މަސައްކަތް ކުރަމުން އަންނަނީ ގެއްލުން ކުޑަވާނެ ގޮތަކަށް ފިނޭންސް އިމާރާތުގެ މަސައްކަތް ކުރިއަށްގެންދިއުމަށް: އެޗްޑީސީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ފިނޭންސް މިނިސްޓްރީގެ 25 ބުރީގެ އާ އިމާރާތް އެޅުމަށް ހަވާލުކުރި މެލޭޝިޔާގެ، ޑަބްލިއުޒެޑްއާރް ޕްރޮޕަޓީ އެސްޑީއެން ބަރުހާދު ގްރޫޕް އިން، ހައުސިންގ ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ދެކޮޅަށް އޭޝިއަން އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރ އަށް ހުށައެޅި މައްސަލަ އެކުންފުނިން ކާމިޔާބުކުރުމާއި ގުޅިގެން، މަސައްކަތް ކުރަމުން އަންނަނީ ގެއްލުން ކުޑަވާނެ ގޮތަކަށް އެ ކުންފުންޏާ އެކު މަޝްރޫއު ކުރިއަށް ގެންދަން ކަމަށް އެޗްޑީސީން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީގެ އައު އިމާރާތް އެޅުމަށް ޑަބްލިއުޒެޑްއާރްއާ ހަވާލުކޮށްފައިވަނީ 2016 ވަނަ އަހަރުއެވެ. ކުންފުނިން ކޮށްފައިވާ މަސައްކަތަށް ފައިސާ ނުދޭތީވެ އެ މައްސަލަ އާބިޓްރޭޝަނަށް ހުށައެޅީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ. ފައިސާ ނުލިބޭތާ ދެ އަހަރު ވަނީ ވެފައެވެ. ކުންފުނިން އިންވޮއިސް ފޮނުވާފައިވަނީ، 2018 ވަނަ އަހަރުގެ މެއި މަހުއެވެ.
މެލޭޝިޔާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުން، ޖުލައި މަހުގެ ފަސްވަނަ ދުވަހު އާބިޓްރޭޝަނުން އެ މައްސަލަ ނިންމީ 2018 ވަނަ އަހަރުގެ މެއި މަހު އެ ކުންފުނިން އެޗްޑީސީ އަށް ފޮނުވި އިންވޮއިސް އަށް ވާ، 22,823,432.68 (ބާވީސް މިލިއަން އަށްލައްކަ ތޭވީސް ހާސް ހަތަރު ސަތޭކަ ތިރީސް ދެ) ޑޮލަރު ހަތް ދުވަސް ތެރޭގައި ދެއްކުމަށެވެ. ފައިސާ ދައްކަން އަމުރުކޮށްފައިވަނީ އަހަރެއްގެ މައްޗަށް އިންޓްރެސްޓް ރޭޓަށް އަރާ 6.5 އިންސައްތައާ އެކުއެވެ.
22 މިލިއަން ޑޮލަރު ދައްކަންޖެހޭގޮތަށް އޭޝިއަން އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން ނިންމި ނިންމުމައި ގުޅިގެން އެޗްޑީސީން އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ސަރުކާރުން ފުރަތަމަ އެއްބަސްވުމުގައި ސޮއިކުރެވުނުއިރު މަޝްރޫޢުގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ 122.7 (ސަތޭކަ ސާވިސް ޕޮއިންޓް ހަތެއް) މިލިއަން އެމެރިކާ ޑޮލަރު ކަމަށެވެ. އަދި މި މަޝްރޫޢު ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަދަލުކުރުމަށް އޭރުގެ ސަރުކާރުން ނިންމެވުމާ ގުޅިގެން، ނޮވޭޝަން އެއްބަސްވުމެއްގެ ދަށުން މިނިސްޓްރީ އޮފް ފިނޭންސްގެ މައްޗަށްވާ އެންމެހައި އިލްތިޒާމްތައް 2017 މާރިޗް 7 ވަނަ ދުވަހު އެޗްޑީސީއަށް ބަދަލުކުރެވުނުކަމަށް އެ ކުންފުނިން ބުންޏެވެ.
އެޗްޑީސީން ބުނީ އެ ކުންފުނީގެ މައްޗަށް އެއްބަސްވުން ބަދަލުކުރެވުނުއިރު މި މަޝަރޫޢު ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ހަމަޖެހިފައިނުވާކަމަމަށެވެ. އަދި މަޝްރޫޢު ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ބަދަލުކުރުމާއި ގުޅިގެން މަޝްރޫޢުގެ އަގު 155 (ސަތޭކަ ފަންސާސް ފަހެއް) މިލިއަން އެމެރިކާ ޑޮލަރަށް ބޮޑުވެގެންދިޔަކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ މަޝްރޫޢަކީ ބިޒްނަސް ޕްލޭނުގެ ބޭރުން އެ ދަނޑިވަޅުގައި ކުއްލިގޮތަކަށް ކުރަންޖެހުނު ކަމަކަށްވެފައި، 155 (ސަތޭކަ ފަންސާސް ފަހެއް) މިލިއަން އެމެރިކާ ޑޮލަރަށް މަޝްރޫޢުގެ އަގު ބޮޑުވެގެން ދިއުމަކީ ކުންފުނީގެ ބެލެންސް ޝީޓަށް އިތުރުވާނެ ބިޔަ ބޮޑު ލޯނެއްކަމަށްވެފައި، ފީސިބިލިޓީއަށް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވާނެ ކަމެއްކަމަށެވެ. އަދި ކުންފުންޏަށް މަސައްކަތް ބަދަލުކުރެވުނުއިރު 30 (ތިރީސް) މިލިއަން އެމެރިކާ ޑޮލަރުގެ ބިލެއް މި ކޯޕަރޭޝަނަށް ހުށަހަޅާފައިވާކަމަށް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން ބުނީ ކޮންޓްރެކްޓަރ ހުށަހަޅާފައިވާ ބިލުގައިވާ އަގަކީ، ކޮށްފައިވާ މަސައްކަތާއި ނުބައްދަލު އަގަކަށްވާތީ، ކޮންޓްރެކްޓަރާއި މި ކޯޕަރޭޝަނާއި ގުޅިގެން ޖޮއިންޓް ވެރިފިކޭޝަނެއް ހެދުމަށްފަހު އަގުކުޑަކުރެވިފައިވާކަމަށެވެ. އަދި ކޮންޓްރެކްޓަރ ކޮށްފައިވާ މަސައްކަތްތަކަށް ޖެހޭ އަގެއްގެގޮތުގައި 22.8 (ބާވިސް ޕޮއިންޓް އަށެއް) މިލިއަން އެމެރިކާ ޑޮލަރުކަމަށް ވަނީ ނިންމަވާފައިވާކަމަށް އެޗްޑީސީން ބުންޏެވެ.
2020 ޖުލައި 5 ވަނަ ދުވަހުން ފެށިގެން 07 (ހަތެއް) ދުވަހުގެ ތެރޭގައި ފައިސާ ދެއްކުމަށް އެޖުޑިކޭޓަރ ނިންމަވާފައިވަނީ، ކޮންޓްރެކްޓަރ ކުރި މަސައްކަތްތަކަށް ކަމުގައިކަން ފާހަގަކޮށް، އެޗްޑީސީން ބުނީ އެފަރާތާއެކު ވެފައިވާ އެއްބަސްވުން ބާތިލްކުރުމަކީ އެންމެ އެކަށީގެންވާކަމަކަށް މި ކޯޕަރޭޝަނަށް ނުފެންނާތީއާއި، އިޢާދަ ނުކުރެވޭނެ ފަދަ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، މަޝްރޫޢުކުރިއަށް ގެންދެވޭނެ އިންތިޒާމްތައް ހަމަޖެއްސުމަށް މަސައްކަތްކުރަމުންގެންދާކަމަށެވެ. އެގޮތުން، މި މަޝްރޫޢު ދެކޮޅުޖެހޭނެ ފަދަ ގޮތަކަށް ސްކޯޕަށް ބަދަލުތަކެއް ގެނައުމުގެ އިތުރުން، ސަރުކާރާއި މި ކޯޕަރޭޝަނަށް ގެއްލުން ނުވާނެފަދަ އެކަށީގެންވާ ފައިނޭންޝިއަލް ޓަރމްސް އާއެކު މަޝްރޫޢު ނިންމުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމުގެ ކަންކަން ކުރުމަށް ކޮންޓްރެކްޓަރާއެކު މަޝްވަރާކުރެވެމުންދާކަމަށް އެޗްޑީސީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ