ހިންނަވަރުގެ ރައްޔިތަކަށްވީތީ ފާދިއްޕޮޅު ރައްޔިތުން އިބޫއަށް ވޯޓު ދޭކަށް ނުޖެހޭ- މިނިސްޓަރ ނާޒިމް
ހިންނަވަރުގެ ރައްޔިތަކަށްވީތީ ފާދިއްޕޮޅުގެ ރައްޔިތުން އިދިކޮޅު ކެންޑިޑޭޓް އިބުރާހިމް މުހައްމަދު ސޯލިހްއަށް ވޯޓުދޭންޖެހޭ ހަމަ އެއްވެސް ސަބަބެއް ނެތް ކަމަށް ހެލްތް މިނިސްޓަރ އަބުދުﷲ ނާޒިމް ވިދާޅުވެއްޖެއެވެ.ހެލްތް މިނިސްޓަރ އަބުދުﷲ ނާޒިމް އިބުރާހިމް ފާދިއްޕޮޅު ނައިފަރަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ވޯޓު ދެއްވަންވާނީ އެ ކެންޑިޑޭޓް އުފަންވެފައިވާ ރަށަކާ ތަނަކަށް ބަލައިގެން ނޫން ކަމަށެވެ. އަދި އިންތިޚާބުގައި ވޯޓް ދެއްވާއިރު ވިސްނަންޖެހޭ މުހިއްމު ދެކަމެއް އެބައޮތް ކަމަށާ، އެއް ކަމަކީ އެބަޔަކު ގެންނަ ވިސްނުމަކާ ފިކުރަށް ކަމަށެވެ. އަދި ދެވަނައަށް ވިސްނަންޖެހޭނީ ޤައުމެއްގެ ވެރިކަން ހަވާލު ކުރެވޭ މީހާ އަކީ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޖުރިބާހުރި، ރައްޔިތުން ގޮވައިގެން ސަރުކާރެއް ހިންގޭނެ ފިކުރުހުރި ވެރިއެއްތޯ ބެލުން ކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ. އެހެންކަމުން އެ އުސޫލުން ބަލައިފިނަމަ، އެމްޑީޕީއަށް ވޯޓު ދޭން ޖެހޭނެ އެއްވެސް ޖާގައެއް ނެތް ކަމަށް ވިދާޅުވިއެވެ.މީގެއިތުރުން ރައްޔިތުންގެ ލާބަޔާ މަންފާއަށްޓަކައި ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ މުހިއްމު ޕްރޮޖެކްޓް ތަކަށް އިޝާރާތް ކުރައްވާ އިދިކޮޅު ފަރާތްތައް އެއީ ކޮރަޕްޝަނޭ ބުންޏަސް އެކަން ޤަބޫލު ކުރާނެ ރައްޔިތުންނެއް ނުތިބޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ރާއްޖޭގައި ހިންގި އެންމެ ބޮޑު ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވަނީ އެމްޑީޕީގެ 3 އަހަރު ދުވަހުގެ ތެރޭގައި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ސަރުކާރުން ހިންގާފައިވާ ބިޔަ މަޝްރޫޢުތަކަށް އިނގިލި ދިއްކުރުމަކުން އެބޭފުޅުން ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތު ތަކުން އަރައި ނުގަނެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.މިނިސްޓަރ ނާޒިމް ވިދާޅުވީ ނައިފަރުގެ ރައްޔިތުންގެ ތެރެއިން ބުއްދި ސަލާމަތުންހުރި މީހަކު އެމްޑީޕީއަށް ވޯޓު ދޭން ޖެހެންޏާ، ދޭން ޖެހޭނެ އޮތީ 2 ސަބަބު ކަމަށާ، އެއީ ފައިސާ އަށް ވިކިފައި ހުރުމާއި އަދި ބަޔަކާއިއެކު ޒާތީ ހަސަދައެއް އޮތުން ކަމަށެވެ. އެ ބައްދަލު ކުރެއްވުމުގައި ނައިފަރުގެ ބައެއް ރައްޔިތުންވެސް ވަނީ ރައީސް ޔާމީން އާއި އެކުގައި އެބޭފުޅުން ތިއްބެވިކަން ހާމަކުރުމުގެ ގޮތުން ޝުޢޫރު ފާޅުކޮށް، ބަހުގެ ހޫނު ހަމަލާތަކެއް އިދިކޮޅަށް ރައްދު ކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ