މިއީ ކަރަންޓު ބޯޑެއްތަ؟ ނޫނީ ޑަސްބިނެއްތަ؟

ފިހާރައަކަށް ވަދެ، އެންމެނަށް ފުޅިއާ ދަޅު ގަނެގެން މަގުމަތީގައި އެ ބޮމުން ހިނގުމަކީ ދިވެހިންގެ ތެރޭގައި ވަރަށް އާންމު ކަމެކެވެ. އެއީ މާ ހަޑި އާދައެއް ގޮތުގައި ނުވެސް ބަލަ އެވެ. ނަމަވެސް މަގުމަތީގައި ހަމަ އެ ދަޅާއި ފުޅި ބޮއެ ހުސް ކުރުމަށް ފަހު ވަރަށް އާދަޔާ ހިލާފު، އެހެން ނަމަވެސް ހަމަނުޖެހޭ ކަމެއް ދިވެހިން ކުރެ އެވެ. ބިންމައްޗައް ކުނި ނޭޅުމުގެ ފަރުދީ ޒިންމާ އަދާ ކުރުމަށް އެ ފުޅި އެއްގޮތަކަށް ވެސް މަގު މައްޗައް އެއްލައެއް ނުލާނެ އެވެ. އޭގެ ބަދަލުގައި ފުޅިތައް އެންމެ ކައިރިން ޖެހޭ ކަރަންޓު ބޯޑެއް މަތީ އެއްވެސް ވިސްނުމެއް ހިޔާލެއް ނެތި ބަހައްޓަނީ އެވެ.
އޭރުން މި ޖެހުނީ ކޮންތާކު ހެއްޔެވެ؟ ބިން މައްޗައް ކުނި އެޅުމާއި ކަރަންޓު ބޯޑު މަތީ ކުނިތައް ފުނިޖަހާފައި ބެހެއްޓުމުގައި ވަކި ތަފާތެއް އޮތީ ހެއްޔެވެ؟
މިއީ ވަރަށް ކުޑަ ކަމަކަށް ވެދާނެ އެވެ. ނަމަވެސް އޭގެ ޒާތުގައި ނޭދެވޭ އެތަށް އަސަރުތަކެއްކޮށްފާނެ ކަމެއްކަން ވިސްނާލަން ޖެހެ އެވެ. ދިވެހިން ކައިބޮއެ އުޅެނީ ގައުމުގެ ރީތިކަން ދުނިޔެއަށް ވިއްކައިގެން ލިބޭ އާންމްދަނީ އަކުންނެވެ. އަދި ކާމިޔާބުކަމާއެކު ގިނަ ގައުމުތަކަށް އެ ރޮނގުން ނަމޫނާ ވެސް ދައްކަމުން އަންނަ ގައުމަކަށް ރާއްޖެ ވާނެ އެވެ. ނަމަވެސް ރާއްޖެއަކީ ހަމައެކަނި ފަޅު ރަށްތަކާއި ރިސޯޓުތަކެއް ވެސް ނޫނެވެ. އޭގެ އިން ޓޫރިސްޓަކު ވެރިރަށް މާލެއަށް އަރާއިރު މި ރީތި ރާއްޖޭގައި އުޅޭ ދިވެހިންްގެ ހަޑި އާދަތައް ކަރަންޓު ބޯޑެއްގެ މައްޗައް ބަލައިލުމުން ވެސް ސިފަކޮށްލެވިދާނެކަން ވިސްނަން ޖެހެ އެވެ.
އަނެއް ކަމަކީ މަގުތަކުގައި ކޮންމެ 200 ފޫޓަކުން ކަހަލަ ގޮތަކަށް ބަހައްޓާފައި ހުންނަ ކަރަންޓު ބޯޑުތައް ޑަސްބިނަކަށް ހަދާފައި ހުރުމަކީ ލޮލަށް ބަލައިލަން ވެސް ރީތި މަންޒަރެއް ނޫނެވެ. އެހެން ނަމަވެސް ޒުވާން ކުދިންގެ އާދަަތައް އެގޮތަށް ހުރުމުން ކުރިޔަށް އޮތް ޖީލުތަކަށް އެ ދަސްކޮށްދެވެނީ ކޮންކަހަލަ ފިލާވަޅެއް ހެއްޔެވެ؟ އަދި މި ގައުމުގައި ދިވެހިންނާ އެއްފަދައިން އުޅޭ ބިދޭސީ މަސައްކަތު މީހުން ވެސް ކަންތައް ކުރާނީ ހަމަ ދިވެހިން ކުރާ ގޮތަކަށް ނޫން ހެއްޔެވެ؟ ހަމަ ޔަގީނުން ވެސް ދިވެހިން ނޫޅޭ ފަދަ ހަޑި ގޮތަކަށް މަގުތައް ހަޑި ކުރަން ބިދޭސީ މީހަކަށް ނުކުރޭނެ އެވެ. އެ މީހުން ކުރާނީ ދިވެހިން ވެސް ކުރާ ކަަން ކުރާ ގޮތަކަށް ނޫން ހެއްޔެވެ؟
މި ސަރުކާރުން ރާއްޖެއާ ވަރަށް ބޮޑަށް އަޅުވާ ކިޔާ ސިންގަޕޫރު ފަދަ ގައުމުތައް މިސާލަކަށް ނަގަމާ ހިނގާށެވެ. އެ ގައުމުގައި ބިން މައްޗައް ނުވަތަ އާންމުން އުޅޭ އެހެން ތަނަކަށް ވެސް ކުނި ކޮޅެއް ވެސް ވައްޓާލާނެ މީހަކު ނުވާނެ އެވެ. މަގުމަތީ ކައިބޮއެ ވެސް ހަަދައެވެ. ނަމަވެސް އަމިއްލަ ގައުމު ރީތިކޮށް ބެހެއްޓުމަށް ރައްޔިތުން ތިބެނީ އަހުލުވެރިވެފަ އެވެ. އަދި އެކަން ގެރެންޓީ ކުރުމަށް މަގު މައްޗައް ކުނި އަޅާ ފަރާތްތަކަށް ބޮޑު އަދަދަކުން ޖޫރިމަނާ ވެސް ކުރެ އެވެ.
ސިންގަޕޫރުގައި އާންމު ތަނަކަށް ކުނި އަޅައިފި ނަމަ ފުރަތަމަ ފަހަރަށް 300 ޑޮލަރުން ޖޫރިމަނާ ކުރެ އެވެ. އަދި ތިން ފަހަރަށް ވުރެ ގިނައިން ބިން މައްޗައް ކުނި އަޅައިފި ނަމަ ހަފްތާއެއް ވަންދެއް މަގު ސާފު ވެސް ކުރަން ޖެހެ އެވެ. އަނެއް ކޮޅުން މަގު މައްޗައް ކުޅު ޖެހުމަކީ ވެސް ބޮޑު ޖޫރިމަނާއެއް އެ ގައުމުގައި އަންނަ ކަމެކެވެ. މި ހުރިހާ ކަމެއް މޮނިޓާ ކުރެވޭނެ ނިޒާމްތައް ވެސް އެ ގައުމުގައި ހުރެ އެވެ.
ގަވާއިދުތައް ކިތަންމެ ހަރުކައްޓަސް މިއަދު ސިންގަޕޫރުގެ އިޖްތިމާއީ ފޭރާން ވަރަށް ވެސް ރީއްޗެވެ. ރަނގަޅު އާދަތައް ދެން ހުރި ޖީލުތަކަށް ވެސް ދެމިގެން ދާނެ އެވެ. މިއީ ކަމެއް ރަނގަޅު ކުރަން ބޭނުން ވެގެން ހަރުދަނާ ނިޒާމްތައް ގާއިމް ކުރުމުގެ ނަތީޖާ އެވެ.
ނަމަވެސް މާލެގައި މިކަން ކުރެވޭނެ ދުވަހެއް އަދި ލޮލު ކޮޅަށް ވެސް ނުފެނެ އެވެ. އެއްކޮޅުން މާލޭގައި ވަރަށް މަދުން ނޫނި ޑަސްބިންތައް ބަހައްޓާފައި ނުހުރެ އެވެ. ބައެއް ކެފޭ ރެސްޓޯރަންޓުތައް ކައިރީ މަގުމަަތީގައި އެ ރެސްޓޯރަންޓުތަކުން ޑަސްޕިނެއް ބަހައްޓަފާނެ އެވެ. ނަމަވެސް ހައުސިން މިނިސްޓްރީން އެކަމަށް މާ ބޮޑު ސަމާލު ކަމެއް ދޭތަނެއް ނުފެ އެވެ. ނަމަވެސް މުޅި ރާއްޖޭގެ އާބާދީގެ ބޮޑު ޕަސަންޓު ދިރިއުޅެނީ ވެސް މާލޭގަ އެވެ. އެހެންކަމުން އެންމެ ގޮނޑުކޮށް އޮންނަ ތަނަކަށް ވެސް ވަނީ މާލެ އެވެ. އެހެންވެ އެފަދަަ އުސޫލުތަކެއް ގާއިމް ކުރަން މި އޮތީ ވިސްނަން ޖެހިފަ އެވެ.
ކަން މިހެން އޮތް ނަމަވެސް ދާދި ފަހުން އުންމީދީ މަންޒަރުތަކެއް މާލެއިން ވަނީ ފެންނަން ފަށައިފަ އެވެ. އެއީ ރަސްފަންނު ހިމެނޭ ސަރަހައްދެވެ. އެތަނުގައި ޑަސްބިންތައް ބަހައްޓާފައި ހުރެ އެވެ. އަދި މާލޭގެ އެހެން ތަންތަނާ ހިލާފަށް އެ ސަރަހައްދު ސާފު ވެސްމެ އެވެ. މިއީ ފެށުމަކަށް ވެދާނެ އެވެ. ނަމަވެސް ވަރަށް ކުޑަ މިންވަރެކެވެ. ކަން ފަސޭހައަކަށް ނުހަދާ އަމިއްލަ ޒިންމާތަކުގެ މަތިން ވެސް ހަނދާންކޮށްލަން ޖެހެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ