ޖައިލަމް މަރުގެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިގަންފި

ހ. ހަންޑްރެޑްފްލާވާ އުމުރުން 23 އަހަރުގެ ޖައިލަމް އަހުމަދު ޝާކިރު މަރާލި މައްސަލައިގެ ދައުވާ އިއްޔެ ކްރިމިނަލް ކޯޓުން ބަލައިގެންފިއެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެމައްސަލަ މިއަދު ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށާއި އެކޯޓުން އެމައްސަލަ ބަލައިގެންފައިވާ ކަމަށެވެ.
އެމައްސަލަ ކްރިމިނަލް ކޯޓުން ބަލައިގަތީ ހައިކޯޓުން ހޯމަ ދުވަހު ކުރި ހުކުމަކާއި ގުޅިގެންނެވެ. އެމައްސަލާގައި ހައިކޯޓުން އިއްވި ހުކުމުގައި ވަނީ އެ މައްސަލަ ދައުލަތުން ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ހުށަހަޅައިފި ނަމަ ބަލައިގަތުމަށް އަންގާފައެވެ.
ހައިކޯޓުން އެގޮތަށް ހުކުމްކޮށްފައިވަނީ އެ މައްސަލަ ކްރިމިނަލް ކޯޓުން ބަލައިނުގަތުމުން ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ފަރާތުން ހައިކޯޓަށް ހުށަހެޅުމުންނެވެ.
ކްރިމިނަލް ކޯޓުން އެމައްސަލަ ބަލައި ނުގަތީ ޖައިލަމުގެ، ދައުވާގެ ސީޣާގައި ކުށެއް އޮވެގެންނެވެ. އެމައްސަލަ ތަކުރާރުކޮށް ހުށަހެޅުމުން ވެސް ކޯޓުންވަނީ އެ ކުށް އިސްލާހު ކުރަން އަންގާފައެވެ.
ޖައިލަމް މަރާލި މައްސަލާގައި ދައުވާ ކުރަން ފޮނުވާފައިވާ ތިން މީހުންގެ ތެރޭގައި ހިމެނޭ އުމުރުން 19 އަހަރުގެ އިސްމާއީލު އަނީގު ގެ ދައުވާގައި ދައުވާ އުފުލާފައިވާ ފަރާތާއި ދައުވާ ލިބޭ މީހާއާއި ދިމާ ނުވާ ކަމަށް ކުރިމިނަލް ކޯޓުން ބުނެއެވެ.
"އިސްމައީލު އަނީގު އާ އެކު ދިޔަ 'މީހާ' ދިގުމިނުގައި ގާތްގަނޑަކަށް 12 ވަރަކަށް އިންޗި ހުންނަވަރުގެ ވަޅިއެއް ބޭނުންކޮށްގެން، ޖައިލަމް އަހުމަދު ޝާކިރުއާ މެދު މާރާމާރީ ހިނގުން" ބަޔާނުގައި ބުނެފައިވެއެވެ. އެހެންކަމުން އެތަނުގައި ބުނާ އިތުރު މީހާއަކީ ކާކުކަން ނޭގޭ ކަމަށް ކްރިމިނަލް ކޯޓުން ބުނެއެވެ.
ޖައިލަމްގެ މަރާއި ގުޅިގެން ދައުލަތުން ދައުވާ އުފުލަނީ ތިން މީހެއްގެ މައްޗަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ