މޫސުން ރަނގަޅުވާނީ ހޯމަ ހިސާބުގައި: މެޓް

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރަ މަޑުވެ މޫސުން ރަނގަޅުވާނީ އަންނަ ހޯމަ ދުވަހު ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. މެޓް އޮފީހުގެ އިސް އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ، އަންނަ ހޯމަ ދުވަހާ ހަމައަށް ވެސް މުޅި ރާއްޖެއަށް ވަރަށް ބޮޑަށް ވިއްސާރަ ކުރާނެ ކަމަށް ބެލެވޭ ކަމަށެވެ. "މޫސުން ރަނގަޅުވާނެ ކަމަށް މިބެލެވެނީ އަންނަ ހޯމަ ހިސާބުގައި،" މެޓް އޮފީހުގެ އޮފިޝަލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، މެދު ރާއްޖެތެރެއަށް މިހާރު ވިލާގަނޑުގައި 30 މޭލާއި 40 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭތީ މިރޭ 12:00 އާއި ހަމައަށް ރީނދޫ އެލާޓް ނެރެފައިވާ ކަމަށެވެ. މިހާރު ރާއްޖޭގެ ހުރިހާ ސަރަހައްދެއްގެ ކަނޑުތައްވެސް ވަރަށް ގަދަވާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާ ކުރާ ގޮތަށް އަލިއަޅުވާލައި އޮފިޝަލް ވިދާޅުވީ، މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށެވެ. އަދި 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައިޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވިއެވެ. މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެކި ވަރުގެ ގެއްލުންތައް ދަނީ ލިބެމުންނެވެ. އޭގެ ތެރޭގައި ކަނޑުމަތީ ހިތާމަ ވެރި ހާދިސާތަކެއް ހިނގާފައިވާއިރު ބައެއް ރަށްރަށުގައި ފެންބޮޑުވެ ގޭގެއަށް ފެން ވަދެފައިވެސް ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ