ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ވިއްސާރަކޮށް ބައެއް އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ދާދި ދެންމެއަކު ބުނެފި އެވެ.
މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސްރީލަންކާގެ ހުޅަނގުގައި ހުރި ބާރުގަދަ ކޮޅިގަނޑު މަޑުމަޑުން ހުޅަނގުއުތުރަށް ޖެހެމުންދާއިރު އޭނގެ ވިލާތައް ރާއްޖެ މައްޗަށް ވެސް އަރާ ގަދަ ވަޔާއެކު ވިއްސާރަ ކުރަމުން އެބަދާކަމަށެވެ. ހަމައެއާއެކު ރާއްޖޭގެ ކަނޑުތައް ވެސް ގަދަ ވާނެ ކަަމަށް ލަފާކުރެވޭތީ އާންމުކޮށް ހުރިހާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް އެދޭ ކަމަށް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
މެޓް އޮފީހުން ބުނީ، ބާރުގަދަވަމުންދާ މިކޮޅިގަނޑުގެ މިސްރާބުހުރީ ސްރީލަންކާ، ދެކުނުއިންޑިއާގެ ހުޅަނގުއުުތުރުން އަރަބި ކަނޑަށް ދަތުރުކުރާ ގޮތަށް ކަމަށެވެ. އެހެން ކަމުން ދަތުރުވެރިންނާއި މަސްވެރިން ކަނޑުތަކަށް ނުކުތުމުގައި ވަރަށް ބޮޑަށް ސަމާލުވެ، ކަމާބެހޭ ފަރާތްތަކުގެ ލަފާހޯއްދަވައިގެން ދަތުރު ކުރެއްވުމަށް ވެސް މެޓް އޮފީހުން ވަނީ އެދިފައެވެ.
ވީނއުސްއާ ވާހަކަ ދައްކަވަމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ، ރާއްޖޭގެ މޫސުން ގޯސްވުމާއި ގުޅިގެން ހއ. އަތޮޅުން ފެށިގެން މ. އަތޮޅާހަމައަށް ޔެލޯ އެލާޓެއް ވެސް ދާދި ދެންމެއަކު ނެރިފައިވާ ކަމަށެވެ. މިއެލާޓް ނެރިފައި ވަނީ މިއަދު މެންދުރު 11:45 އިން ފެށިގެން ހަވީރު 3:00 އާހަމައަށް ކަމަށެވެ.
މެޓް އޮފީހުން ބުނީ، މިއަދު ހެނދުނު 10:00 އިން މާދަމާ ހެނދުނު 10:00 އަށް ދެކުނާއި މެދުތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާ 25 މޭލާ ދެމެދުގެ ބާރުމިނުގައި އަދި އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާ 17 މޭލާ ދެމެދު ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލާއި 50 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް މެޓް އޮފީހުން މައުލޫމާތު ދެއެވެ.
ކުރިއަށް އޮތް 12 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ވަރަށް ގޯސްވާނެ: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ