ރައްޔިތުން ވެރިކަން ހަވާލު ކުރަނީ ގުޅިގެން ވެރިކަން ހިންގަން- މާރިޔާ

ވެރިކަމަށް އިންތިޚާބު ވުމުން، ރައްޔިތުން ހަވާލު ކުރާ އަމާނާތް، ހަވާލު ކުރަނީ ގުޅިގެން ވެރިކަން ހިންގަންކަން ހަނދާން ނައްތާލެވެން ނެތް ކަމަށް އިންތިޚާބީ ރައީސްގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ. މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޤާނޫނު އަސާސީ އިސްލާހު ކުރި ފަހުން، ބޭއްވި ކޮންމެ ރިޔާސީ އިންތިޚާބެއްގައި ރައްޔިތުންގެ ވޯޓު ކާމިޔާބު ކުރަނީ ކޯލިޝަންގެ ސަރުކާރެއް ކަމަށެވެ.މައްޗަންގޯޅީ އުތުރު ދާއިރާގެ މެމްބަރު މާރިޔާ ވިދާޅުވީ ކޯލިޝަން ސަރުކާރެއް ދެމެހެއްޓުމަކީ އުނދަގޫކަމެއް ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީން މިފަހަރުގެ ކޯލިޝަން ދެމެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޤައުމު ކުރިއެރުވޭނީ ހުރިހާ ލީޑަރުން އެއް މިސްރާބަކަށް މަސައްކަތް ކޮށްގެންކަން ފާހަގަކުރައްވައި، މާރިޔާ ވިދާޅުވީ އިންތިޚާބީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރު ހިންގާނީ ކޯލިޝަންގައި ހިމެނޭ ހުރިހާ ފަރާތްތަކުގެ އަޑު އަހައިގެން ކަމަށެވެ. ކޯލިޝަންގައި ހިމެނޭ ޕާޓީތަކަކީ އެއްޕާޓީގައިހުރި އުނި ކަންތައްތައް އަނެއް ޕާޓީއަށް ފޫބައްދައި ދެވޭފަދަ ޕާޓީތަކެއް ކަމަށާއި، މިއީ މިފަހަރުގެ ކޯލިޝަން ކާމިޔާބުވާނެކަމުގެ ނިޝާނެއްކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.އެމްޑީޕީން 2008 ވަނަ އަހަރުވެސް ވެރިކަން ހޯދާފައިވަނީ ކޯލިޝަނެއް ހަދައިގެންނެވެ. އެހެންނަމަވެސް އޭރު ހެދި ކޯލިޝަން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަނީ ރޫޅިގެން ގޮސްފައެވެ. އެހެންކަމުން މިފަހަރުވެސް އެމްޑީޕީ ހިމެނޭ ގޮތަށް އުފައްދާފައިވާ ކޯލިޝަން މާ ގިނަ ދުވަސްތަކެއް ނުވަނީސް ރޫޅިގެން ހިނގައިދާނެ ކަމަށް ސިޔާސީ މަސްރަހް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ