އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ ނުބެލޭނެ: އިންތި

އިންތިގާލީ އިންސާފުގެ ގާނޫނުގެ ދަށުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލަ ނުބެލޭނެ ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ސަންގުޓީވީގައި ރޭ ވާހަކަދައްކަވަމުން އިންތި ވިދާޅުވީ ނަޝީދުގެ ވެރިކަމުގައި އަބްދުﷲ ގާޒީ ހައްޔަރުކުރި މައްސަލަ، އިންތިގާލީ އިންސާފުގެ ގާނޫނުގައި ބުނާ މަފްހޫމުގެ ތެރެއަށް ނުފެތޭ ކަމަށެވެ. އެގޮތުން އަބްދުﷲ ގާޒީއަށް ދިން އަނިޔާއެއް ނެތް ކަމަށްވެސް އިންތި ވިދާޅުވިއެވެ.
"އެ ގާޒީއަކީ ޖިނާއީ ކޯޓުގެ ގާޒީއަކަށް އިންނެވިއިރު، ކޮންމެސް މީހަކު މަރައިލި މައްސަލައެއްގައި ހެލްތު މިނިސްޓަރު ޖަވާބުދާރީ ކުރުވަން ކަމަށް ވިދާޅުވެ އެމީހާ ދޫކޮށްލި. ދޫކޮށްލި ދުވަސް ނޫން އަނެއް ދުވަހު އެމީހާ ގޮސް އެހެން މީހަކު އަނެއްކާ މަރައިލީ ކިހާ ނުރައްކާ ކަންތައްްތައްތޯމީ، އެމިންވަރުގެ ފަނޑިޔާރުން ފަނޑިޔާރުކަން ކުރުމުގައި އޮތް ނުރައްކާ އޭރު ވެސް ސިފަވޭ" އިންތި ވިދާޅުވިއެވެ.
އަދި އެ މައްސަލައާ ގުޅިގެން އަބްދުﷲ ގާޒީ އެކަހެރިކޮށްފައި ބެހެއްޓީ، އިންސާފެއް ނެތި ރައްޔިތުން ހިފާ ހައްޔަރުކޮށް އަނިޔާކުރި ގޮތަކަށް ނޫން ކަމަށް އިންތި ވިދާޅުވިއެވެ.
އިންތިޤާލީ އިންސާފުގެ ޤާނޫނަކީ، 1953 ޖަނަވަރީ 1 އިން ފެށިގެން 2018 ނޮވެންބަރު 17 އާ ދެމެދު ހިނގާދިޔަ މުއްދަތުގެ ތެރޭގައި ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއަކު، ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ޢަމަލުތައް ބަލައި، ތަޙްޤީޤުކޮށް، ޙަޤީޤަތް ހާމަކޮށް، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތައް މެދުވެރިކޮށް އިންސާފު ހޯދައިދިނުމުގެ ނިޒާމެއް އެކަށައެޅުމުގެ ޤާނޫނެވެ.
މި ޤާނޫނުގެ މަޤްޞަދުތަކުގެ ތެރޭގައި، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ޙައްޤެއް ނުވަތަ އަސާސީ މިނިވަންކަމެއް ނިގުޅައިގެންފައިވާނަމަ، އެ ޢަމަލުތަކަށް ޒިންމާވާ ފަރާތްތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ޖަވާބުދާރީކުރުވައި، އެފަރާތްތަކުގެ ޢަމަލުތަކުގެ ސަބަބުން އަނިޔާ ލިބުނު ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ފޯރުކޮށްދޭ ޙައްލުތަކުގެ ޒަރީއާއިން އިންސާފު ހޯދައިދިނުމާއެކު، ކުރިއަށް އޮތް ތަނުގައި އެފަދަ ކަންކަން ނުވާނެކަން ކަށަވަރުކުރުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް ފާހަގަކޮށް، ޤާނޫނުގެ ވެރިކަމުގެ މައްޗަށް ބިނާވެފައިވާ ތަހުޒީބީ ދައުލަތެއް އާރާސްތުކުރުން ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ