ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި އުމުރުން 17 އަހަރުގެ ކުއްޖަކާ ކައިވެނިކޮށް، އެ ކުއްޖާ ބަލިވެއިން މައްސަލައާ ގުޅިގެން ކުއްޖާއާ މެދު ޖިންސީ ގޯނާކޮށް ކުއްޖާ ރޭޕްކޮށްފައިވާ ކަމުގެ ތުހުމަތުގައި، ކޯޓު އަމުރެއްގެ ދަށުން ޖުލައި 03 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ހއ. ފިއްލަދޫ / ޝޭޑޯޒް، އަހުމަދު ޢައްޠަފް (23އ) ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް މ.މުލި މެޖިސްޓްރޭޓް ކޯޓުން އަމުރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައާ އިއްޔެ އަހުމަދު ޢައްޠަފް މ. މުލި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ތުހުމަތުކުރެވޭ މައްސަލައަކީ ޝަރުއީ އުސޫލުތަކާ ހިލާފަށް ކޯޓުން ބޭރުގައި އުމުރުން 18 އަހަރު ނުވާ ކުއްޖަކާ ކައިވެނިކޮށް، ޖިންސީ ގޯނާ ކުރުމުގެ ސަބަބުން ކުއްޖާ ބަލިވެއިން މައްސަލައަކަށްވާތީ، އޭނާ ދޫކޮށްލައިފިނަމަ ހެކިބަސްދޭން ތިބި މީހުންނަށް ނުފޫޒު ފޯރުވައި ހެކި ނައްތާލައިފާނެ ކަމަށް ބެލެވޭތީ މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައި ކަމަށެވެ.
މި މައްސަލައިގެ ތަހުގީގު ފުރިހަމަކޮށް ދައުވާ ކޮށްދިނުމަށްއެދި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމުގެ މަސައްކަތް މިހާރުދަނީ ކުރަމުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން މިއަދު ވެސް ވަނީ ޗައިލްޑް އެކްސްޕްލޮއިޓޭޝަންގެ އިތުރުން ކުޑަކުދިން އެބިއުސް ކުރުމުގެ މައްސަލަތައް އިތުރުވަމުންދާކަމަށް ފާހަގަ ކުރެވޭތީ، މައިންބަފައިންނާއި ބެލެނިވެރިން މިހާރަށްވުރެ ބޮޑަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ. އަދި ކުޑަކުދިންނާ ގުޅޭ މައްސަލަތައް މީޑިއާ ތަކުގައި ޝާއިއު ކުރާއިރު ކުޑަކުދިންގެ ކަރާމާތަށް އުނިކަން ނާންނަގޮތަށް އަމަލުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސް ކުރައްވާފައެވެ.
މިފަދަ އެއްވެސް މައްސަލައެއްގެ މައުލޫމާތު ލިބިއްޖެނަމަ އެކަން ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ ފޯން 3000600 އަށް ނުވަތަ މިނިސްޓްރީ އޮފް ޖެންޑަރ ފެމެލީ އެންޑް ސޯޝަލް ސަރވިސަސްގެ ހިލޭ ގުޅޭ ނަމްބަރ 1412 އަށް ހުށަހެޅުއްވުމަށް ފުލުހުން އެދެއެވެ.
ކޯޓުން ބޭރުގައި ކުޑަކުއްޖަކާއި ކައިވެނި ކުރި މީހަކު ޝަރީޢަތް ނިމެންދެން ބަންދުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ