ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އާއި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރު ރައްޔިތުންނަށްޓަކައި ވެވަޑައިގަންނަވަނީ އާދަޔާ ޚިލާފު ގުރުބާނީތަކެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.
ލަންޑަންގައި ހުންނަވައިގެން ވީޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި އަލީ ވަހީދު ވިދާޅުވީ ގާސިމް އިބްރާހިމްގެ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކުގެ ބުރަ ބޮލުގަ އަޅުައްވައިގެންވެސް ރައްޔިތުންގެ ހައްގުގައި އެމަނިކުފާނު އާދަޔާ ހިލާފު ބޮޑެތި ގުރުބާނީތަކެއް ވަމުންދާ ކަމަށެވެ.
އަލީ ވަހީދު ވިދާޅުވީ ގާސިމްގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ ވިޔަފާރިތައްވެސް ހުއްޓުވުމަށް ސަރުކާރުން ނުނިދާ ހޭލާ މަސައްކަތް ކުަރަމުންގެންދާ ކަމަށެވެ. ޖާބިރުގެ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން މަސައްކަތް ކުރައްވަން ފެއްޓެވީ މީޑިއާގައި ފާޅުގައި ސަރުކާރާ ދެކޮޅަށް ވާހަކަ ދައްކާފައިވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑު ހަނދާންވޭ އެބަ ރައީސް ޑރ. ވަހީދުގެ ސަރުކާރުގަ، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ ކޮމިޓީގައި ޖާބިރު މަސައްކަތް ކުރެއްވި ގޮތް. އެބޭފުޅާ ހިފެހެއްޓެވި ކަމެއް ދުލެއް ނުކުރައްވާ އެކަމެއް ނިންމާފަ ނޫނިއްޔާ. ކޮޅަކު ޖައްސާފަ ނޫނިއްޔާ." ޖާބިރުގެ ވިޔަފާރިތައް ހުއްޓުވުމަށްޓަކައި ސަރުކާރުން ކުރާ މަސއްކަތްތަކަށް އަލިއަޅުވާލަމުން އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ އިންސާފުވެރިކަމާއެކު އިސްލާހުތައް ހޯއްދެވުމަށް ގުޅިފައިވާ ޕާޓީތަކާއި ގުޅިވަޑައިގަތުމަށް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށާއި ވަކިން ހާއްސަކޮށް ސަރުކާރުގެ ތިއްބެވި ބޭފުޅުންނަށް ގޮވާލާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި މާޒީވި ކޮންމެ އިންތިހާބަކާއި މިފަދަ ކުރިމަތިލުމެއް ކާމިޔާބު ކޮށްފައިވަނީ ކޮންމެ ޕާޓީއަކަށް ތާއީދު ކުރެއްވިޔަސް ގިނަ ޕާޓީތަކުން އެއްކޮޅަކަށް އެރި ކޮޅެއް ކަމަށެވެ.
"އަޅުގަނޑު ހަމަ ދަންނަވާލަން ޕީޕީއެމްގެ ކޯޑިނޭޓަރުންނަށްވެސް އަޅުގަނޑުމެން ހިތުގަ އެއްވެސް ބުރަ ކަމެއް ނެތް. އަޅުގަނޑުމެންނަށް އިނގޭ އަޅުގަނޑުމެންނާ ދިމާލަށް ޓްވީޓެއް ކޮށްގެން ނޫނިއްޔާ ފާތުން މެޑަމްވެސް ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާނެކަން. އަދި ރައީސް ޔާމިންވެސް ރުހުމުގެ ލޮލަކުން ބަލައި ނުލާނެ. އެހެން ކަމުން ސަރުކާރު ދިފާއު ކުރެއްވުމަށް ޓްވީޓު ކުރައްވަމުން ގެންދަވަންވީ. އެހެން ނަމަވެސް ކަންބޮޑުވެވަޑައިނުގަންނަވާ އަދި ހަމަ ތިޔަ ބޭފުޅުންގެ ޕާޓީ ފުރޮޅިގެން ދާނެ. އަޅުގަނޑުމެންގެ މި ކޯލިޝަންގަ އެބައޮތް ތިޔަ ބޭފުޅުންގެ ޕާޓީ. އަދި ތިޔަ ބޭފުޅުންގެ ޕާޓީގެ ރައީސް، ރައީސް މައުމޫން ހުންނެވީ އަޅުގަނޑުމެންގެ އިއްތިހާދުގެ ތެރޭގަ." އީދަށް ކަތިލާނެ ކުކުޅެއް ހޯދުމަށް އެކަނިމާއެކަނި ކުކުޅު ކޮށްޓަށް އެރިގެން މަސައްކަތް ނުކުރައްވާ ރައީސް ޔާމިން އިސްތިއުފާ ދެއްވުމަށް ގޮވާލަމުން އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު އިތުރަށް ވިދާޅުވީ ގުޅިފައިވާ ޕާޓީތަކުގެ ތެރޭގައިވެސް ހިޔާލުތަފާތުވުންތައް ހުންނާނެ ކަމަށާއި އެހެން ނަމަވެސް މުޅި ޖުމްލަ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބު ކުރައްވާނެ ކަމަށެވެ.
ގާސިމް އާއި ޖާބިރު ވެވަޑައިގަންނަވަނީ އާދަޔާ ޚިލާފު ގުރުބާނީތަކެއް: އަލީ ވަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ