ރައްޔިތުން ބޭނުންވާ ތަރައްގީ ގެނެވޭނީ ޕީއެންސީ ވެރިކަމަށް ގެނެސްގެން: ޕީއެންސީ

ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ކޮންގްރެސް ޕާޓީ) ރާއްޖޭގެ ވެރިކަމާ ހަވާލުވެގެން ނޫނީ ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުގެނެވޭނެ ކަމަށް އެ ޕާޓީން ބުނެފިއެވެ. އިދިކޮޅު މައި ޕަޓީ، ޕީޕީއެމްގެ މިހާރު އޮތް ލީޑާޝިޕުން އިސްވެ އުފައްދަވާ އާ ޕާޓީ، ކޮންގްރެސް ޕާޓީ ރަޖިސްޓްރީ ކުރުމަށް 4،000 ފޯމް އެ ޕާޓީގެ ފަރާތުން ވަނީ އިލެކްޝަންސް ކޮމިޝަށް ހުށަހަޅައިފައެވެ. އީސީއަށް ފޯމު ހަށަހެޅުމަށްފަހު އެ ޕާޓީ ރަޖިސްޓްރީ ކުރުމުގައި އިސްކޮށް ހަރަކާތްރެވާ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ނޫސްވެރިންނަށް މައުލޫމަތު ދެއްވަމުން ވިދާޅުވީ، މާތްﷲގެ އިރާދަފުޅާއެކު އެޕާޓީން ރާއްޖޭގެ ވެރިކަމާ ހަވާލުވާނެ ކަމަށާއި ރައްޔިތުން އެދޭ ތަރައްގީ ގެނެވޭނީ އެ ޕާޓީ ވެރިކަމަށް އައިސްގެން ކަމަށެވެ. "ކޮންގްރެސް ޕާޓީ އަކީ ދިވެހިން ބޭނުންވާ ކަހަލަ ދިވެހި ރާއްޖެއެއް ބިނާކޮށްދިނުމުގެ ގާބިލުކަން ހުރި ލީޑާޝިޕެއް އޮތް ޕާޓީއެއް. އިރާދަކުރެއްވިއްޔާ މި ޕާޓީ އިން ރާއްޖޭގެ ވެރިކަމާ ހަވާލުވެގެން ނޫނީ މި ރާއްޖެއަށް ރައްޔިތުން ބޭނުންވާ ތަރައްގީއެއް ނުގެނެވޭނެ،" އަދުރޭ ވިދާޅުވިއެވެ. "ކޮންގްރެސް ޕާޓީ ވެގެން ދާނީ އެންމެ ބޮޑު، އެންމެ ވަރުގަދަ ޕާޓީއަށް. ކުރިޔަށް އޮތްތާނގައި އަޅުގަނޑުމެން ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށް ސަރުކާރާ ހަވާލުވުމުގެ ފުރުސަތު އަޅުގަނޑުމެންނަށް ލިބިގެން ދާނެ." https://sun.mv/113780 އާ ސަރުކާރު ވެރިކަމާ ހަވާލުވިތާ ދެމަސްދުވަސް ވެފައިވާ ކަމަށް ފާހަގަކޮށް އަދުރޭ ވިދާޅުވީ، މި ސަރުކާރުން މާ ބައިވަރު މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ތަނެއް ނުފެނޭ ކަމަށެވެ. "ޕްރޮޖެކްޓް ހިންގާ. މިސާލަކަށް އިސްލާމީ މަރުކަޒާއި ޖުމްހޫރީ މައިދާނު މާބުލް ޖަހާފައި ނަމާދު ކެރެވޭ ގޮތަށް ހަދާފައިވާ ތަން ދުއްވާ އެއްޗިސް ދުއްވޭގޮށް ހުޅުވާލުން ކަހަަލަ، ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ނަން ބަދަލު ކުރުން ކަހަލަ، ރަސްރަނި ބަގީޗާގެ ނަން ބަދަލު ކުރުން ކަހަލަ، މިކަހަލަ މަޝްރޫއުތަކެއް އެބަ ހިންގާ،" ސަރުކާރުން ކުރާ ބައެއް ކަންތައް ފާހަގަކޮށް އަދުރޭ ވިދާޅުވިއެވެ. ޕީޕަލްސް ނެޝެނަލް ކޮންގްރެސް (ޕީއެންސީ) އުފެއްދުމުގެ ހުއްދަ އަދުރޭއަށް އަރުވަނީ-- ފައިލް ފޮޓޯ/ އިލެކްޝަން ކޮމިޝަން ރައީސް ޔާމީން ގައުމު ތަރައްގީ ކުރުމަށް ގެންގުޅުއްވި ސްޕީޑްގައި މި ގައުމު ތަރައްގީ ކުރަން އެދޭ ނަމަ ކޮންގްރެސް ޕާޓީއާ ގުޅުމަށް އަދުރޭ އެދިވަޑައިގަތެވެ. އަދުރޭ ވިދާޅުވީ ކޮންގްރެސް ޕާޓީ މަސައްކަތް ކުރާނީ ދިވެހިންގެ ލާބަޔާ މަންފާއަށްޓަކައި ކަމަށާއި ދިވެހި ގައުމުގެ މިނިވަންކަމާއި އިސްލާމް ދީން ދަމަހަށްން އެ ޕާޓީން މަސައްކަތް ކުރާނެ ކަމަށެވެ. "އަޅުަގަނޑު ގަބޫލު ކުރާ ގޮތުގައި މި ރާއްޖޭގެ އަޅުގަނޑުމެންގެ ފިކުރު އެކަނި އޮތީ ގައުމިއްޔަތުގެ ފިކުރަކަށް. މި ގައުމު މިނިވަން ކަން ދަމަހަށްޓާނެ، މި ގައުމުގެ އިސްލާމް ދީން އިއްޒަތްތެރި ކުރުވަން މަސައްކަތް ކުރުވާނެ ފިކުރަކީ އަޅުގަނޑުމެންގެ ފިކުރު،" އަދުރޭ ވިދާޅުވިއެވެ. އެ ޕާޓީގެ މެމްބާޝިޕް ފޯމް ތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ، މިއަދު އިސީއަށް ހުށަހެޅި 4،000 ފޯމު ނުލާވެސް 6،000 އަށް ވުރެ ގިނަ ފޯމު އެބަހުރި ކަމަށާއި މިހާތަނަށް 8،000 އަށް ވުރެ ގިނަ މީހުން އެ ޕާޓީއަށް ސޮއި ކޮށްފައިވާ ކަމަށެވެ. ރައީސް ޔާމިން އިސްވެ ހުންނަވައި އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައި ވަނީ ޕީޕީއެމްގެ މިލްކުވެރިކަމާ ގުޅޭ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހެޅިފައި ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ