޕީން ހުށަހަޅާފައިވާ ޝަކުވާގައި ބުނެފައިވެއެވެ.
ވަގުތީ ނަތީޖާ ދައްކާގޮތުން ކެންދޫ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރައްވާފައިވަނީ ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަލީ ހުސައިން އެވެ.
އެމްޑީޕީން ބާތިލް ކުރަން އެދިނު އެ ވޯޓު ފޮށީގެ ނަތީޖާ ދައްކާގޮތުން އަލީ ހުސައިންއަށް 287 ވޯޓް ލިބިލައްވާފައި ވެއެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް 66 ވޯޓް ލިބިލައްވާފައިވާއިރު، އަމިއްލަ ކެންޑިޑޭޓް އަހުމަދު ރިޒާއަށް 141 ވޯޓް ލިބިލައްވާފައި ވެއެވެ.
ވަގުތީ ނަތީޖާއަށް ބަލާއިރު، ޖޭޕީގެ ކެންޑިޑޭޓް އަލީ ހުސައިން އިންތިހާބު ވެފައި ވަނީ 929 ވޯޓުން ނެވެ. އެމްޑީޕީގެ ކެންޑިޑޭޓަށް ލިބިފައިވަނީ 802 ވޯޓެވެ. އަމިއްލަ ކެންޑިޑޭޓް އަހުމަދު ރިޒާއަށް 700 ލިބިފައި ވެއެެވެ.
ކެންދޫ ދާއިރާގެ ވޯޓު ފޮއްޓެއް ބާތިލްކޮށް، އަލުން ވޯޓް ލުމަށް އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ