ގާސިމް ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފި

ޖަލު ޙުކުުމެއް ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް، ހާލުދެރަވެގެން ފާރުވާއަށް ސިންގަޕޫރަށް ވަޑައިގެން އުޅުއްވާ ޖުމްހޫރީ ޕާޓީގެ ލީޑަރ، ގާސިމް އިބްރާހީމް އަނބުރާ ރާއްޖެއަށް ގެނައުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ގާސިމް ރާއްޖެ ގެނައުމުގެ މަސައްކަތް ފުލުހުން ފަށާފައި މިވަނީ، ގާސިމްއަށް ރާއްޖެއިން ބޭރުން ބޭސްފަރުވާކުރުމަށް ދިން މުއްދަތު ހަމަވުމުންވެސް ރާއްޖެ އައިސްފައިނުވާތީ އޭނާ ރާއްޖެއަށް ގެނެސްދިނުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން، މޯލްޑިވްސް ޕޮލިސް ސަރވިސްގައި އެދުމުންނެވެ.
ކަރެކްޝަނުން ގާސިމް ހޯދުމަށް ފުލުހުންގެ އެހީތެރިކަމަށް އެދިފައިމިވަނީ، އޭނާގެ ބޭސްފަރުވާއަށް ދިން މުއްދަތު އެކި ފަހަރުގެ މަތީން އިތުރުކޮށްދިނުމުންވެސް އެނބުރި ރާއްޖެ އައިސްފައިނުވާތީއެވެ. އެފަރާތުން ވަނީ ގާސިމްއަށް ދިން މުއްދަތު ހަމަވިއިރުވެސް ރާއްޖެ އައިސްފައި ނުވާތީ އޭނާ އުޅެނީ ފިލައިގެން ކަމަށް ކަނޑައަޅާފައެވެ.
ގާސިމް ސިންގަޕޫރުގައި ހިތުގެ އާލާސްކަންފުޅަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާއިރު، ދާދިފަހުން އޭނާގެ ހިތުގެ އޮޕަރޭޝަނެއްވެސް ކޮށްފައިވެއެވެ. ނަމަވެސް ގާސިމްގެ ބަލި ޙާލަތު އަދިވެސް ރަނގަޅު ނުވާކަމަށް ޖުމްހޫރީ ޕާޓީން ބުނެއެވެ.
އެގޮތުން މީގެ ހަފްތާއެއްހައި ދުވަސް ކުރީން ގާސިމް އެނބުރި ރާއްޖެ ވަޑައިގަތުމަށްޓަކައި އެއާޕޯޓަށް ވަޑައިގެންނެވުމުން، ފްލައިޓަށް އޭނާ އަރުވަން އެއާލައިނުން ދެކޮޅު ހަދާފައިވާކަމަށް ޖުމްހޫރީ ޕާޓީން ބުނެފައިވެއެވެ.
އެ ޕާޓީން ބުނެފައިވާގޮތުގައި، ސިންގަޕޫރު އެއާލައިންސްގެ ފްލައިޓަށް ގާސިމް އެރުވުމަށް އެ އެއާލައިނުން ދެކޮޅު ހެދީ، އޭނާގެ ބަލި ހާލަތަށް ރިއާޔަތްކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝަވަތު ދިންކަމުގެ ކުށް ސާބިތުވެ ޤާސިމްގެ މައްޗަށް ވަނީ 3 އަހަރާއި 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ