ވަގަށްނެގި ކޭޝްކާޑެއް ބޭނުންކޮށްގެން އޭޓީއެމަކުން ނެގި 13،500 ރުފިޔާ ހޯދާ ވެރިފަރާތާއި ޙަވާލުކޮށްފި

ކޭޝްކާޑެއް ވަގަށް ނަގައިގެންގޮސް އޭޓީއެމަކުން ނެގި ފައިސާތަކެއް ހޯދައި އޭގެ ވެރި ފަރާތާއި ޙަވާލުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، ކޭޝްކާޑެއް ވަގަށް ނަގައިގެންގޮސް އޭޓީއެމަކުން ފައިސާތަކެއް ވަގަށް ނަގާފައިވާކަމަށް ބ. ދަރަވަންދޫ ޕޮލިސް ޑެސްކަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ ފައިސާތައް ހޯދައި އޭގެ ވެރިފަރާތާ ހަވާލު ކޮށްފައިވާ ކަމަށެވެ.
ދަރަވަންދޫ މީހެއްގެ ކޭޝްކާޑު ބޭނުން ކޮށްގެން ވެރިފަރާތުގެ ހުއްދަ ނުހޯދައި އޭޓީއެމަކުން 13،500 ދިވެހި ރުފިޔާ ނަގާފައިވާކަމަށް ބުނެ މައްސަލަ ރިޕޯޓުކޮށްފައިވަނީ އޮގަސްޓް މަހުގެ 14 ވަނަ ދުވަހުގެ 13:07 ހާއިރުކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އެ މައްސަލައާ ގުޅިގެން ދަރަވަންދޫގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން އެދުވަހުގެ ހަތަރު ގަޑިއެއްހާއިރު ތެރޭގައި އެ ފައިސާތައް ހޯދައި ފައިސާތަކުގެ ވެރިފަރާތާ ޙަވާލުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މި މައްސަލައާ ގުޅިގެން އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވެއެވެ. މި މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ