ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބް ގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
ޔައުޤޫބްގެ މެމްބަރުކަމާ މެދު ސުވާލު އުފައްދަން ފެށީ، ޗާޓަޑް އެކައުންޓެންޓުންގެ ގާނޫނުގެ ދަށުން އުފެއްދި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓް ކައުންސިލްގެ މެމްބަރު ކަމާ ޔައުގޫބް ހަވާލުވެވަޑައިގަތުމުންނެވެ. މަގާމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ޖެހިގެން އައި ދުވަހު ޔައުގޫބު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި އެވެ.
އެ މައްސަލަ ބެއްލެވީ ފަސް ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ރިޔާސަތުގައި ހުސްނުއްސުއޫދު އިންނަވާ ގޮތަށް އައިޝާ ޝުޖޫން އާއި ޑރ. މުހައްމަދު އިބްރާހިމާއި އަލީ ރަޝީދާއި މަހާޒް އަލީ ޒާހިރެވެ.
ޔައުޤޫބުގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅައި ދިނުމަށް އެދި މައްސަލަ ކޯޓަށް ވައްދާފައިވަނީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމާއި، ޕީޕީއެމް ކައުންސިލް މެމްބަރު އައްސަދު ޝަރީފްއެވެ.
މިމައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ސުއޫދު ވިދާޅުވީ ރާއްޖޭގައި ހަރަކާތްތެރިވާ ފަންނުވެރި ޖަމާއަތްތަކުގެ ތެރެއިން ބައެއް ޖަމާއަތްތަކަށް ގާނޫނީ ހައިސިއްޔަތު ދީ ގާނޫނީ އޮނިގަނޑެއް މަޖިލީހުން ފާސްކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް އެފަދަ މުއައްސަސާތަކަކީ ދައުލަތުގެ މުއައްސަސާތަކެއް ނޫން ކަމަށާއި ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރާ އިދާރާއެއް ވެސް ނޫން ކަމަށެވެ.
ޗާޓަޑް އެކައުންޓެންޓުންގެ އިސްޓިޓިއުޝަންގެ ކައުންސިލްގައި ޔައުގޫބު އަދާކުރެއްވި ވަޒީފާއަކީ ދައުލަތުގެ ވަޒީފާއެއް ކަމަށް ބަލާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ފަނޑިޔާރު ސުއޫދު ވަނީ ވިދާޅުވެފައެވެ. އަދި އެއީ މަނާ ވަޒީފާއެއް ނޫން ކަމަށް ވަނީ ކަނޑައަޅާފައެވެ. އެކަމަށް ހުރިހާ ފަނޑިޔާރުންވެސް ވަނީ ތާއީދު ކުރައްވާފައެވެ.
ޔައުގޫބުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ