ޖާބިރަށް ރާއްޖޭގެ ރައްޔިތުން ރަނުން ޖަރީކުރެވޭނެތަ؟
މަގާމުގެ ދަހިވެތިކަމުގައި އަބްދުﷲ ޖާބިރު ދިވެހިންނަށް ނަނާ ހުވަފެން ދައްކަން ފަށައިފިއެވެ.ކޮންމެ އޮޑިއަކަށް ވެސް ހެޔޮވަރު، އަބްދުﷲ ޖާބިރަކީ އެދުވަހަކު ވައިޖެހޭ އަތަކަށް ހުންނަވާ ބޭފުޅެކެވެ. ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވި އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރެއްގައި ވަޒީރުންގެ މަޖިލީސް ތަމްސީލު ކުރައްވާނެކަން ޖާބިރު މިވަނީ ހާމަކުރައްވާފައެވެ. އެގޮތުން ކުރިއަށް އޮތްތަނުގައި ޖާބިރު އިކޮނޮމިކް މިނިސްޓަރު ކަމުގައި ހުންނަވައިގެން ރާއްޖޭގެ ރައްޔިތުން ރަނުން ޖަރީ ކުރާނެ ކަމަށް ވިދާޅުވެ އޭނާ ވަނީ ޓުވީޓު ކުރައްވާފައެވެ. ޓްވީޓުގައި ޖާބިރު ވިދާޅުވީ އޭނާގެ އިކޮނޮމިކް މިނިސްޓަރުކަމުގެ ދަށުން ޖަޒީރާ ރާއްޖޭގެ ރައްޔިތުން ރަނުން ޖަރީކޮށްލަދޭނެ ކަމަށާއި، ޑޮލަރުގެ އަގު ދަށްކޮށް ރާއްޖޭގެ ރައްޔިތުން ޑޮލަރަށް ސަލާން ޖަހަން ނުޖެހޭ އުފާވެރި ދުވަސްތަކެއް އަންނާނެ ކަމަށެވެ. އަދި އޭރުން ރާއްޖޭގެ ރައްޔިތުން އުޅޭނީ ފަސް ތަރީގެ ފެންވަރުގައި ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ. ޖާބިރު މިހާރު ގެންދަވަނީ އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލައްވާ ސަރުކާރުގައި އިކޮނޮމިކް މިނިސްޓަރުގެ މަގާމު ހޯއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. ޖާބިރުގެ އެޓުވީޓާއި ގުޅިގެން ގިނަ ބަޔަކު ދަނީ ޖާބިރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އެގޮތުން ޖާބިރުފަދަ ބޮޑު މަހުޖަނަކު ދައުލަތަށް ދަރާފައިވާ ދަރަނި އަދާނުކޮށް، ދައުލަތުގެ ވަޒީރު ކަމަށް ފައިވިއްދުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ރައްޔިތުންދަނީ ބުނަމުންނެވެ. ދައުލަތަށް ދަރާފައިވާތީ ޖާބިރުގެ މައްޗަށް ދާދިފަހުންވެސް ވަނީ ފައިސާ ދައްކަން ކޯޓުން ހުކުމްކޮށްފައެވެ. އެގޮތުން 20 ޖޫން 2018 ވަނަ ދުވަހު ސިވިލް ކޯޓުން ވަނީ ޖާބިރުގެ ކުންފުންޏެއް ކަމަށްވާ ޔޮޓް ޓޫއާސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއި ޓޫރިޒަމް މިނިސްޓްރީއާ ދެމެދު ވެފައިވާ ލީސް އެގްރީމެންޓުގެ ދަށުން ކަނޑައެޅިފައިވާ ތާރީޚުގެ ނިޔަލަށް ދައްކަން ޖެހޭ ކުލި އަދި އެއާއި ގުޅޭ ޖޫރިމަނާ އާއި އެކު މުޅި ޖުމްލަ 447،298،256 ރ. 12 މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސް ކުރުމަށް ޔޮޓް ޓުއާސްގެ މައްޗަށް ޙުކުމް ކޮށްފަވެއެވެ. އަދި މީގެ ކުރިންވެސް މީރާއަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން، ކުއްޔާއި ޖޫރިމަނާ ދެއްކުމަށް ކޯޓުން ޔޮޓް ޓުއާސްގެ މައްޗަށް ޙުކުމް ކޮށްފައިވެއެވެ. އެހެންކަމުން ދައުލަތަށް އެހާބޮޑު އަދަދަކުން ދަރާފައިވާ ބޭފުޅަކު އިކޮނޮމިކް މިނިސްޓަރު ކަމަށް ވަޑައިގެންފިނަމަ، ދިވެހި ދައުލަތް ބަނގުރޫޓުވެގެންދާނެ ކަމަށް އިގްތިސާދީ މާހިރުންވެސް ދަނީ ވިދާޅުވަމުންނެވެ. އިކޮނޮމިކް މިނިސްޓަރު ކަމަށް ވަޑައިގަތުމަށް ޖާބިރުގެ ވިސްނުން ހުރިއިރު، ޖާބިރުގެ މައްޗަށް ޖިނާއީ ބޮޑު ދައުވާއެއްކޮށްފައިވާކަން ފާހަގަކޮށް، މީސްމީޑިއާގައި ބައެއް ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ. އިކޮނޮމިކް މިނިސްޓަރު ކަމުގައި ޖަޒީރާ ރާއްޖޭގެ ރައްޔިތުން ރަނުން ޖަރީކުރާނެ ކަމަށް ޖާބިރު ވިދާޅުވި ވާހަކައަށް ރައްދު ދެމުން ބައެއް ފަރާތްތަކުން ބުނެފައިވަނީ ހޮނޑައިދޫ ގޮނޑު ދޮށުގައިވެސް ރަނުން ޖަރީވެގެން ވެލިކެވިފައި އިންނަވަނިކޮށް ފެނުނު ކަމަށާއި، އެގޮތައް ޖަރީވެގެން ތިބެން ދިވެހިން ބޭނުން ނުވާކަމަށެވެ. އަދި ޖާބިރުއަށް ހޮނޑައިދޫގެ ކަތީބުކަން ދިނުން ރަނގަޅުވާނެ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ. ޖާބިރުއާ ހޮނޑައިދޫ މިހާބޮަޑަށް ގުޅުވާފައިވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރ 16 ވަނަ ދުވަހުގެ ފަތިހު 04:30 ހާއިރު ހދ.ހޮނޑައިދޫ އަތިރިމަތީގައި ބަނގުރާބޮއި މަސްތުގެ ހާލަތުގައި ތިއްބާ ހައްޔަރުކުރި ފަސް މީހުންގެ ތެރޭގައި ޖާބިރު ހިމެނިފައިވާތީއެވެ. އެރަށުން ފުލުހުންގެ ބެލުމުގެ ދަށަށް ޖާބިރު ގެންދިޔައީ ކުށުގެ ވެށިންކަން ފާހަގަކޮށްލެވެއެވެ. އަދި ޖާބިރުގެ ވަނަވަރު ހާމަކޮށްދިނުމަށް ފުލުހުން އެދުމުން އޭނާއަކީ އަބްދުﷲ ޖާބިރު ހެންވޭރު ތިމާވެށި ކަމަށް ވިދާޅުވެ ދެން ހަނު ހުރިކަމަށް ވެސް ވިދާޅުވިއެވެ. މީގެއިތުރުން އެމައްސަލައިގައި ފުލުހުން ޖާބިރު މަރާލަން އުޅުނު ކަމަށް އޭނާ ތުހުމަތުކުރައްވާ ކުށުން ބަރީޢަވާން މަސައްކަތް ކުރެއްވި އިރު، ޖާބިރުއާއި އަދި އެމްޑީޕީގެ އިސްވެރިންގެ ގޮތުގައި އެދުވަސްވަރު ތިބި ބަޔަކު ހޮނޑައިދޫގައި މަސްތުގެ ހާލަތުގައި ތިއްބާ ހައްޔަރުކުރި ކުރުން އިސްތިއުފާދެއްވި ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ. 25 ނޮވެންބަރ 2012 ގައި ށ. ފޯކައިދޫގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ނަޝީދު ވަނީ ޖާބިރުއާއި ދެން އެކަމުގައި ހައްޔަރުކުރި މީހުންނަށް ހިތްވަރުދީ ވާހަކަ ދައްކަވާފައެވެ. އެޖަލްސާގައި ނަޝީދު ވިދާޅުވެފައިވަނީ ބަނގުރާ ބޭނުންކުރާ މީހުން ހައްޔަރުކުރަން ފުލުހުން ފައިސާ ޚަރަދުކުރުމަކީ ބޭކާރު ޚަރަދެއް ކަމަށާއި، ތަނެއްގައި ރާފުޅިއެއް ބަހައްޓާފައިހުރުމުން ފުލުސް އޮފީހުގެ ބަޖެޓުގެ ދެބައިކުޅަ އެއްބައި ހޭދަކޮށްގެން މަތިންނާއި އަޑިންނާއި އެއްގަމުން އަރައި އެތަނެއްގައި ތިބޭ މީހުންނަށް ހަމަލާދީ ހިފާ ހައްޔަރުކުރަން އުޅުމުން އެކުރެވެނީ އިސްރާފެއް ކަމަށެވެ.ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފަސްމީހަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވީ އިރު އޭގެ ތެރޭގައި ވެސް ޖާބިރު ހިމެނޭކަން ފާހަގަކޮށްލެވެއެވެ. އިސްލާމް ދީނުގައި ހަރާމްކުރައްވާފައިވާ އެފަދަ ބުއިންތައް ބޮއެ، ވެލިން ޖަރީވެފައި އިންނެވި ބޭފުޅަކު އިކޮނޮމިކް މިނިސްޓަރ ކަމަށް ގެނައުމަކީ މުޅި ގައުމަށްވެސް ހުރި ހުތުރެއްކަން ޔަގީނެވެ. އަދި އެގޮތައް ޖަރީވެގެން އިންނާކަށް އެއްވެސް ދިވެއްސަކު ބޭނުމެއް ނުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ