ގާސިމް އަށް ހާމިދުގެ އިންޒާރު - އީޔޫގެ ލިސްޓަށް ނަން އަރާފާނެ

ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ރާއްޖެ އާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާ ލިސްޓުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ނަން ހިމަނަން ޖެހިދާނެ ކަމަށް ބުނެ އެމްޑީޕީގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން ހާމިދު އަބްދުލް ޣަފޫރު އިންޒާރު ދެއްވައިފިއެވެ.
ހާމިދު މި އިންޒާރު ގާސިމަށް ދެއްވާފައިމިވަނީ ގާނޫނީ ގޮތުން މިނިވަންވެގެން ރާއްޖެ ވަޑައިގަތުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ގާސިމް މިއަދު ގޮވާލެއްވުމުންނެވެ.
އެކަމާ ގުޅިގެން ގާސިމް ޓެގް ކުރެއްވުމަށްފަހު ކުރެއްވި ޓްވީޓެއްގައި ހާމިދު ވިދާޅުވީ "ތިޔަހެން އުޅުއްވަނިކޮށް އީޔޫ ލިސްޓަށް އަރާފާނެ" ކަމަށެވެ.
ހާމިދުގެ އިންޒާރު ގާސިމަށް ދެއްވާފައިވާއިރު ނަޝީދަށް ފާޑުކިޔާފައި ކުރި ޓްވީޓެއް ގާސިމް މިއަދު ރިޓްވީޓެއް ކުރެއްވުމާ ގުޅިގެން އެމްޑީޕީގެ ބައެއް ފަރާތްތަކުން އަންނަނީ ގާސިމް އަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. ގާސިމް ރި ޓްވީޓް ކުރެއްވީ ނަޝީދުގެ މައްޗަށް ޖަލު ޙުކުމެއް އިއްވާފައި ވަނިކޮށް ރާއްޖެ އަންނަން އުޅޭތީ އެކަމާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހްމީ ކޮށްފައިވާ ޓްވީޓެކެވެ. އާންމު ގޮތެއްގައި ރީޓްވީޓް ކުރުމުގެ މާނަ އަކީ ޓްވީޓްގައި ހިމަނާފައިވާ ވާހަކަތަކަށް ތާއިދު ކުރުމެވެ.
މި ޓްވީޓަކާއި ގުޅިގެން ގާސިމަށް ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް ގާސިމް ވަނީ އެ ޓްވީޓް ދިފާއުކުރައްވާފައެވެ. ގާސިމް ވިދާޅުވީ އަލްހާންގެ ޓްވީޓު ރިޓްވީޓް ކުރީ އޭނާ ވިދާޅުވީ ގާނޫނީ ގޮތުންނާއި ދީނީ ގޮތުން ބެލިޔަސް ރަނގަޅު ވާހަކަތަކަކަށް ވާތީ ކަމަށެވެ.
"ކީރިތި ރަސޫލާގެ ހަދީޡް ބަސްފުޅެއްގެ މާނައިގައި ވަނީ، ބަސްބުނި މީހާއަށް ނުބަލާށޭ. ބުނި ބަހަށް ބަލާށޭ" ގާސިމް ވިދާޅުވެފައިވެއެވެ.
މިއަންނަ ނޮވެމްބަރު މަހުގެ 01 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވެފައި ވާއިރު އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ޙުކުމެއް އެބައޮތެވެ. އެހެންކަމުން ޤާނޫނީ ހަމަތަކަށް ބަލާއިރު ރައީސް ނަޝީދު މިހާލަތުގައި ރާއްޖެ ވަޑައިގެންފި ނަމަ އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ