ކެނޑިޑޭޓަށް ވުމުގެ ޝަރަފް ދިނީ ހިންނަވަރު ރައްޔިތުން، ވަރަށް ބޮޑަށް ޝުކުރިއްޔާ: އިބޫ

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަށް ވުމުގެ ޝަރަފް ދެއްވީ ޅ. ހިންނަވަރުގެ ރައްޔިތުން ކަމަށާއި އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު އަދާ ކުރައްވާ ކަމަށް އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫ ވިދާޅުވެއްޖެ އެވެ.
އިބޫގެ އުފަން ރަށުގައި ހުންނަވައި ރައްޔިތުންނާއި ބައްދަލުކުރައްވައި ވިދާޅުވީ، ހިންނަވަރު ފަސްގަނޑުގައި މިއަދު ހުރެ ވާހަކަ ދެއްކުމަކީ އެހާ ފަސޭހަ ކަމެއް ނޫން ކަަމަށާއި ވޭތުވެދިޔަ 25 އަހަރު މަޖިލީހުގައި ތަމްސީލް ކުރެއްވީ މިރަށުގެ ހުރިހާ ބޭފުޅުން ކަމަށެވެ. އަދި އެ ޝަރަފް މިރަށުގެ ރައްޔިތުން ދެއްވީ ވަރަށްވެސް އިހްލާސްތެރިކަމާއެކު ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
"ފުރަތަމަ 15 އަހަރު އަޅުގަނޑު ރައްޔިތުން މަޖިލީހުގައި ހޭދަކުރެއްވީ މުޅި އަތޮޅުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި، މުޅި އަތޮޅުގެ ރައްޔިތުން ތަމްސީލް ކުރުމަށްޓަކައި، ވޭތުވެދިޔަ ދެދައުރު، 10 އަހަރު މި ހޭދަކުރައްވަނީ ހިންނަވަރުގެ ރައްޔިތުން ތަމްސީލް ކުރުމަށްޓަކައި،" އިބޫ ވިދާޅުވި އެވެ.
އިބޫ ވިދާޅުވީ، މިރަށުގެ ރައްޔިތުން އޭނާއަށް ހަވާލުކޮށްފައިވާ މަސައްކަތަކީ މި ގައުމު އިސްކޮށް މި ގައުމުގެ ރައްޔިތުންގެ މަސްލަހަތު އިސްކޮށް މަސައްކަތް ކުރުމަށް ކަމަށެވެ. މިއަދު ޕޯޑިއަމްްގައި ހުރެ އެއުފާ ލިބޭ ކަމަށާއި ރައްޔިތުން ހަވާލު ކުރި މަސައްކަތް ވަރަށް ފުރިހަމައަށް އަދާ ކުރެވިއްޖެ ކަމަށް ގަބޫލު ކުރައްވާކަމަށް އިބޫ ވިދާޅުވި އެވެ.
"މިރޭ މިތާ އަޅުގަނޑު ހުއްޓި މިހުރީ ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ގުޅިފައިވާ ކޯލިޝަނުން އެއްބަސްވީ ކެނޑިޑޭޓެއްގެ ގޮތުގައި، އެ ޝަރަފް އަޅުގަނޑަށް މިލިބުނީ، ދެއްވީ ތިބޭފުޅުން، މީގެ 25 އަހަރު ކުރިން އަޅުގަނޑު ރައްޔިތުންގެ މަޖިލީހަށް ހޮވައި އަދި ދައުރަކަށްފަހު ދައުރެއް އަޅުގަނޑު އިންތިހާބު ކުރަމުން ގެންދިޔައީ އަޅުގަނޑު މިދެންނެވި ގޮތަށް މުޅި ގައުމާއި މުޅި ރައްޔިތުންގެ މަސްލަހަތު އިސްކޮށް އަޅުގަނޑު ކުރި މަސައްކަތުން،" އިބޫ ވިދާޅުވި އެވެ.
"މިރޭ މިތާ ހުއްޓިހުރެ އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ވަރަށް ބޮޑަށް ޝުކުރިއްޔާ އަޅުގަނޑަށް މިފުރުސަތު ދެއްވީތީ،"
އިބޫ ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ކެނޑިޑޭޓެއް ގޮތަށް ކުރިމަތި ލައިގެންހުރެ މި އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ މަސައްކަތް ކުރާނީ މުޅި ގައުމާއި ދިވެހި ރައްޔިތުންގެ މަސްލަހަތަށްޓަކައި ކަމަށެވެ.
ގުޅިފައިވާ ކޯލިޝަންގެ ހަތަރު ޕާޓީ އިން އިންތިހާބަށް ނިކުންނެވީ ވަރަށް މުހިންމު ސަބަބުތަކެއް ކުރިމަތީގައި އޮވެގެން ކަމަށާއި މިގައުމަށް ދިމާވެފައިވާ ގޮންޖެހުންތަކުން މިގައުމު ސަލާމަތް ކުރުމަށް ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
"އެމްޑީޕީގެ މެންބަރުން އެމްޑީޕީގެ ޕާޓީއަށް، ލީޑާޝިޕަށް އެދި ގޮވަނީ މިގައުމު އިންސާފުގެ މަގަށް ގެންގޮސްދޭން، މިގައުމުން ވައްކަމާއި ކޮރަޕްޝަން ނައްތާލަދޭން، އަދާލަތް ފާޓީގެ މެންނ=ބަރު އަދާލަތު ޕާޓީގެ ލީޑާޝިޕަށް އެދި ގޮވަނީ ހަމަ މިކަމަށް، އިންސާފް މިގައުމުގައި ގާއިމް ކޮށްދޭށޭ، ވައްކަމާއި ކަރަޕްޝަން މިގައުމުން ނައްތާލަދޭށޭ، އަމާންކަން މިގައުމަށް ހޯދަދޭށޭ، ހަމައެގޮތަށް ޖުމްހޫރީ ޕާޓީގެ މެންބަރުންވެސް ޖުމްހޫރީ ޕާޓީގެ ލީޑާޝިޕަށް ގޮވާލަނީ ހަމަ މިކަމަށް، އިންސާފު ގާއިމް ކޮށްދިނުމަށް، ޕީޕީއެމްގެ މެންބަރުންވެސް ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްގައްޔޫމަށް އެދި ގޮވާލަނީ، ހަމަ މިކަމަށް،" އިބޫ ވިދާޅުވި އެވެ.
އިދިކޮޅު ކޯލިޝަން ގުޅިގެން އިންތިހާބަށް ނިކުންނެވީ މި ސަބަބުތަކަށްޓަކައި ކަމަށާއި އެއްވެސް ހާލަތެއްގައި ސިޔާސީ ބޭނުމެއް ހާސިލް ކުރުމަށްޓަކައި ނޫން ކަމަށެވެ. ގައުމަށް މިއަދު ދިމާވެފައި މިއޮތް އުނދަގުލުން ގައުމު ސަލާމަތް ކުރުމަށް ކަމަށާއި ރައްޔިތުން އެދޭ އެދުން ފުރިހަމަކޮށް އިސްލާހުގެ މަގަށް ގައުމު ގެންދިއުމަށް ކަމަށްވެސް އިބޫ ވިދާޅުވި އެވެ.
އިބޫ ވަނީ ވެރިކަމަށް ހޮވިވަޑައިގެންފިނަމަ އަމިއްލަ ރަށަށް ކޮށްދެއްވާނެ ކަންކަމުގެ ވައުދުތައްވެސް ހިއްސާ ކުރައްވާފަ އެވެ. އެގޮތުން އިބޫ ވިދާޅުވީ، އެރަށަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެގޮތުން އެމްޑީޕީ ސަރުކާރުގައި 100 ހައުސިން ޔުނިޓް ގާއިމް ކުރުމަށް ހިއްކި ބިން އޮތީ ކުރިއަށް ނުގެންގޮސް ހުއްޓުވާލާފައި ކަމަށެވެ. - މިރޭގެ ޖަލްސާ ކުރިއަށް ގެންދަނީ އެމްޑީޕީ ސަރުކާރުގައި ގެދޮރު ދޫކުރަން ހިއްކި ބިމުގަ އެވެ.
އިބޫ ވިދާޅުވީ، އޭރުވެސް ހިންނަވަރާމެދު އެމްޑީޕީން އޮތް ތަސައްވުރު މިހާރުވެސް އެބައޮތް ކަމަށާއި އިދިކޮޅު ސަރުކާރެއް ގާއިމްވެއްޖެނަމަ މިރަށުގައި ހައުސިން ޔުނިޓްތައް ގާއިމް ކޮށްދީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެ ކަމަށް އިބޫ ވައުދުވެވަޑައިގެންނެވި އެވެ.
އިބޫ އިތުރަށް ވިދާޅުވީ، އޭރު އެމްޑީޕީ ސަރުކާރުގައި ވައުދުވީ މިރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ހަދައި ދިނުމަށް ކަމަށާއި އޭނާގެ ވެރިކަމެއްގައި އެރަށު ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލު ކުރައްވާނެ ކަމަށެވެ. އަދި އެރަށަކީ ކުޅިވަރަށް ފޯރިހުންނަ ހުނަރުވެރި ޒުވާނުންތަކެއް ދިރިއުޅެމުންދާ ރަށެއް ކަމަށާއި އެމްޑީޕީ ވެރިކަމުގައި އެޅި ފުޓްބޯޅަ ދަނޑު އިތުރަށް ތަރައްގީ ކުރެވިގެންދާނެ ކަމަށް އިބޫ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ