ސުޕްރީމް ކޯޓުގެ ހުކުމާއެކު އެންމެ ބޮޑު އުފަލެއް ލިބިވަޑައިގަތީ ނާޒިމަށް!

އުމުރު ދުވަހަށް އެމަނިކުފާނު ޖަލަށް ލުމަށް ހުކުމް ކުރުމަށް އަމުރުކުރެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބް ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
ރައީސް ޔާމީންގެ އެންމެ އަރިސް ރަހްމަތްތެރިޔާގެ ގޮތުގައި މީގެކުރިން ހުންނެވި ނާޒިމް މިހެން ވިދާޅުވީ ރިޔާސީ އިންތިހާބު ބާތިލްކުރެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކުރުމާ ގުޅިގެން ކުރެއްވި ޓްވީޓެއްގަ އެވެ.
ނާޒިމް ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެމަނިކުފާނު އުމުރު ދުވަހަށް ނުވަތަ 25 އަހަރަށް ޖަލަށް ލުމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ ރައީސް ޔާމީންގެ އަމުރަށް ކަމަށެވެ.
ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އެ ހުކުމްކުރުމުގެ ކަންކަމުގައި އިސްވެ އުޅުއްވީ ޖިނާއީ ތިން ކުށެއް ސާބިތު މިހާރު ޖަލުގައި 33 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް ކަމަށެވެ.
ނާޒިމް ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އެފަދަ ހުކުމެއް ކުރުމުގެ ކަންކަން ފަހިކޮށްދެއްވީ ޓެރަރިޒަމުގެ ކުށް ސާބިތުވެ މިހާރު ޖަލުގައި 17 އަހަރުގެ ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ޕްރޮސެކިއުޓާ ޖެނަރަލް މުހްތާޒު މުހުސިން ކަމަށެވެ.
އެމަނިކުފާނުގެ މައްޗަށް އުމުރު ދުވަހުގެ ހުކުމް އިއްވައިދީ އެކަން ތަންފީޒު ކޮށްދެއްވީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލީ ހަމީދު ކަމަށްވެސް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
އަބްދުﷲ ސައީދާއި އަލީ ހަމީދު ވެސް މިވަގުތު ގެންދަވަނީ އަހަރަކަށް ވުރެ ގިނަ ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންނެވެ. އަދި މި ދެ ބޭފުޅުންނަށް ވަނީ މަގާމު ވެސް ގެއްލިވަޑައިގެންފަ އެވެ.
ނާޒިމްގެ ޓްވީޓް ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމް އިއްވި ފަސް ބޭފުޅުންގެ ކަންކަންވެސް މިއަދު ނިމިއްޖެ ކަމަށެވެ. އަދި ﷲއަކީ އެންމެ މަތިވެރި ފަރާތްކަމަށް ވެސް ނާޒިމް ވަނީ ވިދާޅުވެފަ އެވެ.
ދިއްގަރު ދާއިރާގެ މަޖިލިސް މެންބަރު ކަން ކުރައްވަމުން ގެންދަވަނިކޮށް ނާޒިމުގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވާފައިވަނީ ދައުލަތުން ދައުވާކުރި މަކަރާއި ހީލަތް ހެދުމުގެ ހަތަރު މައްސަަލައިގެ ތެރެއިން އެއް މައްސަލަ ސާބިތުވުމާއި ގުޅިގެން 2015 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ހަވަނަ ދުވަހު ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުގެ އިއްތިފާގުންނެވެ.
ނާޒިމް ޖަލުގައި ހުންނެވުމަށްފަހު ސިއްހީ ފަރުވާ ހޯދުމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ހުއްދަ ދީގެން ސިންގަޕޫރަށް ވަޑައިގެންނެވީ 10 ޑިސެމްބަރު 2015ގަ އެވެ. ނަމަވެސް އޭގެ ފަހުން ނާޒިމް ވަނީ ސިންގަޕޫރުން އިނގިރޭސިވިލާތަށް ވަޑައިގެންފަ އެވެ. އޭގެފަހުން އެމަނިކުފާނު ރާއްޖެ ވަޑައިގެންފައެއް ނުވެ އެވެ.
ނާޒިމް ވަނީ އޭނާގެ މައްޗަށް ހުކުމް އިއްވުމުގެ ކުރިން ރާއްޖޭގައި އިންސާފު ލިބޭނެ އެއްވެސް މަގެއް ނެތް ކަމަށާ އޭނާއަށް އިންސާފު ނުލިބޭނެ ކަމަށްވެސް ވިދާޅުވެފަ އެވެ. އަދި ހުކުމް ކުރުމުން ނާޒިމް ވަނީ އޭނާގެ މައްޗަށް ހުކުމް އިއްވާފައިވަނީ ބޭއިންސާފުން ކަމަށްވެސް ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ